Roadha Mihaaru
ޖަޕާނުން ހިރިޔާ ސްކޫލަށް ފޮތްތަކެއް ހަދިޔާކޮށްފި

ޖަޕާނުން ހިރިޔާ ސްކޫލަށް ފޮތްތަކެއް ހަދިޔާކޮށްފި

10 ސެޕްޓެމްބަރ 2018

ޖަޕާން ސަރުކާރުން ހިރިޔާ ސްކޫލަށް އެހީވުމުގެ ގޮތުން ފޮތްތަކެއް މިއަދު ހަދިޔާ ކޮށްފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

ޖަޕާން ސަރުކާރުން ހިރިޔާ ސްކޫލަށް އެހީވުމުގެ ގޮތުން ފޮތްތަކެއް މިއަދު ހަދިޔާ ކޮށްފި އެވެ.

ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާންގެ ނިޕޯން ފައުންޑޭޝަނުން އެ ސްކޫލަށް ހަދިޔާ ކުރީ "ރީޑް ޖަޕާން" ސިލްސިލާގެ 92 ފޮތެކެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކަޒޫމީ އެންޑޯ އެވެ. ފޮތްތަކާ ހަވާލުވީ ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވި ގޮތުގައި، ޖަޕާނުން ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އެކި މައުލޫމާތުތައް އެކުލެވޭ ފޮތްތަކެވެ. އެ ގޮތުން ޖަޕާނުގެ ސަގާފަތާއި ތާރީހާއި މުޖުތަމައުގައި ދިމާވާ ކަންކަމާއި އިގްތިސާދުގެ އިތުރުން އެ ގައުމުގެ ސިޔާސަތާ ބެހޭ ފޮތްތައް ވެސް ހިމެނެ އެވެ.

ޖަޕާނުން ދިން ފޮތްތަކުގެ އެހީގައި ހިރިޔާ ސްކޫލުގައި ޖަޕާނު ބަސް ދަސްކޮށްދީ، އެ ބަސް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޖަޕާނު ސަރުކާރުން، ރާއްޖެ އަށް އެކި ގޮތްގޮތުން ވެދެމުން އަންނަ އެހީ ފާހަގަ ކުރައްވައި ނަޒީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ނިޕޯން ފައުންޑޭޝަނަކީ 1962 ވަނަ އަހަރު އުފައްދާފައިވާ ޖަޕާނުގެ ޖަމިއްޔާއެކެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު 115 ގައުމަކަށް ޖުމްލަ 54،071 ފޮތް ހަދިޔާކޮށްފައިވެ އެވެ. އަދި 2010 ވަނަ އަހަރު އެ ފައުންޑޭޝަނުން ވަނީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީ އާއި ނޭޝަނަލް ލައިބްރަރީ އާއި ގައުމީ ޔުނިވާސިޓީ އަށް ޖުމްލަ 100 ފޮތް ހަދިޔާ ކޮށްފަ އެވެ.