Roadha Mihaaru
"ހިތްވަރު ކުރައްވާ، ކަންތައްތައް ދަނީ ބަދަލުވަމުން"

ހިތްވަރުކުރައްވާ، ކަންތައްތައް ދަނީ ބަދަލުވަމުން: ފައިސަލް

06 އޯގަސްޓް 2018

ގައުމުގެ ކަންތައްތައް މިހާރު އަންނަނީ ބަދަލުވަމުން ކަމަށާއި އެހެންވެ، ރައްޔިތުން ހިތްވަރު އާކުރުމަށް، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގައުމުގެ ކަންތައްތައް މިހާރު އަންނަނީ ބަދަލުވަމުން ކަމަށާއި އެހެންވެ، ރައްޔިތުން ހިތްވަރު އާކުރުމަށް، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މިހާރު މ. އަތޮޅަަށް ކުރައްވާ ދަތުރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް، އިދިކޮޅު ކޯލިޝަންގެ ސަރުކާރުން ވެރިކަން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަން ކުރާނީ ރައްޔިތުން އެދޭ ކަންކަމަށް އިސްކަން ދީގެން. އެހެންވެ، އަޅުގަނޑު އަދިިވެސް ދަންނަވާނީ ރައްޔިތުން ހިތްވަރު އާ ކުރައްވާށޭ. ކަންތައްތައް ދަނީ ބަދަލުވަމުންނޭ. ބަދަލުވުމުގެ މަގުމަތީގައޭ މިއުޅެނީ،" ދިއްގަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވި އެވެ.

ފައިސަލް ދިއްގަރަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ތުއްތު ކުއްޖަކު އުރާލައްވައިގެން

ފައިސަލް ދިއްގަރަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ތުއްތު ކުއްޖަކު އުރާލައްވައިގެން

ކޯލިޝަން ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ތައުރީފް ކުރައްވައި ފައިސަލް ވިދާޅުވީ އެފަދަ ތަޖުރިބާކާރު، އަހުލާގު ރަނގަޅު އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ނަމޫނާ ބޭފުޅަކު، ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭން އޮތް އެންމެ ބޮޑު އުއްމީދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފަދަ ނަސީބެއް ﷲ މިންވަރު ކުރެއްވުމަކީ އަޅުގަނޑުމެން އުފާ ކުރާކަމެއް...އެހެންވެ، އަޅުގަނޑުމެން އެދެން ސެޕްޓެމްބަރު 23 ވަނަ ދުވަހު، ވޯޓުން ތަފާތު ބޮޑު ނަތީޖާއެއް ދެއްކުމަށް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިއްގަރަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެނގިވަޑައިގެންފި އެވެ. އެގޮތުން އުދަ އެރުމުން ކުުރިމަތިވާ ތަކްލީފުތަކާއި ގޯތީގެ ދަތިކަމާއި ބާނާ މަހަށް ހަމަ އަގު ނުލިބުން ފަދަ މައްސަލަތައް ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންވެ، ކޯލިޝަން ސަރުކާރެއްގައި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް އެނގޭނީ އެ މީހުންގެ ކައިރިއަށް ގޮސްގެ ކަމަށާއި ރައްޔިތުންނަށް ކޮށްދޭން ޖެހޭނީ ސަރުކާރަށް ފެންނަ ކަންތައްތަކުގެ ބަދަލުގައި، ރަށަށް މުހިއްމު ކަންތައްތައް ކަމަށެވެ. އަދި ކޯލިޝަނުގެ މަގްސަދަކީ ވެސް، ރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް، ހަމަޖެހިގެން، އާއިލާއާ އެކީ އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޖުބޫރުކޮށްގެން ރައްޔިތުން އެއްތަނަކަށް ހިޖުރަކުރަން ކޯލިޝަނަކުން ބޭނުމެއް ނޫނެވެ.

"ޖަޒީރާވަންތަ، ކުދި އެކި ސައިޒުގެ ރަށްތަކުގައި ރައްޔިތުންނަށް އުޅެވެން ޖެހޭ. އެންމެ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްކޮޅު މި ހޭދަކޮށްލެވެނީ ރީތި ރަށްރަށަށް އައިސް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ދިރިއުޅުން ބިނާކުރުމަށް، ސިއްހީ އަދި ތައުލީމީ ވަސީލަތްތައް ފުޅާކުރައްވާނެ ކަމަށެވެ.