Roadha Mihaaru
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިޕާސް އޮޕަރޭޝަނެއްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކޮށްފި

09 އޯގަސްޓް 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ކުރި އެފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އޭޑީކޭ ހޮސްޕިޓަލްގައި އިއްޔެ ކޮށްފި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ކުރި އެފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

އެ އޮޕަރޭޝަން ކުރަން ޖެހުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކު ހިތުގެ މައްސަލައެއްގައި އިއްޔެ އެ ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ ފުރާނަ ސަލާމަތްކުރާށެވެ. ތާރީޚީ މި އޮޕަރޭޝަނަށް ނުވަ ގަޑިއިރު ނެގި އެވެ.

މި އޮޕަރޭޝަން ކުރެއްވީ ހިތުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ޝާފިއު އާއި އޭޑީކޭގައި މަސައްކަތްކުރައްވާ ނޭޕާލުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރަންޖަން ސަޕްކޮޓާ އެވެ.

ކަރެކްޝަންސް އިން ބުނީ އެންޖިއޯގްރާމެއް ހަދަން އިއްޔެ އޭޑީކޭގައި 54 އަހަރުގެ އެ މީހާ އެޑްމިޓް ކުރި ކަމަށާއި އޭނާގެ ބައިޕާސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދެއްވި ކަމަށެވެ.

އޯޕަން ހާޓް ސާޖަރީ އަށް ތިން ތިއޭޓަރު ހާއްސަކޮށް، އޭޑީކޭގައި އެންމެ ޒަމާނީ ކެތުލެބެއް ހުޅުވީ މިދިޔަ މާޗް 15 ގަ އެވެ. އެ ހޮސްޕިޓަލުގައި ހިތުގެ ހުރިހާ ބައްޔަކަށްހެން މިހާރު ފަރުވާ ދެވެން ހުރެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައްޔަށް ސީދާ ފަރުވާދޭން ދޭން ފެށީ އައިޖީއެމްއެޗުގައި، ޖުލައި 1، 2016 ގައި ހުޅުވި ކެތުލެބުންނެވެ. އެ ކެތުލެބުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަތަރު މީހަކަށް އެންޖީއޯގްރާމް އާއި އެންޖިއޯ ޕްލާސްޓީގެ ހިދުމަތް އެ ދުވަހު ދިނެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުން ނުވަތަ ހިތް ހުއްޓުމުގެ ނުރައްކާ އޮތް މީހުން ކުރާ އޮޕަރޭޝަނެކެވެ. މިއީ ހަށިގަނޑުގެ އެހެން ތަނަކުން ނާރު ނަގައި، ހިތާ ދިމާލުން ހަށިގަނޑުގެ ކޮންމެވެސް ތަނެއް ފަޅާލައިގެން، ހިތުގެ ނާރުތައް ބަދަލުކުރުމުގެ ވަރަށް ނާޒުކު އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނާ ބެހޭ ގޮތުން އޭޑީކޭ އިން އަދި އެއްޗެކޭ ނުބުނެ އެވެ. އެހެން ނަމަވެސް ކަރެކްޝަންސް އިން ބުނީ ގައިދީގެ ހާލު ރަނގަޅު ކަމަށެވެ.