ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނުދީ، ގާނޫނު ހަދާ މަޖިލީހެއްގައި ވެސް އަމަލުކުރަން ޖެހޭ އުސޫލްތަކާ ހިލާފު ހުދުމުހުތާރު ގޮތްތައް އިސްކުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކުރަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
06 އޯގަސްޓް 2016
ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ނުދީ، ގާނޫނު ހަދާ މަޖިލީހެއްގައި ވެސް އަމަލުކުރަން ޖެހޭ އުސޫލްތަކާ ހިލާފު ހުދުމުހުތާރު ގޮތްތައް އިސްކުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކުރަން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ބިލަށް ހިޔާލުފާޅުކުރަން ހުޅުވާލި ފުރުސަތު މަޖިލީހުގެ ކޮމެޓީން ވަނީ "ބާތިލްކޮށްފަ" އެވެ.
މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކުއްލި ގޮތަކަށް ކޮމެޓީން ނިންމީ ވަރަށް ހުދުމުހުތާރު ނިންމުމެއް ކަމަށެވެ. އެ ނިންމުމުން ދޭހަވަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތައް ހަދައި ރައްޔިތުންނަށް ބިރުވެރި މާހައުލެއް ގާއިމުކުރަން ރައީސް ޔާމީންގެ ސަރުކާރުން ކެތްމަދުވެފައިވާ މިންވަރު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"ގާނޫނު ހަދާ މަޖިލީހެއްގައި ހުންނަން ޖެހޭ އެންމެހާ ޕްރޮސީޖާތަކާއި ޑިމޮކްރެޓިކް ހަމަތަކެއް ނައްތާލައި ހުދުމުހުތާރު ގޮތްތައް އިސްކޮށް އެފަދަ ގާނޫނުތައް ހަދައި ރައްޔިތުން ގުރުބާން ކުރަމުން އެ ގެންދަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ ބޭނުންފުޅަށް، އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެއްވުމަށްޓަކަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް އެފަދަ ބިލްތައް ފާސްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ސަރުކާރު މެމްބަރުންނަށް ވެސް ބިރުދެއްކެވުމާއި ބްލެކްމޭލްކުރުމެވެ."
ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ނައްތާލަން މަޖިލީހަށް ހުށަހަޅާފައި ވަނީ ނުރައްކާތެރި ބިލެއް ކަން ފާހަގަކޮށް އެމްޑީޕީގެ ކަންބޮޑުވުންތައް ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.
އެ ބިލަކީ، އެމްޑީޕީން ބުނިގޮތުގައި، ދައްކާ ވާހަކައަކުންނާއި ކުރާ ޓުވީޓަކުންނާއި ކުރަހާ ކުރެހުމަކުންނާއި ހަދާ ޅެމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ ނަގާ ފޮޓޯއަކުން ވެސް 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ނަގައި ހަ މަހުހެ ޖަލު ހުކުމެއް އަންނަ ގޮތަށް އެކުލަވާލާފައި އޮތް ބިލެކެވެ. ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކުޅަދާނަވެގެން ނުވާ އަދަދުތަކުން ޖޫރިމަނާކޮށް ދިގު މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް މި ގާނޫނު ފަރުމާކުރީ ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް