Roadha Mihaaru
އެއާޕޯޓުގައި އިތުރު 10 ޗެކިން ކައުންޓަރެއް ހަދަނީ

ވީއައިއޭގައި އިތުރު 10 ޗެކިން ކައުންޓަރެއް ހަދަނީ

29 އޯގަސްޓް 2018

ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމުގައި އެއާލައިންތައް އަންނަ އަދަދު އިތުރުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޚިދުމަތް ދިނުމަށް އިތުރު 10 ޗެކިން ކައުންޓަރެއް ހަދަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމުގައި އެއާލައިންތައް އަންނަ އަދަދު އިތުރުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޚިދުމަތް ދިނުމަށް އިތުރު 10 ޗެކިން ކައުންޓަރެއް ހަދަން ފަށައިފި އެވެ.

ވީއައިއޭގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، ވީއައިއޭގައި އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ތެރެއިން ރަޝިއާ އިން އަންނަ އެއިރޯ ފްލައިޓުތަކާއި ގަތަރު އެއާވޭސްގެ ފްލައިޓުތައް ފިނި މޫސުމުގައި އިތުރުވެގެން ދާނެ ކަމަށެވެ.

މަތިންދާބޯޓުތައް އިތުރު ކުރަން ބައެއް އެއާލައިންތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޗެކިން ކައުންޓަރެއް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޗެކިން ކައުންޓަރެއް. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެހެންވީމަ ކުރިއަށް އޮތް [ފިނި] މޫސުމަކީ، މިދިޔަ ސީޒަނަށް ވުރެ ފްލައިޓުގެ ގޮތުން އިތުރުވެގެންދާ މޫސުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި މިވަނީ،" އާދިލް ވިދާޅުވި އެވެ.

ފިނި މޫސުމުގައި، މަތިންދާބޯޓުތަކުގެ އަދަދު އިތުރުވާނެތީ މިހާރު ބޭނުން ކުރަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޓާމިނަލްގައި ހަދާ ޗެކިން ކައުންޓަރުތައް އަންނަ ޑިސެމްބަރުގެ ކުރިން ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ (އާ) ރަންވޭ ނިމުމުގެ ކުރިން، އިތުރު ޑިމާންޑުތައް އެބަހުރި. ރަންވޭ ނިމި ޕާކިން އޭރިއާ ބޮޑުވެ، އޭޕްރަންތައް ނިމުމާ އެކު، ގިނަ އެއާލައިންތަކެއް ދަތުރު ކުރަން ފަށާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ހުޅުލެ ދެކުނު ކޮޅުން އާ ރަންވޭ ފެށޭ ހިސާބުގައި ހުންނަވައި އާދިލް ވިދާޅުވި އެވެ.

ވީއައިއޭގައި މިހާރު ޚިދުމަތް ދެމުން އަންނަނީ 34 ކައުންޓަރުންނެވެ. އެހެން ކަމުން އަލަށް ގާއިމުކުރާ 10 ކައުންޓަރާ އެކު ޖުމްލަ 44 ކައުންޓަރުން ޚިދުމަތް ދެވޭނެ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫ އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު އާ ރަންވޭއެއް އަޅައި ނިންމިއިރު، ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމަށް އާ ޓާމިނަލެއް ވެސް ހަދާނެ އެވެ. ޓާމިނަލް އާއި ރަންވޭގެ އިތުރުން ހުޅުލޭގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިނގަމުންނެވެ.