Roadha Mihaaru
ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބަލަން އެދިއްޖެ

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް އެދިއްޖެ

30 އޯގަސްޓް 2018

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާޥިސް އިން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާޥިސް އިން މިއަދު އެދިއްޖެ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ބަލާ ކަމަށެވެ. އަދި ތަހުގީގުގައި ސުވާލު ކުރަންޖެހޭ ހުރިހާ އެންމެންނާ ވެސް ސުވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ މީހުންނާ މެދު ފުލުހުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ކަމުގެ ތުހުމަތު އިދިކޮޅު ޕާޓީތަކުން ދަނީ ކުރަމުންނެވެ. އެގޮތުން، ފުލުހުން ކަންތައްތައް ކުރަމުން ދަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އަންގާ ގޮތަށް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ހިންގާ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާ ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވީ، ފުލުހުން ބަލާ ހުރިހާ މައްސަލަތަކާއި ފުލުހުން ކަންކަން ކުރަނީ، އެ އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި ވަކި މައްސަލައެއް ނުބަލާ ކަމަށް ބުނާ ކަމުގައިވާ ނަމަ އެއީ ވަރަށް ބޮޑު އޮޅުމެއް ކަަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް މި ދަންނަވާލަނީ، ފުލުހުންނާ ދިމާލަށް ބަލާ ލޮލުން ސިޔާސީ ނަޒަރަކުން ނުބެލުމަށް. ފުލުހުންނާ ހަމައަށް އައިސްފިއްޔާ އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ތަފްސީލުކޮށް ނުވަތަ ތަރުތީބުން ކުރަމުން ގެންދާނެ. އަޅުގަނޑަށް ފެނޭ ފުލުހުންނާ ދިމާލަށް ބަލާ ލޯ ބަދަލު ކޮށްލަދެއްވާފައި، ފުލުހުން ކުރާ މަސައްކަތްތަކަކީ ވެސް ރައްޔިތުންނާ ހަމައަށް ވަރަށް ސާދާކޮށް ވަރަށް ތަފްސީލުކޮށް އެންމެންގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއްކަން ގަބޫލުކޮށްގެން ފުލުހުން ހުރިހާ އިންސާފެއް، އޭގެ ތެރޭގައި އެންމެންނަށް ހަމަހަމައަށް ދިނުމަށްޓަކައި ފުލުހުންގެ ހައިސިއްޔަތުން އެންމެންނަށް ދިނުމަށްޓަކައި ކުރާ މަސައްކަތެއްކަން،" ޝިފާން ވިދާޅުވި އެވެ.

އެއްވެސް ކަމެއް ގޯސްކޮށް ދާނެ ކަމަށް ގަބޫލުކުރެވޭކަމުގައި ވާނަމަ ފުލުހުން އެ ފަރާތަކަށް އަންގާނެ ކަމަށާއި އަދި އެކަމެއް ދިމާވެފައިވާ ނަމަ ފުލުހުން އެ މައްސަލައެއް ތަހުގީގު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އަންނަ މަހުގެ ބާއްވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޝިފާން ވަނީ އެދިވަޑައިގެންފަ އެވެ.