Roadha Mihaaru

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލިހުން ރުހުންދީފި

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

03 ޑިސެމްބަރ 2025

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫގު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.

ވެރިކަން ކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ގައި އަވަހާރަވުމާ ގުޅިގެންނެވެ.