Roadha Mihaaru
މައުމޫން މާލެ ގެނައީ ޓެސްޓެއް ހަދަން: ކަރެކްޝަންސް

މައުމޫން މާލެ ގެނައީ ޓެސްޓެއް ހަދަން: ކަރެކްޝަންސް

13 ސެޕްޓެމްބަރ 2018

ޖަލަށް ލާފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ ޓެސްޓެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖަލަށް ލާފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ ޓެސްޓެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މާލެ ގެނެސް ޓެސްޓުތަކެއް ހެދުމަށް ފަހު، އެމަނިކުފާނު މިހާރު ވަނީ އަނބުރާ މާފުށީ ޖަލަސް ގެންގޮސްފަ އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.

މައުމޫން އައިޖީއެމްއެޗުގައި.

މައުމޫން މިއަދު އައިޖީއެމްއެޗަށް ގެންދިއުމުން، އާއިލާގެ ބޭފުޅުންނާއި އެމަނިކުފާނާ ގާތް ގުޅުން އޮންނަ ބައެއް ބޭފުޅުން ބައްދަލުކުރަން ވަޑައިގަތެވެ. އެ ބޭފުޅުންނާ މައުމޫން ސަލާމްކުރައްވައި، ވާހަކަފުޅު ދެއްކެވި އެވެ.

މައުމޫނާ އެކު އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް މާލެ ގެނަ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ނަދީމް ގެނައީ އެމްއާރުއައިއެއް ހެދުމަށެވެ.

ވާޓިގޯ ބަލީގައި މައުމޫނަށް ފަރުވާދެމުން އަންނައިރު، ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް ފަރުވާ ދިނެވެ. އަމިއްލަފުޅަށް ތެދުވެވަޑައިގެން، ޒަރޫރީ ބައެއް ކަންކަން ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާތީ، ޑޮކްޓަރު ލަފާ ދެއްވީ، މައުމޫން ގޭބަންދަށް ބަދަލުކުރާށެވެ.

އެއާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދު އަށް ގެންނެވުމަށް ފަހު، ގޭބަންދަށް ބަދަލުނުކޮށް އަލުން މާފުށީ ޖަލަށް ގެންދިޔައީ އެވެ. އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.