Roadha Mihaaru
"ވައިގެމަގުން މަކުނުދުއަށް ދަތުރުތައް ފެށޭތޯ ބަލާނަން"

ވައިގެ މަގުން މަކުނުދު އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނަން: އިބޫ

12 އޯގަސްޓް 2018

ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހދ. މަކުނުދޫން އަހުމަދު ސާއިލް އަލީ

ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، މަކުނުދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ މި ރަށަށް މުހިންމީ އެއާޕޯޓެއް ހެދުންތޯ ނުވަތަ ސީޕްލޭންގެ ދަތުރުތައް ފެށުންތޯ ދިރާސާ ކުރައްވައި އެ އިން ކޮންމެވެސް އެއް ޚިދުމަތެއް ތައާރަފް ކުރައްވާނެ ކަމަށެވެ.

"އެއާޕޯޓެއް އަޅަންޏާ އިތުރު މަސައްކަތްތަކެއް ގެންނަން ޖެހޭ. ސަތާރަ މޭލުގެ ފަރުގައި އަޅުގަނޑުމެންގެ ނޫ އިގްތިސާދުގެ ދަށުން ފަޅުގޮވާން ކުރެވޭނެ،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭނީ ކޮން ގޮތަކުން ކަން ތަފްސީލާ އެކު، މި ވަގުތު ހާމަކުރެއްވެން ނެތީ އެކަމަށް ކުރަންޖެހޭ ދިރާސާތައް އަދި ނުނިމޭތީ އެވެ. ނަމަވެސް ވައިގެ މަގުން ޚިދުމަތް ދޭން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މަކުނުދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ.

މަކުނުދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މި ރަށުގެ ބޮޑު ފަރުގެ ބައެއް ހިއްކައި އެއާޕޯޓެއް ހެދުމަށް ވައުދުވި އެވެ. ނަޝީދުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ބަދަލުވެފައިވާ އިރު، އެ ޕްރޮޖެކްޓްގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ.

މި ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ހޯދައިދިނުމަށް ސިއްހީ މަރުކަޒުން ސްކޭން ހަދައި، އެކްސްރޭ ނެގޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއް ގައި މި ރަށުން އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ވެސް ފޯރުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ، މަކުނުދޫގައި މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.

އިދިކޮޅު ކެންޑިޑޭޓް އިބޫ، މަކުނުދޫގައި މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.

ރަށުގެ ހާލަތާ ގުޅޭ ގޮތުން މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މަކުނުދޫގައި އެކަށޭނަ ސިއްހީ ފަރުވާ ނުލިބޭ އިރު، ފަރުވާ ހޯދުމަށް މި އަތޮޅު ކުޅުދުއްފުއްޓަށް ދިއުމަށް ތިން ގަޑިއިރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށެވެ. އެކަށޭނަ ސިއްހީ ފަރުވާ ނުލިބި އެހާ ދިގު ދަތުރެއް ކުރަން ޖެހުމުން ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށް އަނާރާ ވިދާޅުވި އެވެ.

މަކުނުދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ހުސައިން ސާމީ ވަނީ ރަށުގައި އެއާޕޯޓެއް ގާއިމް ކޮށްދިނުމަށް އާދޭހާ އެކު އެދިވަޑައިގެންފަ އެވެ.

ހދ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ މިއަދު ހެނދުނު ފެއްޓެވި ދަތުރުގައި މިރޭ މަކުނުދޫގައި މަޑުކުރެއްވުމަށް ފަހު، މާދަމާ ބައެއް ރަށްރަށަށް އަނެއްކާ ވެސް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ މަޑުކުރައްވާ ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ބާއްވަވާނެ އެވެ. ހދ. އަތޮޅުގެ ކެމްޕެއިން ދަތުރު އިބޫ ނިންމަވައިލައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.