Roadha Mihaaru
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު

ވަޒީފާގެ މައްސަލަތައް އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅޭނީ އެއް ފަހަރަށް ކަމަށް ހަމަޖައްސައިފި

10 ސެޕްޓެމްބަރ 2018

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެ ޓްރައިބިއުނަލުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެ ޓްރައިބިއުނަލުން ހަމަޖައްސައިފި އެވެ.

ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށްޓަކައި، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލްގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެތަނަށް ހުށަހަޅާ މައްސަލަތަކުގެ ތެެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި މައްސަލަ ހުށަހަޅާ ފަރާތް ހާޒިރު ނުވެގެން ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނެ ވަކި އަދަދެއް ނޯވެ އެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި ވަނީ އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު ކަމަށެވެ. އަދި އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހަޅާ ނަމަ 30 ދުވަސް ތެރޭގައި ހުށަހަޅަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސިޔަސް، މައްސަލައިގެ ހާލަތަށް ރިއާޔަތްކޮށް އެފަދަ މައްސަލަތައް އަލުން ހުށަހެޅުމަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފުރުސަތު ދިނުމުގެ ބާރު ޓްރައިބިއުނަލަށް އޮންނާނެ އެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް، އެފަދަ މައްސަލަތައް އަލުން ހުށަހެޅޭނީ 500ރ. ގެ ފީއެއް ދެއްކުމަށް ފަހު އެވެ.

ވަޒީފާއާ ބެހޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް އިހްތިސާސް ލިބިގެންވާ މައްސަލަތަކަކީ އެ މައްސަލައެއް އުފެދުނު ތާރީޚުން ފެށިގެން ހަ މަސް ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކެކެވެ. އެކަމަކު އުޖޫރައާ ގުޅޭ މައްސަލަތައް ހުށަހެޅުމުގައި އެ މުއްދަތެއް ނޯވެ އެވެ.