Roadha Mihaaru
ރައީސް ވަޑައިގަންނަވާތީ އެމްޑީޕީ ދިދަތައް ނަންގުވައިފި

ރައީސް ވަޑައިގަންނަވާތީ، ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ނަގައިފި

07 އޯގަސްޓް 2018

ރިއާސީ އިންތިޚާބުގެ ކެމްޕޭނަށް ގއ. ކޮލަމާފުށީ އެމްޑީޕީ އޮފީހުގެ ބޭރުގައި ދަމާފައި ހުރި އެ ޕާޓީގެ ދިދަތައް، ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާތީ، ކޯޓު އަމުރަކާ އެކު ފުލުހުން ރޭ ނަގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރިއާސީ އިންތިޚާބުގެ ކެމްޕޭނަށް ގއ. ކޮލަމާފުށީ އެމްޑީޕީ އޮފީހުގެ ބޭރުގައި ދަމާފައި ހުރި އެ ޕާޓީގެ ދިދަތައް، ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާތީ، ކޯޓު އަމުރަކާ އެކު ފުލުހުން ރޭ ނަގައިފި އެވެ.

އެ ދިދަތައް ނެގުމަށް ފުލުހުން ވަނީ ކޮލަމާފުށީ އެމްޑީޕީގެ އޮފީހުގެ އިސް ވެރިންނަށް އިއްޔެ އަންގައިފަ އެވެ. އެކަމަކު، ފަހުން ކޯޓު އަމުރަކާ އެކު ފުލުހުން ގޮސް ދިދަތައް ނެގީ، ކުރިން އެންގި އެންގުމަށް އަމަލު ނުކުރުމުން ކަމަށް ވެ އެވެ.

ކޮލަމާފުށީގައި ދަމާފައި ހުރި އެމްޑީޕީ ދިދަތައް ނަގަން ފުލުހުން އެންގީ އެ ރަށުގެ ކައުންސިލްގެ ތިން މެމްބަރުންގެ ތެރޭގައި މިހާރު ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަމައެކަނި މެމްބަރު އަލީ ވަހީދުގެ އިތުރުން، ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ޖަމީލް އާއި ކައުންސިލްގެ ކުރީގެ ނައިބް ރައީސް އަހްމަދު ރައޫފް ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމަށް ފަހު އެވެ. މި ދެ ބޭފުޅުން ވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ.

ވަހީދު ވިދާޅުވީ ފުލުހުންގެ އެންގުމަށް އަމަލު ނުކުރީ، ކެމްޕެއިން ކުރުމަކީ ގާނޫނުއަސާސީން ހުރިހާ އެންމެންނަށް ވެސް ލިބިފައިވާ ހަމަހަމަ ފުރުސަތަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން ދިދަތައް ނުނެގީމާ، ކޯޓު އަމުރެއް ހިފައިގެން އެ މީހުން [ފުލުހުން އައިސް] އެ ދިދަތައް ނެގީ،" ވަހީދު ވިދާޅުވި އެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުގައި އަންގާފައި ވަނީ ކޮލަމާފުށީގައި ހިންގާ އެމްޑީޕީގެ އޮފީސް ސަރަހައްދުގައި ކުރިއަށް އޮތް ތިން ދުވަހު ދިދަތައް ނުދެމުމަށެވެ. ދިދަތައް ނަގަން އެންގީ، ރައީސް ޔާމީން އެ އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވާ އިރު، ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ ހަރަކާތްތައް ހިންގަން ރާވާކަމުގެ ޚަބަރު ފުލުހުންނަށް ލިބިފައި ވުމުން ކަމަށް ވެސް އަމުރުގައި ވެ އެވެ.

"...ރައީސް ޔާމީން ފަރިއްކުޅުވާ ސަރަހައްދުގައި ބަޔަކު މީހުން ޖަމާކުރުމަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް [އެމްޑީޕީ ދިދަތައް ދެމުން] ބެލެވޭތީ އެ ސަރަހައްދުގައި ހުރި ދިދަ ފޮތިތަކާއި ހަމަނުޖެހުންތައް ހިންގުމަށް މީހުން ޝައުގުވެރިވާ ފަދަ އެއްވެސް އެއްޗެއް ނުވަތަ ލިޔުމެއް، ޕޯސްޓަރެއް، ބެނާއެއް ހުރި ނަމަ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް" އަންގާ ކަމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ވަހީދު ވިދާޅުވި ގޮތުގައި އެ ރަށުގައި ދަމާފައި ހުރި އެމްޑީޕީގެ ދިދަތައް ނެގި ނަމަވެސް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދިދަތައް އަދިވެސް އެބަ ހުއްޓެވެ.