Roadha Mihaaru
ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ

ބުރާސްފަތި ދުވަހު ބްރިޖު ހުޅުވަނީ

27 އޯގަސްޓް 2018

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

ޕީޕީއެމާ ޒުވާނުންތަކެއް ގުޅުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބުރާސްފަތި ދުވަހު ބްރިޖު ހުޅުވާނެ ކަމަށާއި އެއާ އެކު ހުޅުލެ އާއި ހުޅުމާލެ އަށް ދިއުމަށް ކުރަންޖެހޭ ދަތުރުތައް އަވަސް ވެފައި ފަސޭހަ ވާނެ ކަމަށެވެ.

"މި މަހު 30 ވަނަ ދުވަހު ތިކުދިން އަޅުގަނޑާ އެކު ފައްޓަވާ ދަތުރަކީ މާލޭގެ ވަރުނުލާ ރާޅުގަނޑުން ހުޅުމާލެ އަށް ލޮނުކޮޅެއްގައި ނުޖެހި ކުރާ ދަތުރު ނޫންތޯ؟،" ބްރިޖު ބޭނުންކުރަން ފަށާ ތާރީޚް އިއުލާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ބްރިޖު ހުޅުވުމުގެ ހަފުލާގައި ހަވާ އެރުވުން ފަދަ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ހުޅުލެއާ މާލެ އާ ދެމެދު އަޅާ ބްރިޖު--

ހުޅުލެއާ މާލެ އާ ދެމެދު އަޅާ ބްރިޖު--

ރޭގެ ހަފުލާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ބްރިޖު އަޅަން ނިންމުމުން އެއީ ކުރެވޭނެ ކަމެއްތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދި ކަމަށެވެ. ނަޝީދަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދެން "ގޮނޑި ދުއްވަން" ވެސް އަންނަން ވީ ބްރިޖަށް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ބްރިޖު ހުޅުވުމަށް ނިންމާފައިވީ ނަމަވެސް އެތަނުގައި ދަތުރުފަތުރުތައް އޮތް ގޮތް އަދި އިއުލާނެއް ނުކުރެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންރެ އެވެ.

ބްރިޖުގައި މިހާރު ކުރަމުން އަންނަނީ ތާރު އަޅައި، ލައިޓް ހަރުކުރުމުގެ މަސައްކަތެވެ. އަދި ބްރިޖަށް ދާން އޮންނަ މަގު މާލެ އާއި ހުޅުމާލޭގައި ދަނީ ތާރު އަޅައި ހަދަމުންނެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.