Roadha Mihaaru
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ

ހިޔާލު ފާޅުކުރުމުގެ މިނވަންކަން ހުއްޓުވާ ބިލު ދިރާސާ ކުރަން މިރޭ ފަށަނީ

07 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރުމުގެ އަމަލީ މަސައްކަތް މިރޭ ފެށުމަށް ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރުމުގެ އަމަލީ މަސައްކަތް މިރޭ ފެށުމަށް ނިންމައިފި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގެ މެމްބަރަކު ވިދާޅުވި ގޮތުގައި، މިރޭ 8:30 ގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުންނަށް ބިލާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭނެ އެވެ. އަދި މެމްބަރުން ބޭނުންވާ އިސްލާހެއް ބިލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެ އެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ 11 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ ހަ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެމްބަރަކާއި އެމްޑީޕީގެ ދެ މެމްބަރަކާއި އެމްޑީއޭގެ މެމްބަރެކެވެ. ކޮމެޓީ ބެހިފައި އޮތް ގޮތުން ކޮމެޓީގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި މީޑިއާ ކައުންސިލްގެ ރައީސް އާސިފް (ވ) ވާހަކަ ދައްކަވަނީ: ބިލު އޮތް ގޮތަށް ފާސްނުކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މީޑިއާ ކައުންސިލުން ގޮވައިލި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި މީޑިއާ ކައުންސިލްގެ ރައީސް އާސިފް (ވ) ވާހަކަ ދައްކަވަނީ: ބިލު އޮތް ގޮތަށް ފާސްނުކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މީޑިއާ ކައުންސިލުން ގޮވައިލި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ ފަރާތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ދަނގެތި ދާއިރާގެ އިލްހާމް އަހުމަދެވެ. އެމްޑީޕީ ތަމްސީލް ކުރައްވަނީ ގަމު ދާއިރާގެ ފައްޔާޒް އިސްމާއިލާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ކޮމެޓީގައި އިންނަވާއިރު، އެމްޑީއޭ ތަމްސީލް ކުރައްވަނީ، ކޮމިޓީގެ ނައިބު މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

މީގެ ކުރިން ބޭއްވި ކޮމެޓީ ޖަލްސާތަކުގައި މި ބިލާ ގުޅުން ހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން، ރަޖިސްޓްރީކޮށްގެން ހިންގާ ބައެއް މީޑިއާތައް، ފިލްމު އެސޯސިއޭޝަން އަދި ފިގުހު އެކަޑެމީ ނަމުގައި އިލްމުވެރިންތަކެއް ހާޒިރު ކުރި އެވެ.

ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރެވުނު ފަރާތްތައް:

- މޯލްޑިވްސް މީޑިއާ ކައުންސިލް

- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

- ރަޖިސްޓްރީކޮށްގެން ހިންގާ 9 މީޑިއާއެއް

- ފިލްމު އެސޯސިއޭޝަން

- ފިގުހު އެކަޑަމީ ނަމުގައި އިލްމުވެރިންތަކެއް

ކޮމެޓީއަށް ހާޒިރު ނުކުރާ ފަރާތްތައް:

- ޕްރޮސެކިއުޓާ ޖެނެރަލް

- އެޓާނީ ޖެނެރަލް

- ފުލުހުން/އެމްއެންޑީއެފް

- ގައުމީ ޔުނިވާސިޓީ/ އިސްލާމިކް ޔުނިވާސިޓީ

- ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)

- ލޯޔަރުން ހިމެނޭ ޖަމިއްޔާއެއް އޮތްނަމަ އެ ޖަމިއްޔާއެއް

އަބުރުގެ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެ ހިޔާލުތަކަކީ "ބާތިލް" އެއްޗެއްގެ ގޮތުގައި އާއި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ކޮމެޓީން ނިންމި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. މި ބިލު އަބުރާ ގެންދިއުމަށް "މިހާރު" ނޫހުން ވަނީ ގޮވާލާފައި.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. މި ބިލު އަބުރާ ގެންދިއުމަށް "މިހާރު" ނޫހުން ވަނީ ގޮވާލާފައި.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، ބައެއް ބައްދަލުވުންތަކަށް މީޑިއާތަކާއި ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރުން ކޮމެޓީ އަށް ވަޑައިނުގެންނެވޭނެ ގޮތް ހެއްދެވުމަށް އިލްހާމް ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު ކޮމެޓީތައް ސިއްރު ކުރެވޭނީ އެ ދުވަހެއްގެ ބައްދަލުވުން ފެށުމާއެކު، މެމްބަރަކު އެގޮތަށް ހުށަހެޅުއްވުމުންނެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ލިބިއްޖެ ނަމަ، ކޮމެޓީގެ މުގައްރިރު އެ ހުށަހެޅުމަށް ވޯޓަށް އަހައި ފާސްވެއްޖެ ނަމަ، ކޮމެޓީ ބައްދަލުވުން ސިއްރު ކުރެވިދާނެ އެވެ.

ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، މާދަމާ އަދި އަންނަ އަންގާރަ އާއި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތި، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ މެމްބަރުންނަށް އަންގަވައިފަ އެވެ.

ނަމަވެސް އެއީ ކޮން ވޯޓެއް ކަމެއް ނިހާން ވިދާޅުވެފައެއް ނެތެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގަ އާއި އަދި ވައިބަ ގުރޫޕްގައި އެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނިހާން އިޝާރާތް ކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް މަޖިލިހުން ފާސްކުރުމުގެ މައްސަލައަށެވެ.

މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.