Roadha Mihaaru
ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭގައި ކޮށްފި

ބައިޕާސް އަށް ފަހު ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭގައި ކޮށްފި

13 އޯގަސްޓް 2018

ހިތް ފަޅާލައިގެން ކުރާ އެންމެ ބޮޑު އޮޕަރޭޝަން ފުރަތަމަ ފަހަރަށް ރާއްޖޭގައި، އޭޑީކޭގެ ޑޮކްޓަރުން، މިދިއަ ހޮނިހިރުދުވަހު ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހިތް ފަޅާލައިގެން ކުރާ އެންމެ ބޮޑު އޮޕަރޭޝަން ފުރަތަމަ ފަހަރަށް ރާއްޖޭގައި، އޭޑީކޭގެ ޑޮކްޓަރުން، މިދިއަ ހޮނިހިރުދުވަހު ކޮށްފި އެވެ.

ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން އެކަތި ނަގައި މަސްނޫއީ ވޭލްވްއެއް ލެއްވުމުގެ މި ބޮޑު އޮޕަރޭޝަން އޭޑީކޭގައި މި ކުރީ، މިދިއަ ބުދަދުވަހުގެ ރޭ ކުއްލި ގޮތަކަށް މީހެއްގެ ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ކޮށްފައި ވަނިކޮށެވެ. އެއީ ރާއްޖޭގައި މިހާތަނަށް ކުރި ހިތުގެ ފުރަތަމަ އޮޕަރޭޝަނެވެ.

އެކަމަކު ބައިޕާސް އޮޕަރޭޝަނަށް ވުރެ ހިތް ފަޅާލައިގެން ކުރާ އޮޕަރޭޝަނަކީ ހުރިހާ ގޮތަކުން ވެސް ބޮޑު އަދި ނާޒުކު އޮޕަރޭޝަނެކެވެ.

ހިތުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ޝާފިއު އިސްކޮށް ހުންނަވައިގެން އޭޑީކޭގެ ކާޑިއެކް ޓީމުން މި އޮޕަރޭޝަން ކުރީ ތިން ކުދިންގެ މަންމައެއް ކަމަށް ވާ އުމުރުން 25 އަހަރުގެ އަންހެނެއްގެ އެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އަންހެންމީހާ އޭޑީކޭއަށް ދިޔައީ ހިތުގެ މައްސަލައެއް ހުރި ކަމަށް ލަފާކުރެވިގެން، ޓެސްޓްތަކެއް ހަދާށެވެ.

އޭޑީކޭ އިން ބަލިމީހާއާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ އަންހެން މީހާ އޭޑީކޭއަށް ގެންދިޔަ އިރު ހިތުގެ އެންމެ މުހިއްމު ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެހެންވެ، ހިތުގެ އެތެރޭގައި އޮންނަ އެ ވޭލްވް ބަދަލުކުރަން، ހިތް ފަޅާލުން ނޫން ގޮތެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.

މި ބޮޑު އޮޕަރޭޝަން ކުރާއިރު ހިިތުން ހަށިގަނޑަށް ލޭ ފޮނުވުމުގެ މަސައްކަތް ކުރުވަނީ އެކަމަށް ހާއްސަ ޕަމްޕަކުންނެވެ. އެ ޕަމްޕް އޮޕަރޭޓްކުރަން އެކަމަށް ހާއްސަ ވަކި ޑޮކްޓަރަކު ވެސް ހުރެ އެވެ.

ހިތުގެ އެންމެ ބޮޑު އޮޕަރޭޝަނާ ގުޅޭ ގޮތުން، ޑރ. ޝާފިއު މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ހިތުގެ އެންމެ ބޮޑު އޮޕަރޭޝަނާ ގުޅޭ ގޮތުން، ޑރ. ޝާފިއު މިއަދު "މިހާރު"އާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

"އޭނާ މިކޮޅަށް ގެނައިރު އޮތީ، މިހާރު އޮޕަރޭޝަން ނުކޮށްފިއްޔާ ފަހުން ނުކުރެވޭ ފަދަ ހާލަތެއްގައި. އެކަމަކު ވޭލްވްގެ މައްސަލަ ރަނގަޅުކޮށް، ކާމިޔާބުކަމާ އެކު އަޅުގަނޑުމެންނަށް އޮޕަރޭޝަން ނިންމާލެވުނު،" ރާއްޖޭގައި ކުރި އޭގެ ފުރަތަމަ އޮޕަރޭޝަނާ ގުޅޭ ގޮތުން ޑރ. ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ފަހަރަށް ހާޓްއެޓޭކެއް ޖެހުމުން ކުރަން ޖެހޭ ބައިޕާސް އޮޕަރޭޝަނަށް ހިތް ފަޅާލަން ނުޖެހޭ ކަމަށެވެ. ހިތުގެ ބޭރުގައިވާ ލޭ ހޮޅިތައް ރަނގަޅު ކުރާއިރު، ހިތް ހުއްޓުވާލަން ވެސް ގިނަ ފަހަރު ނުޖެހޭ ކަމަށް ޑރ. ޝާފިއު ވިދާޅުވި އެވެ. އެހެންވެ ބުދަދުވަހު ކުރި މާފުށީ ޖަލުގެ ފިރިހެން ގައިދީގެ ބައިޕާސް އޮޕަރޭޝަން، ހޮނިހިރު ދުވަހުގެ އޮޕަރޭޝަނާ އަޅާބަލާއިރު ވަރަށް ކުޑަ އެވެ.

"މިއީ އަނެއްކާވެސް އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާން ޖެހޭ ދުވަހެއް. ވަރަށް ބޮޑު ކާމިޔާބީއެއް މިއީ،" ޑރ. ޝާފިއު ވިދާޅުވި އެވެ.

އޭޑީކޭއިން ބުނާ ގޮތުގައި އަންހެންމީހާގެ ހާލު ރަނގަޅެވެ. އަދި މިހާރު ކައިހަދާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

މި ދެ އޮޕަރޭޝަނުން އެނގުނީ، ޝާފިއު ވިދާޅުވި ގޮތުގައި، ހިތުގެ ބަލިތަކަށް ފަރުވާކުރުމުގެ ގާބިލްކަން އޭޑީކޭއަށް ލިބިފައިވާކަމެވެ. އެގޮތުން ހިތުގައި ލޯވަޅު ހެދިގެންނާއި ވިހާއިރު ހިތުގައި އައިބު ހުރެގެން ކުރާ އޯޕަން ހާޓް ސާޖަރީތައް ވެސް އޭޑީކޭގައި މިހާރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ވަގުތު ކުރެވެން ނެތީ، ޑރ. ޝާފިއު ވިދާޅުވި ގޮތުގައި، ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ޖަހާފައި މި ހުރީ އެ ދިމާއަށް،" ޑރ. ޝާފިއު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕަން ހާޓް ސާޖަރީ އޮޕަރޭޝަނެއް މި ކުރީ، ދުނިޔޭގައި އެފަދަ އޮޕަރޭޝަން ކުރިތާ 65 އަހަރު ފަހުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހިތުގެ ބޮޑު ދެ އޮޕަރޭޝަނަށް ފަހު ރާއްޖޭގެ ސިއްހީ ދާއިރާ އަނެއްކާވެސް ތާރީހުގެ ތެރެއަށް ވަދެފައިވާ ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިން ރާއްޖޭން ބޭރުން ލިބެން ހުރި ހިދުމަތްތައް، މާލެއިން ލިބުމަކީ އާއްމުންނަށް ވަރަށް ބޮޑު ފަސޭހައެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ދެ ޕޭޝަންޓުންގެ ވެސް ހާލު ރަނގަޅު. މިއީ ވަރަށް އުފާވެރި ހަބަރެއް. އެހެންވެ، އަޅުގަނޑުމެން ޔަގީންކަން ދެން މުސްތަގުބަލުގައި، އިތުރު ބައިޕާސް އޮޕަރޭޝަންތަކާއި އޯޕަން ހާޓް ސާޖަރީ ހެދޭނެކަން،" އަފްއާލް ވިދާޅުވި އެވެ.

އޯޕަން ހާޓް ސާޖަރީ އަށް ތިން ތިއޭޓަރު ހާއްސަކޮށް، އޭޑީކޭގައި އެންމެ ޒަމާނީ ކެތުލެބެއް ހުޅުވީ މިދިޔަ މާޗް 15 ގަ އެވެ. އެ ހޮސްޕިޓަލުގައި ހިތުގެ ހުރިހާ ބައްޔަކަށްހެން މިހާރު ފަރުވާ ދެވެން ހުރެ އެވެ.