Roadha Mihaaru
ޑރ. ޝަހީމްގެ އުފަން ރަށުން ހޫނު މަރުހަބާއެއް

ޑރ. ޝަހީމްގެ އުފަން ރަށުން ހޫނު މަރުހަބާއެއް

27 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް، އޭނާގެ އުފަން ރަށް ގއ. މާމެންދޫން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް، އޭނާގެ އުފަން ރަށް ގއ. މާމެންދޫން ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާ ޝަހީމް ގއ. އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރަށް މިއަދު ހަފުތާއެއް ވީއިރު، އެ އަތޮޅުގެ ހުރިހާ ރަށަކަށް މިހާތަނަށް ވަނީ ވަޑައިގެންފަ އެވެ. މި ކެމްޕެއިން ގައި އެންމެ ފަހު ރަށެއްގެ ގޮތުން މިއަދު ހެނދުނު ވަޑައިގަތީ މާމެންދު އަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޝަހީމް ހަމަޖެއްސެވި ފަހުން ކުރައްވާ ފުރަތަމަ ކެމްޕެއިން ދަތުރު ގައި ޝަހީމް އަމިއްލަ ރަށަށް ވަޑައިގަތުމުން ބަނދަރުމަތިން އެންމެ ފުރަތަމަ މަރުހަބާކީ އުމުރުން 100 އަހަރަށް ވުރެ ގިނަ މައްޗަށް ގޮސްފައިވާ އޭނާގެ ކާފަ އެވެ. އަދި އާއިލާ މެމްބަރުން ތިއްބެވި އެވެ. ގާތްގަނޑަކަށް 1500، މީހުންގެ އާބާދީއެއް އޮންނަ މާމެންދޫގެ ކުދި ބޮޑު، ދެ ޖިންސުގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ބަނދަރު ސަރަހައްދަށް އެއްވެ ތިއްބެވެ. ރަށަށް އީދެއް އައިސްފައިވާ ކަމަށް ފޮޓޯތަކުން ފެންނައިރު، ޝަހީމަށް މަރުހަބާ ކިޔުމަށް ދިގު ސަފެއް ހަދާފައި އޮތެވެ.

ޝަހީމް އޭނާގެ ރަށް ކަމަށްވާ ގއ. މާމެންދޫއަށް ވަޑައިގަތުމުން އޭނާގެ ކާފަ މަރުހަބާ ދައްނަވަނީ-- ފޮޓޯ: ޕީޕީއެމް

ޝަހީމް އޭނާގެ ރަށް ކަމަށްވާ ގއ. މާމެންދޫއަށް ވަޑައިގަތުމުން އޭނާގެ ކާފަ މަރުހަބާ ދައްނަވަނީ-- ފޮޓޯ: ޕީޕީއެމް

މާމެންދޫގައި އިމާމްވެ މިއަދު ހުކުރު ނަމާދު ކުރެއްވީ ވެސް ޝަހީމެވެ. އަދި މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.

މާމެންދު އަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާޒީ އަހުމަދު ނިހާނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒު މުހުސިންގެ ވެސް ރަށެވެ. އެ ދެ ބޭފުޅުނަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް ޔާމީން ހައްޔަރުކޮށް ރަހީނު ކުރަން އުޅުނު މައްސަލައިގަ އެވެ.

ޝަހީމް އޭނާގެ ރަށް މާމެންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުމަށް ގޮސް އިންނެވި ބޮޑުދައިތައަށް ބޮސް ދެއްވަނީ-- ފޮޓޯ: ޕީޕީއެމް

ޝަހީމް އޭނާގެ ރަށް މާމެންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެއްނެވުމަށް ގޮސް އިންނެވި ބޮޑުދައިތައަށް ބޮސް ދެއްވަނީ-- ފޮޓޯ: ޕީޕީއެމް

އެ ދެ ބޭފުޅުން މިނިވަން ކުރުމަށް ގޮވާލައި މާމެންދޫ ގައި މިއަދު މުޒާހަރާ ކުރާނެ ކަމަށް ކުރިން ބެލިފައިވީ ނަމަވެސް ޝަހީމާ ދެކޮޅަށް އެއްވެސް އެއްވުމެއް އެ ރަށުގައި ކުރިއަކަށް ނުގެންދެ އެވެ.

ޝަހީމްގެ މި ކެމްޕެއިން ދަތުރަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ރެ އެވެ. އޭނާ ގއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން، ގޭގެ އަށް ޒިޔާރަތް ކުރައްވައި، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ވަނީ ބޮޑު ކެމްޕެއިނެއް ކުރައްވައިފަ އެވެ.