Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މާރިޔާ: ޓޫރިޒަމްގައި މިހާރު މިވަރެއް ނެތް!

މާރިޔާ: ޓޫރިޒަމްގައި މިހާރު މިވަރެއް ނެތް!

27 ސެޕްޓެމްބަރ 2016

ޓޫރިޒަަމް ދާއިރާގެ މަސައްކަތްތައް އޭނާ ފެށީ ރިސޯޓެއްގެ ބަދިގެ ތެރެއިންނެވެ. ފުރަތަމަ ވަޒީފާ އަކީ ޕޭސްޓްރީ ތައްޔާރުކުރުމެވެ. އޭނާގެ ރަހަތަކުން ޓޫރިސްޓުން ހިތްހަމަ ޖައްސައިދިނުމަށް ފަހު އެތަނުން ނިކުތީ ވެއިޓަރަކަށެވެ. އޭގެ ފަހުން ބަދަލުވީ ރިސެޕްޝަނިސްޓަކަށެވެ. ދެން ގެސްޓް ރިލޭޝަން އޮފިސަރަކަށެވެ. ފަހަރަކު ކަމެއް ކުރަމުން ގޮސް އިދާރީ މަސައްކަތްތަކާއި އެޗްއާރާއި މާކެޓިންއާ ގުޅޭ ހުރިހާ ވެސް ކުރި އެވެ. އޭނާގެ މަސައްކަތްތައް މި ހިސާބުން ކުރުކޮށްލާނަމަ، ވޭތުވެދިޔަ 14 އަހަރު ތެރޭގައި މާރިޔާ ޝަރީފް، 35، އަތް ނުލާ މަސައްކަތެއް ޓޫރިޒަމް ދާއިރާގައި ނެތެވެ. މިހާރު އޭނާ އަކީ ރިސޯޓެއްގެ މެނޭޖަރެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓޫރިޒަަމް ދާއިރާގެ މަސައްކަތްތައް އޭނާ ފެށީ ރިސޯޓެއްގެ ބަދިގެ ތެރެއިންނެވެ. ފުރަތަމަ ވަޒީފާ އަކީ ޕޭސްޓްރީ ތައްޔާރުކުރުމެވެ. އޭނާގެ ރަހަތަކުން ޓޫރިސްޓުން ހިތްހަމަ ޖައްސައިދިނުމަށް ފަހު އެތަނުން ނިކުތީ ވެއިޓަރަކަށެވެ. އޭގެ ފަހުން ބަދަލުވީ ރިސެޕްޝަނިސްޓަކަށެވެ. ދެން ގެސްޓް ރިލޭޝަން އޮފިސަރަކަށެވެ. ފަހަރަކު ކަމެއް ކުރަމުން ގޮސް އިދާރީ މަސައްކަތްތަކާއި އެޗްއާރާއި މާކެޓިންއާ ގުޅޭ ހުރިހާ ވެސް ކުރި އެވެ. އޭނާގެ މަސައްކަތްތައް މި ހިސާބުން ކުރުކޮށްލާނަމަ، ވޭތުވެދިޔަ 14 އަހަރު ތެރޭގައި މާރިޔާ ޝަރީފް، 35، އަތް ނުލާ މަސައްކަތެއް ޓޫރިޒަމް ދާއިރާގައި ނެތެވެ. މިހާރު އޭނާ އަކީ ރިސޯޓެއްގެ މެނޭޖަރެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސަމަ އައިލެންޑް މޯލްޑިވްސްގެ މެނޭޖަރު ކަމާ މި މަހު ހަވާލުވި މާރިޔާ އަކީ މިހާރު މި ދާއިރާގައި ނަމޫނާ އަންހެނެކެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އަންހެން، ރިސޯޓް މެނޭޖަރެވެ.

މިއީ، މުޅި ޓޫރިޒަމް ދާއިރާ އަށް ވެސް ލިބޭ ފަހުރެކެވެ. އެއީ އޭނާ ހުރި މަގާމަށް އައުމަކީ މި ދާއިރާގައި އަންހެނަކަށް ކުރާ އެހާ ފަސޭހަ ކަމެއް ނޫނެވެ.

މާރިޔާ، ސަމަ އައިލެންޑް ރިސޯޓުގެ މުވައްޒަފަކާ އެކު.

މާރިޔާ، ސަމަ އައިލެންޑް ރިސޯޓުގެ މުވައްޒަފަކާ އެކު.

ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން އަންހެންނަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ގޮންޖެހުންތަކާއި ހުރަސްތަކެއް މާރިޔާ އަށް ވެސް ކުރިމަތިވި އެވެ. އޭނާގެ ކާމިޔާބީ އަކީ ކުރިމަތިވި އުނދަގޫތަކެވެ.

"ޓޫރިޒަމް ދާއިރާ އަށް ހިތްދެވުނު އިރު ވެސް އެނގޭ ކިހާވަރެއްގެ ކަމެއް ކަން މިއީ. އުނދަގޫތައް ކުރިމަތިވާނެ ކަން. އަމިއްލަ އަށް އެކަންކަން ތަޖުރިބާ ކުރެވެން ފެށީމަ ހިތަށް އެރީ ފިލައެއް ނޯންނާނަމޭ، ކުރިމަތިލާނީއޭ،" މާރިޔާ ބުންޏެވެ.

ފަހަރަކު ހަރުފަތަކުން ކުރި ހޯދަމުން ގޮސް މި ދާއިރާގައި މިހާރު އޭނާގެ ޒިންމާ ވަރަށް ބޮޑެވެ. ރިސޯޓް ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް ލަފާ އެރުވުމާއި ރިސޯޓް އިޝްތިހާރުކުރުމަކީ ވެސް އޭނާގެ މަސައްކަތެކެވެ. އެކަމަކު މި ހިސާބަށް އާދެވުނީ، މާރިޔާ ބުނި ގޮތުގައި، ވަރަށް ބުރަ މަސައްކަތުންނެވެ.

ސްކޫލްގައި އުޅުނުއިރު ކުރިއަށް ގެންދިޔަ ކެރިއަ ކައުންސެލިން ޕްރޮގްރާމަކުން މި ދާއިރާ އަށް ހިތް ޖެހުނު މާރިޔާ ދެކޭގޮތުގައި، މޮޅަށް ކިޔެވިއަސް އަމަލީ ތަޖުރިބާއާ ނުލައި މި ދާއިރާ އިން ވެސް ކުރިއަކަށް ނުދެވޭނެ އެވެ. އެންމެ މުހިއްމު އެއް ކަމަކީ، އަމިއްލަ އަށް ކަންކަން ދަސްކުރުމެވެ.

"އަޅުގަނޑުގެ ސީނިއަ ބޭފުޅުން މީޓިންތަކަށް ވަޑައިގަންނަވާއިރު، ނޫނީ ކަމެއް ނިންމާއިރު ވަރަށް ބަލަން، ދަސްކުރިން ކަންކަން ކުރާ ގޮތް. އެކި މީހުންނާ ބައްދަލުވީމަ ކަންކަން އޮޅުންފިލުވިން. އެއީ ވަރަށް މުހިއްމު ކަމެއް،" މާރިޔާ ބުންޏެވެ.

މެލޭޝިއާ އިން ކޯސް ހަދައިގެން އެންމެ ފުރަތަމަ ވަނީ ބަނޑޮސް އައިލެންޑް ރިސޯޓު ޕޭސްޓްރީ ކިޗަން އެސިސްޓެންޓެއްގެ ވަޒީފާ އަށެވެ.

"އެ މަސައްކަތުގައި އުޅެނިކޮށް ދޭތެރެއަކުން ފުރުސަތެއް ލިބުނީ ވެއިޓަރަކަށް ވާން. އެހެންވެ އެކަން ކުރީ،" މާރިޔާ ބުންޏެވެ.

އޭގެ ފަހުން ބޭރުން ޑިގްރީ ހަދައިގެން އައިސް ވަނީ ރިސޯޓެއްގެ އެޑްމިނިސްޓްރޭޓިވް ވަޒީފާ އަކަށެވެ. ކުރަން ޖެހުނު އެއްވެސް ކަމަކަށް ނޫނެކޭ އޭނާ ނުބުނެ އެވެ.

"އޭރު ޖެހުނު ފްރަންޓް އޮފީހުގެ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރަން. ފޯނު އޮޕަރޭޓަރަކަށް ވެސް ހުރިން. ރިސެޕްޝަނިސްޓަކަށް، ގެސްޓް ރިލޭޝަން އޮފިސަރަކަށް، އެޗްއާރުގެ މަސައްކަތްތައް. މިހެން ގޮސް ފުދޭވަރަކަށް ގިނަ މަސައްކަތްތައް ކުރަން ޖެހުނު،" މާރިޔާ ބުންޏެވެ.

މާރިޔާ ރިސޯޓުގެ މުވައްޒަފުންތަކަކާ އެކު: ވޭތުވެދިޔަ 14 އަހަރު އޭނާ ވަނީ ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފައި.

މާރިޔާ ރިސޯޓުގެ މުވައްޒަފުންތަކަކާ އެކު: ވޭތުވެދިޔަ 14 އަހަރު އޭނާ ވަނީ ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފައި.

މާކެޓިން ދާއިރާގެ މަސައްކަތްތައް ކުރަން ޖެހުނީ ހިލްޓަން ރިސޯޓުގައި އުޅުނު އިރެވެ. އޭރު އެ މަސައްކަތަށް ޝައުގުވެރިވެ އެ ދާއިރާ އިން، އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ރިސޯޓްތަކުގެ މާލެ އޮފީސްތަކުގައި ވެސް މަސައްކަތް ކުރި އެވެ. ސަމަ އައިލެންޑް ރިސޯޓުގެ ވަޒީފާ އަށް ދިއުމުގެ ކުރިން އަދާކުރީ އެ ރިސޯޓް ހިންގާ ކައިމޫ ގްރޫޕްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރުގެ މަގާމެވެ.

"މިހާރު މި މަސައްކަތް ކުރާ ސަމަ އައިލެންޑަކީ އަޅުގަނޑު ވަރަށް ލޯބިވާ ތަނެއް. މި ތަނުގައި އޮތް ޓީމާ އެކު މަސައްކަތް ކުރަން އަޅުގަނޑަށް ވަރަށް ފަސޭހަ. އެންމެން ވެސް ވަރަށް ސަޕޯޓިވް. އެއީ ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" މާރިޔާ ބުންޏެވެ.

ބައެއް ވާހަކަތަކަކީ ހަގީގަތް، ތަޖުރިބާކުރަން ޖެހުނު!

މަސައްކަތް ކުރަން ކިތަންމެ ބޭނުން ވިއަސް މި ދާއިރާ އަކީ ކުރިން އޭނާ އަށް ބޮޑު ބިރެކެވެ. އެއް ކަމަކީ އަންހެން ކުދިން މި ދާއިރާގައި މަސައްކަތް ކުރުމާ ނުރުހުންވެ ދައްކަމުން ދިޔަ ވާހަކަތަކެވެ. ރިސޯޓް ދާއިރާ އަކީ އަންހެން ކުދިން އުޅެން ކަމުދާ ދާއިރާއެއް ނޫނެވެ؛ މިއީ މަދުން ނަމަވެސް މިހާރު ވެސް ބައެއް މީހުންގެ ވިސްނުން ހުރި ގޮތެވެ.

މި ވިސްނުމާ ހެދި އަމަލީ ގޮތުން އުނދަގޫތަކަކާ މާރިޔާ އަށް ވެސް ކުރިމަތިލާން ޖެހުނެވެ. ފުރަތަމަ ދުވަސްކޮޅު ޑިއުޓީ ނިންމާފައި ކޮޓަރިން ބޭރަށް ނުނިކުމެ އޮންނަން ވެސް ޖެހުނެވެ. އެއީ، ވަޒީފާގައި އަންހެން ކުދިން މަދުވެ، ފިރިހެނުންގެ ތެރޭގައި އެކަނި އުޅެން ޖެހުމުން ފުރައްސާރައާ ކުރިމަތިލާން ޖެހޭތީ އެވެ.

"ވަރަށް ގިނަ މީހުން ނަސޭހަތް ވެސް ދިން ރިސޯޓަށް ނުދާށޭ. މިވެނި މިވެނި ކަންތައްތައް ވެޔޭ އަންހެން ކުދިންނަށް. މާބޮޑަށް ގަބޫލެއް ނުކުރަން، އެކަމަކު ފުރަތަމަ ކޮޅުގައި ދަންވަރު ގުޅާ މީހުން ވެސް އުޅޭ އަންހެން ކުއްޖަކަށްވީތީ ޖެއްސުންކުރަން،" މާރިޔާ ބުންޏެވެ.

މުވައްޒަފުންތަކަކާ މާރިޔާ ބައްދަލުކުރަނީ

މުވައްޒަފުންތަކަކާ މާރިޔާ ބައްދަލުކުރަނީ

އެންމެ ބޮޑަށް އުނދަގޫވީ މަޑުމައިތިރި ކަމަށް ލޯބިކުރާއިރު، އެގޮތަށް ފުރައްސާރައާ ކުރިމަތިލާން ޖެހުމުން ކަމަށް މާރިޔާ ބުންޏެވެ. ޑިއުޓީ ނިންމާފައި، ކާން ނުނިކުމެ ކޮޓަރި ތެރޭގައި އޮތީ ވެސް ޖެއްސުމުގެ ބަސްތައް އަޑު އަހަން ބޭނުން ނުވާތީ އެވެ.

"ފަހުން ވިސްނުނީ، މިގޮތަށް ފިލާ އޮވެގެން ފައިދާއެއް ނުވާނެއޭ. ކުރިމަތިލާން ޖެހޭނެއޭ. ދެން ނިކުމެ އުޅެން ފެށީމަ އެކުގައި މަސައްކަތް ކުރި އެންމެންނަށް ވެސް އެނގިއްޖެ ހީކުރާ ކަހަލަ މީހެއް ނޫން ކަން، ކެރޭނެކަން،" މާރިޔާ ބުންޏެވެ.

ވަޒީފާގެ މާހައުލުގައި އަންހެނުންނަށް އުނދަގޫ ކުރިމަތިވުމަކީ ހަމައެކަނި ޓޫރިޒަމް ދާއިރާގައި ނުވަތަ ރާއްޖޭގައި ކުރިމަތިވާ ކަމެއް ނޫނެވެ. ފަހަތަށް ނުޖެހި ކުރިއަށް ދިޔައީ އެކަން ވެސް ހިތުގައި ބާއްވައިގެން ކަމަށް މާރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު، ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް ހުރި ހުރަސްތައް މިހާރު މަދެވެ. މި ދާއިރާގައި މަސައްކަތް ކުރާ އަންހެން ކުދިންގެ އަދަދު ނިސްބަތުން ގިނައީ ވެސް އެހެންވެ ކަމަށް މާރިޔާ ދެކެ އެވެ.

"މައްސަލައަކީ ވިސްނުން، މިހާރު ވަރަށް ބޮޑަށް އެ ވިސްނުން ބަދަލުވެއްޖެ. ރިސޯޓް ދާއިރާ އަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ވަޒީފާއެއް ނޫން ކަން ގިނަ ބަޔަކު ގަބޫލުކުރޭ. އަންހެނުން އަންނަނީ އެކަން ސާބިތު ވެސް ކޮށްދެމުން،" މާރިޔާ ބުންޏެވެ.

ބޮޑެތި ބަދަލުތަކަކަށް ވިސްނުން ގެންގުޅޭ

ޓޫރިޒަމް ދާއިރާ އިން މިހާތަނަށް ކުރެވުނު ތަޖުރިބާ އިން މި ދާއިރާގެ އެތައް ކަމެއް ބަދަލުކުރަން ޖެހޭ ކަމަށް މާރިޔާ ގަބޫލުކުރެ އެވެ. އެއް ކަމެއް ގޮތުން ފާހަގަކުރީ ބައެއް ރިސޯޓްތަކުގައި މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތެވެ.

"ވަރަށް ބޮޑަށް މުވައްޒަފުން ހިފަހައްޓާފައި އޮންނަނީ. މަނާ ކަންތައް ވަރަށް ގިނަވާނެ. އެންމެ ކުޑަވެގެން ގެސްޓުންނާ ވާހަކަ ދެއްކުން ވެސް އޮންނަނީ މަނާކޮށްފައި. އެކަމަކު އެވަރަށް ކަންކަން ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް،" މާރިޔާ ބުންޏެވެ.

"މީގެ މާނައަކީ ޑިސިޕްލިންކުރަން އުސޫލްތަކެއް ކަނޑައަޅާފައި އޮންނަން ނުޖެހޭ ވާހަކައެއް ނޫން. މާނައަކީ މުވައްޒަފުންނަށް އިތުބާރުކުރާށޭ. ކުރަން ނުވާ ކަންތައް ވެސް އޭރުން އެނގޭނެ."

ހަތަރު ތަރީގެ ސަމަ އައިލެންޑް ހިތްގައިމު ތަނެއްގެ ގޮތުގައި މާކެޓް ކުރާއިރު އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ، މާރިޔާ ބުނި ގޮތުގައި، މުވައްޒަފުންގެ ހިތް ހަމަޖެހުމެވެ. ޓޫރިޒަމް ދާއިރާގައި މުވައްޒަފުންގެ ޝަކުވާތައް ފުނިޖެހެނީ އެކަންކަމާ މެދު އަޅާލަންވާވަރަށް އަޅާނުލުމުން ކަމަށް މާރިޔާ ބުންޏެވެ.

މާރިޔާ: މި ދާއިރާގައި އަދިވެސް ގިނަ ކަންކަން ތަޖުރިބާ ކުރަން ބޭނުންވޭ.

މާރިޔާ: މި ދާއިރާގައި އަދިވެސް ގިނަ ކަންކަން ތަޖުރިބާ ކުރަން ބޭނުންވޭ.

ސަމަ އައިލެންޑް ރިސޯޓުގައި އޭނާ ގެންނަން ފެށި އެއް ބަދަލަކީ މުވައްޒަފުންގެ ދައުރު ފުޅާކޮށް މަސައްކަތުގައި އެ މީހުންގެ ޝައުގުވެރިކަން އުފެއްދުމެވެ. އެތަނުގައި އޮތީ، އެކަކު އަނެކަކަށް އަޅާލާ، އިހްތިރާމްކުރާ އުފާވެރި މާހައުލެއް ކަމަށް މާރިޔާ ބުންޏެވެ.

"ވަރަށް ކުދި އެކަމަކު މުޅި ދާއިރާ އަށް މުހިއްމު ބަދަލުތަކެއް އެބަހުރި ގެންނަން ޖެހޭ،" މާރިޔާ ބުންޏެވެ.

އެ ބަދަލުތައް ގެނައުމުގައި މި ދާއިރާގައި އަންހެނުންނަށް އޮތް ފުރުސަތު އިތުރުކުރުމަކީ ވެސް މާރިޔާ ކުރާނެ ކަމެކެވެ. ޓޫރިޒަމްގެ މަތީ މަގާމުތަކަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ މަގާމެއް ނޫން ކަން އޭނާ ސާބިތުކޮށްދޭނެ އެވެ. ފުރުސަތުގެ ބޭނުން ހިފައި ދެން ހުރި ގޮންޖެހުންތަކާ ވެސް ކުރިމަތިލާން މާރިޔާ ހުރީ ތައްޔާރަށެވެ. އޭނާ އަށް ލިބޭ ހިތްހަމަޖެހުމަކީ އެތައް ކަމެއް ތަޖުރިބާކުރުމަށް ފަހު، ދާއިރާ އިން އޭނާ އަށް ރަނުގެ ފުރުސަތެއް ލިބިފައި ވުމެވެ. މި މަގާމާ އެކު ތަޖުރިބާ ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް އޭނާ ދެކެ އެވެ.