Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ

އިމާމުންނާ ހެދި، މިސްކިތްތަކަށް ދާ މީހުންގެ އަދަދު މަދުވަމުން އެބަދޭ: މިނިސްޓަރު

02 ސެޕްޓެމްބަރ 2018

އިމާމުންގެ ފަރާތުން ބައެއް ފަހަރު ފެންނަ ނޭދެވޭ ކަންތައްތަކުގެ ސަބަބުން، މިސްކިތްތަކަށް ދާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިމާމުންގެ ފަރާތުން ބައެއް ފަހަރު ފެންނަ ނޭދެވޭ ކަންތައްތަކުގެ ސަބަބުން، މިސްކިތްތަކަށް ދާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޚަތިީބުންނަށާއި އިމާމުންނަށް ޚާއްސަ ކޮށްގެން ހިންގާ މަސައްކަތު ބައްދަލުވުން އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، އިމާމުންގެ ދައުރަކަށް ވާން ޖެހޭނީ މުޖުތަމައުން ފިތުނަ ނައްތައިލުން ކަމަށެވެ. އެމީހުން ކުރަމުން އަންނަނީ ރަސޫލާގެ މަސައްކަތްޕުޅަށް ވުމުން ފިތުނައެއްގެ އަސްލަކަށް މިސްކިތެއްގެ އިމާމު ވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގެ ގައުމުތަކުގެ މިސްކިތްތަކަށް ހަތިޔާރު ހިފައިގެން ނަމާދަށް އަރާފައި އެބަހުރި ކަމަށާއި ނަމަވެސް ރާއްޖެ އަކީ އެ އަށް ވުރެ ސުލްހަ އަމާން ގައުމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ކޮން ރަށެއް ކަމެއް ވިދާޅުނުވެ، މިނިސްޓަރު ވިދާޅުވީ ވަރަށް ފަހުން ފުލުހުން މެދުވެރިކޮށް، ހަވީރު 5:30 ގައި އެ ރަށުގައި އަސުރު ނަމާދު ކޮށްފައިވާ ކަމަށެވެ.

"ރަށެއްގައި، ފުލުހުން މެދުވެރިކޮށް އަސުރު ނަމާދު 5:30 ގައި ކުރަން ޖެހުމަކީ ހިތާމަ ހުރި ކަމެއް. ސަބަބަކީ މިސްކިތުގެ އިމާމު. މިއީ ބޮޑެތި މައްސަލަ. މި ދަރަޖަ އަށް ދީނީ ހުކުމްތައް، އަޅުގަނޑުމެންގެ އިމާމުންގެ ވިސްނުން ދާ ކަމުގައިވާ ނަމަ މިއީ ބޮޑެތި މައްސަލަތައް. އޭގެ މާނަ އަކީ އެ މަގާމަށް އޭނާ ކުފޫ ހަަމައެއް ނުވޭ،" ޒިޔާދު ވިދާޅުވި އެވެ.

ނުބައި މަގަށް ވާ ވެއްދުމުގެ ކުރިން އިމާމުންނަށް ކަންކަން އެނގެން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ދަރުސްތައް އަޑުއަހައި އިލްމީ ލިޔުންތައް ގިނައިން ކިޔުމަކީ، އެކަމަށް ވެދެވޭނެ އެހީއެއްކަން ޒިޔާދު ފާހަގަކުރެއްވި އެވެ. އިލްމީ ފޮތްތަކާ ދުރުވާ ވަރަކަށް މީހާގެ ޖާހިލުކަން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިސްކިތްތަކުގެ ތެރޭގައި ތަޅާފޮޅުންތަކާއި ހުޅުޖަހާ ހިސާބަށް ކަންކަން ދިއުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އިސްލާމީ ގައުމުތަކުގައި އެގޮތަށް ކަންކަން ހިނގަނީ، ޒިޔާދު ވިދާޅުވި ގޮތުގައި، ދީނީ ހިޔާލުތަފާތުވުން ތަކުގެ ތެރެއިން މިސްކިތްތަކަށް ނަމާދަށް އަރާ މީހުންނާއި މިސްކިތްތަކުގެ އިމާމުންނާ ނުގުޅުމުގެ ސަބަބުންނެވެ.

"އެހެންވީމާ ވަރަށް މާތް މަތިވެރި ރިސާލަތެއް ހިއްޕަވައިގެން ތިއްބެވި ބޭފުޅުންތަކެއް ތިއީ. އަމާނާތެއް ތިބޭފުޅުން ތި އުފުއްލަވަނީ. މިއަދު މުޖުތަމައުތަކުގެ ތެރޭގައި ވެސް ތިއްބެވި ހަގީގަތުގައި އެންމެ މާތް ބޭފުޅުންނަކީ ތިއީ. އެންމެ ގަދަރުވެރި ބޭފުޅުންނަކީ ތިއީ. [އިމާމުންނަކީ] ރާއްޖޭގައި ޒަމާނުއްސުރެ ފެށިގެން އޮތް ގަދަރުވެރި ބައެއް. އިހްތިރާމް ކުރާ ބައެއް މިސްކިތްތަކުގެ އިމާމުންނަކީ،" އިމާމުންނަށް ތައުރީފު ކުރައްވަމުން ޒިޔާދު ވިދާޅުވި އެވެ.

މީގެ ކުރިން، އިމާމުންނާއި މުދިމުންނަށް ނޭނގި އެއްވެސް ރަށެއްގައި ކަމެއް ނުހިނގާނެ ކަމަށާއި ނަމަވެސް އެކަން ބަދަލުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، އޭގެ ސަބަބު އިމާމުން އަމިއްލަ އަށް ދެނެގަނެ ގެއްލިފައިވާ ޝަރަފާއި ކަރާމާތް އަލުން ހޯދަންޖެހޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މިސްކިތުގެ އިމާމޭ ބުނީމަ މީހުން ބިރުގަނޭ. މީހުން ޖެހިލުންވޭ، ނަމަވެސް އެއީ ކަން ހިނގަންޖެހޭ ގޮތެއް ނޫން. އެހެންވެ އެ ޝަރަފާއި ކަރާމާތް އަލުން އަނބުރައި ހޯދަން ޖެހޭ. އެކަން ގެނެވޭނީ އަމިއްލަ ނަފްސަށް މަސައްކަތް ކޮށްގެން،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވަނީ އިމާމުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ އެމީހުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.