Roadha Mihaaru
ހައްޖުގެ އަޅުކަމަށް ދެ މިލިއަން މީހުން މައްކާގައި

ހައްޖުގެ އަޅުކަމަށް ދެ މިލިއަން މީހުން މައްކާގައި

20 އޯގަސްޓް 2018

މައްކާ (އޮގަސްޓް 20) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ޖަމާވެފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (އޮގަސްޓް 20) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ޖަމާވެފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

މިނާގެ ޕަބްލިކް ސެކިއުރިޓީ ހެޑްކްއާޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދާޚިލީ ވުޒާރާގެ ތަރުޖަމާން މޭޖާ ޖެނެރަލް މަންސޫރު އަލް ތުރްކީ ވިދާޅުވީ މައްކާ އާއި މަދީނާ، މިނާ، އަރަފާތު އަދި މުޒްދަލިފާގައި ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަލް ތުރްކީ ވިދާޅުވީ ހައްޖަށް ދިޔަ މީހުންގެ 88 ޕަސެންޓް މީހުން ދަތުރުކޮށްފައި ވަނީ ވައިގެ މަގުން ކަމަށެވެ. އޭގެ ތެރޭން 50 ޕަސެންޓް މީހުން ސައުދީ އަށް އެތެރެވެފައި ވަނީ މަދީނާ އިން ކަމަށް އޭނާ ވިދާޅުވި އެވެ. ހައްޖުގެ އަޅުކަމުގައި ސައުދީން މި އަހަރު 240،000 މީހުން ބައިވެރިވާ ކަމަށް ތުރުކީ ވިދާޅުވި އެވެ.

ޕަބްލިކް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ކާނަލް ސާމީ އަލް ޝުވައިރާޚް ވިދާޅުވީ މައްކާ އަށް އެތެރެވާ މީހުން ޗެކްކުރަން ސެކިއުރިޓީ ހަ ޕޮއިންޓެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހާ ހަމައަށް 18،000 އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާން މިޝާލް އަލް ރުބައިން ވިދާޅުވީ ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 25 ހޮސްޕިޓަލާއި 155 ހެލްތު ސެންޓަރު ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި 180 އެމްބިއުލެންސް އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ސައުދީ ރަސްގެފާންގެ "ގެސްޓް ޕްރޮގްރާމް"ގެ ދަށުން 94 ގައުމެއްގެ 5،300 މީހުން މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރާ ކަމަށް ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފައިވެ އެވެ.

ހައްޖުގެ ދުވަސްވަރު މައްކާގެ މުގައްދަސް ތަންތަނުގެ ސާފުތާހިރުކަން ބަލަހައްޓަން 13،373 މަސައްކަތު މީހުން ހަމަޖައްސާފައިވާ ކަމަށް މައްކާ މުނިސިޕަލްޓީން ބުނެފައިވެ އެވެ.