Roadha Mihaaru
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު

ޗައިނާ އިން އެހީވަނީ އެހެން ބައިވެރިއަކާ ދެކޮޅަށް މަސައްކަތް ކުރުވާކަށް ނޫން: ސަފީރު

20 އޯގަސްޓް 2020

ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު ޗައިނާއިން މަސައްކަތްކުރަނީ އެންމެންގެ ކުރިއެރުމަށް ކަމަށާއި އެއް ބައިވެރިއަކު އަނެއް ބައިވެރިއަކާ ދެކޮޅަށް މަސައްކަތް ކުރުވަން ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން އިންޑިއާއަށް ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު ޗައިނާއިން މަސައްކަތްކުރަނީ އެންމެންގެ ކުރިއެރުމަށް ކަމަށާއި އެއް ބައިވެރިއަކު އަނެއް ބައިވެރިއަކާ ދެކޮޅަށް މަސައްކަތް ކުރުވަން ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން އިންޑިއާއަށް ރައްދު ދެއްވައިފި އެވެ.

އިންޑިއާގެ ދަ ޑިޕްލޮމޭޓް ނޫހުގައި ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްފައިވާ "ދަ ޕަލްސް" ސެކްޝަންގައި ސުދާ ރާމަޗަންދުރަން ލިއުއްވާފައިވާ ލިއުމެއް ޓްވިޓާގައި ހިއްސާކުރައްވަމުން ޖަންގް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެއް ފަރާތަކަށް ފައިދާ ވާއިރު އަނެއް ފަރާތަށް ގެއްލުންވާ ފަަދަ "ޒީރޯ ސަމް" ގޭމެއް ނޫން ކަމަށެވެ.

"ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުމަކީ ދެ ފަރާތަށް ފައިދާވާ ގުޅުމެއް. ޒީރޯ ސަމް ގޭމެއް ނޫން" ޖަންގް ވިދާޅުވި އެވެ.

"ހޭޒް އިންޑިއާ ވޮން ދަ މެޗް އޯވާ ދަ މޯލްޑިވްސް" މި ސުރުހީގެ ދަށުން ސުދާ ލިއުއްވި ލިއުމާ ގުޅިގެން ޖަން އޭނާއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ވިސްނުމުގެ ދާއިރާ ހަނި، ނުރައްކާތެރި މިފަދަ ފިކުރުތަކުގެ ނުފޫޒު ސަރަހައްދުގައި ނުފޫޒު ގަދަކުރިޔަ ދީގެން ނުވާނެ ކަމަށެވެ.

ސަފީރު މިހާ ބޮޑަށް ފާޑުވިދާޅުވި ލިއުން ފައްޓަވަމުން ސުދާ ލިއުއްވާފައިވާ ގޮތުގައި ރާއްޖޭގައި ނުފޫޒުގަދަ ކުރަން ކުރާ މަސައްކަތުގައި އިންޑިއާ ވަނީ ޗައިނާގެ މައްޗަށް މިހާރު ކުރި ހޯދައިފަ އެވެ. އެއަށް ފަހު އެ ވާހަކައަށް ބާރު ދޭ ވާހަކައެއްގެ ގޮތުގައި ގެންނަވާފައި ވަނީ ތިލަފުށިން މާލެއަށް، ގުޅިފަޅާއި ވިލިމާލެއާ އެކު ގުޅުވައިލަން އަޅާ ބްރިޖްގެ ޕްރޮޖެކްޓަށް އިންޑިއާއިން ދޭން ނިންމާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނާއި އެއާ އެކު ދޭން ނިންމި 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ވާހަކަ އެވެ.

ލިއުމުގައި ސިފަކުރައްވާފައިވާ ގޮތުގައި އެ ޕްރޮޖެކްޓަކީ ޗައިނާއިން ރާއްޖޭގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ސިނަމާލެ ބްރިޖްގެ ހައިބަތު ކުޑަވެގެންދާ ވަރުގެ ބޮޑު ޕްރޮޖެކްޓެއް ކަަމަށެވެ. ބްރިޖްގެ ޕްރޮޖެކްޓްގެ އިތުރުން ރާއްޖެއަށް ދޭ ދަރަނިތަކާއި އިންޑިއާއިން ރާއްޖޭގައި އަދާކުރާ ދައުރުގެ ސަބަބުން ރާއްޖޭގައި ޗައިނާގެ ދައުރު ފަނޑުވެގެން ދާނެ ކަމަށް ވެސް ލިއުމުގައި ވެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމުގެ ޔަގީންކަން ސަފީރު ދެއްވިއިރު، މިހާރުގެ ސަރުކާރުން އިންޑިއާއާ ގާތްގުޅުމެއް ބާއްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ގެންދަވަނީ އަބަދުވެސް އެކި ސިފަސިފައިގައި ރައްދު ދެއްވަމުންނެވެ. ކުރީގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން އެހީވިއިރު، އެއީ ވަކި ސަރުކާރަކަށް ވާތީ ކުރި ކަމެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.