Roadha Mihaaru
"ޓްރެފިކް ޖޭމް" ގެ އެނބުރި އައުން ހަބޭސްއާ އެކު

"ޓްރެފިކް ޖޭމް" ގެ އެނބުރި އައުން ހަބޭސް ބޮޑުބެރު ބޭންޑާ އެކު

08 އޯގަސްޓް 2018

ރޮކް މިއުޒިކަށް ރާއްޖޭގައި އެންމެ ކުޅަދާނަ އެއް ބޭންޑް ކަމަށްވާ "ޓްރެފިކް ޖޭމް" ގެ އަޑު މި ދޭތެރެއިން މަޑުވެފައި ވަނިކޮށް، މަޝްހޫރު ހަބޭސް ބޮޑުބެރު ބޭންޑާ އެކު އަލުން ފޯރި ނަގަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޮކް މިއުޒިކަށް ރާއްޖޭގައި އެންމެ ކުޅަދާނަ އެއް ބޭންޑް ކަމަށްވާ "ޓްރެފިކް ޖޭމް" ގެ އަޑު މި ދޭތެރެއިން މަޑުވެފައި ވަނިކޮށް، މަޝްހޫރު ހަބޭސް ބޮޑުބެރު ބޭންޑާ އެކު އަލުން ފޯރި ނަގަން ތައްޔާރުވެއްޖެ އެވެ.

މިކަން ދެ ބޭންޑުން އިއުލާންކޮށްފައި މި ވަނީ ހަބޭސްގެ 7 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެންނެވެ. އަދި މިކަން އިއުލާން ކުރި އިރު، ދެ ބޭންޑް އެކުވާނެ ކަމުގެ އިޝާރާތެއް ހަބޭސް އިން ހުޅުމާލޭގައި މި އަހަރު ބޭއްވި އީދު ޝޯގައި ވެސް ވަނީ ދީފަ އެވެ.

އެ ޝޯގައި ހަބޭސްއާ އެކު ޓްރެފިކް ޖޭމް ޕަފޯމްކޮށްފައިވެ އެވެ.

ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނި ގޮތުގައި ރާއްޖޭގެ އެންމެ ވަރުގަދަ ރޮކް ބޭންޑް، ރާއްޖޭގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ހަބޭސްއާ ގުޅުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. އަދި މިއީ ދެ ބޭންޑްގެ ފޭނުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

ހަބޭސްގެ އެފްބީ ޕޯސްޓެއް.

"ކުރިއަށް އޮތް ތަނުގައި އަހަރެމެންނާ އެކު ޓްރެފިކް ޖޭމް ޝޯތަކުގައި ޕަފޯމް ކުރާނެ. މިއީ ޔަގީނުން ވެސް މުއިޒިކަށް ލޯބި ކުރާ މީހުންނަށް ވަރަށް ހާއްސަ އަދި އުފާވާ ކަހަލަ ކަމަކަށް ވާނެ،" އޭނާ ބުންޏެވެ.

ހަތަރު މެމްބަރުން ހިމެނޭ "ޓްރެފިކް ޖޭމް" އަކީ 2005 ގައި ވުޖޫދަށް އައި ބޭންޑެކެވެ. އަދި ބޭންޑުން ވަނީ މިހާތަނަށް ވަރަށް ވަރުގަދަ ލަވަތަކެއް ވެސް ގެނެސް ދީފަ އެވެ. "ޓްރެފިކް ބޭންޑް" އަކީ ރާއްޖޭން ބޭރުގައި ވެސް މަޝްހޫރު ބޭންޑެކެވެ.

ހަބޭސް އައްޔަ ބުނި ގޮތުގައި އެ ބޭންޑްގެ އަހަރީ ދުވަސް ފާހަގަ ކުރަން މިއަދު ބާއްވަން ރޭވި އިވެންޓް މިހާރު ވަނީ އަންނަ މަހުގެ 7 އަށް ފަސްކޮށްފަ އެވެ. އެ އިވެންޓްގައި ވެސް "ޓްރެފިކް ޖޭމް" ބައިވެރި ވާނެ އެވެ.

ހަބޭސްގެ ދަށުން ވެސް އިތުރު ބޭންޑްތަކެއް ހިންގަ އެވެ. އެއީ "ލެވިޓޭޝަން" އާއި "ހަބޭސް ފިއުޝަން" އެވެ.