Roadha Mihaaru
އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބަށް ހުރަސްއެޅުން؟

އަމާންކަން ނަގާލަން އުޅޭ ކަަމަށް ބުނުން: އިންތިހާބު ނުބޭއްވުމުގެ އުޒުރެއް!؟

05 އޯގަސްޓް 2018

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ނުބާއްވަން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ނުބާއްވަން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް މިނިސްޓަރު އަދި ހާމައެއް ނުކުރައްވަ އެވެ.

އާދަމް ޝަރީފްގެ އެ ވާހަކަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ގައުމުގެ އަމާންކަން ނަގާލަން އުޅޭ ކަމަށް ބުނަނީ، ޚިޔާލު ހޯދުމުގެ ވޯޓްތަކުން މި ސަރުކާރު ބަލިވާނެކަމަށް ދައްކާތީ އާއި، ސަރުކާރު ޖެހިލުންވާވަރުގެ އިދިކޮޅު ބޮޑު ކޯލިޝަނެއް ފެންނަން އޮތުމުން ކަމަށެވެ.

ޖަމީލް މިރޭ ކުރެއްވި ޓުވީޓު.

ސަރުކާރުގެ ވެރިންނަށް އޮތް ހަމައެކަނި ނުރައްކަލަކީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވާނެތީ އޮތް ނުރައްކާ ކަމަށާއި އިންތިޚާބު ފޭރިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް، އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޖަމީލް ވިދާޅުވި އެވެ.

ގައުމުގެ ސަލާމަތަށް އެހާ ބޮޑު ނުރައްކަލެއް އޮތްކަން އެނގި، އެ ވާހަކަ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ފޭސްބުކް ޕޭޖްގައި ހާމަކުރެއްވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކަށް އެއީ ބޮޑު ޖޯކެކެވެ. ބައެއް މީހުން ބުނި ގޮތުގައި، މިއީ އެއްވެސް ސީރިއަސް ކަމެއް ނެތި، ސަރުކާރުން ފެތުރި ޕްރޮޕެގެންޑާއެކެވެ. އޭގެ ބަދަލުގައި، ނޫސް ކޮންފަރެންސެއް، ނުވަތަ އެނޫން ވެސް ރަސްމީ ގޮތެއްގައި މިކަން އިއުލާން ކުރި ނަމަ، ގަބޫލު ކުރެވުނީސް ކަމަށް ބައެއް މީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީރިއާ އާއި ޕާކިސްތާނު ފަދަ ގައުމުތަކުގައި ބަޑި ޖަހައި، ބޮން ގޮއްވައި، އެތައް ބަޔަކު މަރާ ހަމަނުޖެހުން ހިންގަމުން ދާއިރު ވެސް އެ ގައުމުތަކުގެ ރިޔާސީ އިންތިޚާބު ފަސް ނުކޮށް، ބާއްވާފައިވާ ކަމަށެވެ. އަދި ގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި، ޑިފެންސް މިނިސްޓަރު ފޭސްބުކްގައި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ވާހަކަ އިއުލާން ކުރެއްވުމުން ޔަގީން ވަނީ ގައުމީ ސަލާމަތަށް ބޮޑު ޖޯކެއް ކުރިމަތިވެއްޖެ ކަމެވެ.

މަހްލޫފް މިރޭ ކުރެއްވި ޓުވީޓު.

"ވޯޓު ލައިފި ނަމަ، ތިމަންނަމެން ބަލިވާނެއޭ ރީތިކޮށް ބުނެލީމަ ރަނގަޅުވާނެ. އަޅުގަނޑުމެން ތަކުރާރުކޮށް މި ބުނަނީ އެތައް ހާސް ވޯޓެއް ވަގަށް ނެގިޔަސް، ކާމިޔާބު ކުރާނަމޭ. އިންތިޚާބު ލަސްކުރާ ކޮންމެ ދުވަހަކަށް ޔާމީނަށް ގެއްލޭ ވޯޓު ވާނީ އިތުރު،" މަހްލޫފް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އެޖެންޓް ހިސާން ހުސެއިން ވަނީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެމްއެންޑީއެފްގެ ރަސްމީ އިއުލާންތައް ކުރަނީ ޑިފެންސް މިނިސްޓަރުގެ ޕްރައިވެޓް ފޭސްބުކް އެކައުންޓުންތޯ ސުވާލު ކުރައްވައިފަ އެވެ.

ހިސާން މިރޭ ކުރެއްވި ޓުވީޓު.

"ރަސްމީ ކަންކަމުގައި ބޭނުން ކުރާ ހަމަ އާއި އުސޫލު ހުރޭ. މިކަމުން އެނގެނީ މިއީ ރައީސް ޔާމީންގެ ސިޔާސީ ޕްރޮޕެގެންޑާ ކަން،" ހިސާން ވިދާޅުވި އެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓު.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިހާރު އޮތް އަނިޔާވެރިވެރިކަން ކަމަށެވެ.

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ އަމީން ގޮވާލެއްވީ ރިޔާސީ އިންތިޚާބާ ދިމާކޮށް، ގައުމުގައި ބިރުވެރި މާހައުލެއް އުފައްދަން މަސައްކަތް ނުކުރުމަށާއި އިންތިޚާބު ފަސްނުކުރުމަށެވެ.

ސުއޫދު މިރޭ ކުރެއްވި ޓުވީޓު.

ކުރީގެ ބަންޑާރަ ނައިބު، އަދި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ތަފާތު ހާދިސާތައް މެދުވެރި ކުރުވި ކަމަށެވެ. މިފަހަރުގެ އަމަލަކީ ރިޔާސީ އިންތިޚާބު ފަސްކުރަން ކުރަން އުޅޭ ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.