Roadha Mihaaru
ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދެފި

ބޮޑު މުޒާހަރާއެއް ބާއްވާތީ ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދެފި

04 ސެޕްޓެމްބަރ 2018

ސްރީލަންކާގެ އިދިކޮޅު ސިޔާސީ ޕާތީތަކުން މާދަމާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނާތީ، ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގެ އިދިކޮޅު ސިޔާސީ ޕާތީތަކުން މާދަމާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނާތީ، ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފި އެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އިސްކޮށް ހުންނަވައިގެން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ ވެރިރަށް ކޮލަމްބޯގައި މާދަމާ ބާއްވާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންނެވެ. މި މުޒާހަރާގައި ހަމަނުޖެހުން ހިނގުމުގެ ފުރުސަތު އޮތް ކަމަށް ލަންކާ ސަރުކާރުން ބުންޏަސް، އިދިކޮޅު ޕާޓީތަކުން އެކަން ދޮގު ކުރެ އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން ހުކުރު ދުވަހާ ހަމަ އަށް ކޮލަމްބޯގެ މަގުތަކަށް ދިވެހިން ނުކުމެ އުޅުމުގައި ސަމާލުވާން އެދޭ ކަމަށެވެ. އަދި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި އަދި ދަތުރު ކުރާ އިރު ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ބެލެވޭތީ އެކަމަށް ވެސް ސަމާލުވާން އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެމްބަސީގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ، އެމްބަސީގެ ހޮޓްލައިނަށް ގުޅުމަށް ވެސް އެދިފައިވެ އެވެ.

ލަންކާއަކީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި އާންމުކޮށް ދިވެހިން ދަތުރުކޮށް އުޅޭ ގައުމެކެވެ.