Roadha Mihaaru
"އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ގައުމު ބައިބައިވާނެ"

އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ މި ގައުމު ބައިބައިވާނެ: ޑރ. ޝަހީމް

05 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކޮށްފި ނަމަ ރާއްޖެ ބައިބައިވާނެ ކަމަށް، ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކޮށްފި ނަމަ ރާއްޖެ ބައިބައިވާނެ ކަމަށް، ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ށ. ފޯކައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މާޒީން ވެސް ފެނިފައި ވަނީ ވެރިކަމުގެ ތެރޭގައި ޕާޓީތައް އެއްގަލަކަށް ނާރާ މަންޒަރު ކަމަށެވެ. އެހެންވެ، ތަފާތު އެކި ފިކުރުތަކާ އެކު ހަދާފައިވާ ކޯލިޝަނުން ވެރިކަމަށް އަތުވެއްޖެ ނަމަ އޮންނާނީ އަރައިރުމާއި ދެބަސްވުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ މި ތަން ބައިބައި ވާނީ. ޕާޓީތައް އެއްގަލަކަށް ނާރާނެ އިނގޭތޯ ވެރިކަމުގެ ތެރޭގައި. މާޒީން އަޅުގަނޑުމެންނަށް ފެނިފައިވާ ހަގީގަތަކީ އެއީ. އެމީހުން ދެބަސްވާނެ، އެމީހުން އަރައިރުން ވާނެ. އެމީހުންގެ އަރައިރުން ވުމާއި ބައިބައިވުމުގެ ތެރެއަށް މި ގައުމު އަނެއްކާ ވެއްޓިގެން ދާނީ 15 އަހަރު ގެ ފަހަތަށް،" ޝަހީމް ވިދާޅުވި އެވެ.

"އެ ފުރުސަތު އަޅުގަނޑުމެން ބޭނުމެއް ނޫން [އިދިކޮޅަށް] ދޭކަށް. އަޅުގަނޑުމެން ބޭނުން ވަނީ ކަންކަން އިސްލާހު ކޮށްގެން މި ގައުމު މި އޮތް ހަމަޖެހުމާ އެކު ކުރިއަށް ދާން."

ޝަހީމް ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ދޭ ވޯޓަކީ ގެއްލޭނެ ވޯޓެއް ނޫން ކަމަށެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި މި ނަގާ ރިޔާސީ ވޯޓުގައި ދިވެހިރާއްޖޭގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެ ޝަހީމް ވަނީ ދިވެހި ދައުލަތް، ސެކިއުލާ ދައުލަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދިޔަ ބަޔަކަށް، އިލްމުވެރިންގެ ތެރެއިން ބަޔަކު އެހީތެރިވާން ޖެހުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ފިތުނައިގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެ އިލްމުވެރިން ހަލާކުވެގެން ނުދިއުމަށް ވެސް ޝަހީމް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްލާމް ދީނާ އަދާވާތްތެރި ބާރުތަކުން ބޭނުންވާނީ އިލްމުވެރިންނަށް ގެއްލުންދީ އެމީހުންގެ ދުވަސް ދުއްވާލުމަށެވެ. އެއީ ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމުގެ އަވާގައި އިލްމުވެރިން ޖެހި އިލްމުވެރިން ހަލާކުވެގެން ނުދިއުމަށް އަޅުގަނޑު އިލްތިމާސްކުރަން."

ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ސިޔާސީ ގޮތުން ދަތި ދުވަސްވަރެއްގައި ކަމަށާއި ނަމަވެސް ވެރިކަމަށް އެމަނިކުފާނު ވަނީ އެ މައްސަލަތައް ހައްލުކުރައްވާފައި ކަން ޝަހީމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަސްރަހުގައި ރައީސް ޔާމީން ނޫން ދެ ވަނަ ޝަހުސިއްޔަތެއް ނުފެންނަ ކަމަށެވެ.

އިދިކޮޅު ފިކުރުގެ މީހުންނަށް ވެސް ވިސްނައިދީ އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތް ކުރަން ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.