ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު މަސްނޫއީ ފަރު ރާއްޖޭގެ ސަމާ އައިލެންޑް ރިސޯޓުގައި އިއްޔެ ހަދައިފި އެވެ.
12 އޯގަސްޓް 2018
ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު މަސްނޫއީ ފަރު ރާއްޖޭގެ ސަމާ އައިލެންޑް ރިސޯޓުގައި އިއްޔެ ހަދައިފި އެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ފަރުތަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން މިހާރު ހުރި ނިޒާމްތަކަށް ވުރެ ރަނގަޅު ނިޒާމެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެދި ފަރެކެވެ.
މި ފަރު ހެދުމަށްޓަކައި އޮސްޓްރޭލިއާގެ މެލްބަންގެ "ރީފް ޑިސައިން ލެބް"ގައި ބިޔަ ތްރީޑީ ޕްރިންޓަރެއްގެ އެހީގައި ފަރުގެ އޮނިގަނޑު އޮންނާނޭ ގޮތުގެ ތައްގަނޑެއް ހެދި އެވެ. އަދި އެ ތައްގަނޑަށް ސެރަމިކް އާއި މެރީން ކޮންކްރީޓް އަޅައިގެން ފަރުގެ އޮނިގަނޑު ތައްޔާރުކޮށް ސަމާ އައިލޭންޑް ރިސޯޓްގެ ފަޅުތެރޭގައި މިހާރު ވަނީ ބަހައްޓައިފަ އެވެ.
ފަޅުތެރޭގައި މި ފަރު ރާވާލާފައިވާ އިރު، އެ ފަރުގައި ގުދުރަތީ ގޮތުން މުރަކަ އުފެދިގެންދާނެ އެވެ. ފަޅުގެ ތެރޭގައި ފަރު ބަހައްޓާފައި ހުރީ އެ ރިސޯޓްގައި މިހާރު ވެސް މުރަކަ އާލާކުރުމަށް ހަދާފައިވާ ނާސަރީއާ ވަރަށް ކައިރީގައި، ފަޅުގެ ހަތް މީޓަރު ފުނުގަ އެވެ. އަދި އެ ނާސަރީގައި އާލާކޮށްފައިވާ ކުދިކުދި މުރަކަކޮޅުތަކެއް ވެސް މިހާރު ވަނީ މަސްނޫއީ ފަރުގައި ހަރުކޮށްފަ އެވެ.
މި ގޮތަށް ހެދުމުން، އެ ގުދުރަތީ މުރަކަތައް އިތުރަށް ގިނަވެ، މަސްނޫއީ ފަރުގައި މުރަކަ އާލާވެގެންދާނެ އެވެ.
އެ ރިސޯޓުން އުންމީދު ކުރާ ގޮތުގައި އަހަރު ދެ އަހަރުގެ ތެރޭގައި މި ފަރުގައި މުރަކަތައް އާލާވެ ގިނަވުމުން މަސްމަހާމެއްސާއި ކަނޑުގެ ދިރުންތައް އެ ފަރަށް ޖަމާވެ ގުދުރަތީ ފަރެއްގެ ސިފަ ޖެހިގެންދާނެ އެވެ.
މި މަޝްރޫއުގައި އިސްވެ މަސައްކަތް ކުރާ އެލެކްސް ގޯޑް ބުނެފައި ވަނީ މިއީ ދުނިޔޭގެ ފަރުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރާ އާ މަސައްކަތެއް ކަމެވެ.
"މި ޓެކްނޮލޮޖީގެ އެހީގައި ކަނޑުގެ ފަރުތަކާއި އެއްގޮތަށް އަހަރުމެން މަސްނޫއީ ފަރުތައް ހެދިން. އަޅުގަނޑުމެން އުންމީދު ކުރަނީ ފަރުތައް ހިމާޔަތް ކުރަން މިހާރު ބޭނުންކުރާ އެހެން ނިޒާމްތަކަށް ވުރެ ކާމިޔާބު ނިޒާމަކަށް މި ކަހަލަ ފަރުތައް ވާނެ ކަމަށް،" އެލެކްސް ބުންޏެވެ.
ސަމާ އައިލެންޑް ރިސޯޓްގެ މެނޭޖަރު މާރިއާ ޝަރީފް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް އެ ރިސޯޓުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ޓުއަރިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ކަމަށެވެ.
"މި ފަރު ކަހަލަ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތައް ޓުއަރިސްޓުންގެ ތެރޭގައި ވަރަށް މަޝްހޫރު. މީގެ އިތުރުން މި ތަނުގައި މަސައްކަތް ކުރާ ދިވެހިންގެ މެދުގައި ވެސް މި ކަހަލަ މަޝްރޫއުތައް ވަރަށް ކަމުދޭ. އެ މީހުން ވެސް ބޭނުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން،" މާރިއާ ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ސަމާ އައިލެންޑް ރިސޯޓުން ކުރާ މަސައްކަތުގެ ތެރޭގައި މަސްނޫއީ ފަރުގެ އިތުރުން، އެކިއެކި ބުއިންތަކަށް ބޭނުން ކުރާ ޕްލާސްޓިކް ހޮޅި ބޭނުން ނުކުރުމާއި، ރިސޯޓްގައި ބޭނުންކުރުމަށް ބޯފެން އިމްޕޯޓްކުރުން މަދުކުރުމާއި މުރަކަ ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގުން ހިމެނެ އެވެ.
ސަމާ އައިލެންޑްގެ ޑޮކްޓަރު ވެސް އެކަހެރިކޮށްފި
ތައިލެންޑްގެ މި ތަޖުރިބާ ރާއްޖެ އަށް ވެސް މުހިންމު
މާރިޔާ: ޓޫރިޒަމްގައި މިހާރު މިވަރެއް ނެތް!
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އުކުޅަހުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް