Roadha Mihaaru
ޖަލުން ރާވަމުން ދިޔަ "ހަމަލާއެއް" ހުއްޓުވައިފި

ޖަލުން ރާވަމުން ދިޔަ "ހަމަލާއެއް" ހުއްޓުވައިފި

30 އެޕްރީލް 2020

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ފަރާތްތަކުން ނުރައްކާތެރި ކަންތައްތަކެއް ކުރަން އުޅޭކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ޖަލު ތެރެއިން ރޭވި އެ އަމަލުތައް ހިންގަން މަސައްކަތް ކޮށްފައިވަނީ ބޭރުގައި ތިބި ބަޔަކާ ގުޅިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"މި އޮޕަރޭޝަންގައި އަޅުގަނޑުމެން ބަލައި ފާސް ކުރި ގޮޅިތަކުން ފަސް މޯބައިލް ފޯނާއި އަދި މޯބައިލް ފޯނާ ގުޅުންހުރި އެހެނިގެން އާލާތްތައް ފެނުނު. އަދި ހަރުކަށި ފިކުރު ފެތުރުމާ ގުޅޭ ބައެއް ފޮތްތައް ވެސް އަޅުގަނޑުމެންނަށް ފެނިފައިވަނީ މި ސެލްތަކުން،" ތަފްސީލް ދެއްވަމުން ރިޔާޒް ވިދާޅުވި އެވެ.

ޖަލުތެރެއިން ރޭވީ ކޮންކަހަލަ ކަންތައްތަކެއް ކުރަންތޯ "މިހާރު"ން ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ ކަމުގެ ބާވަތުން މާބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. އަދި ތަފްސީލް ހާމަކުރެވޭނީ މިހާރު ލިބިފައިވާ ހެކިތައް އިތުރަށް ބެލުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

"ޖަލުތެރޭގައި ތިބި މިފަދަ މައްސަލަތަކާ ގުޅުންހުރި ފަރާތްތަކުން ރާވަމުން ދިޔައީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް ބޭރުގައި ތިބި ބަޔަކު ކުރުވަން."

ޖަލުތަކަކީ ހަރުކަށި ފިކުރަށް މީހުން ތަމްރީން ކުރާ ތަނެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކުރިންވެސް ވަނީ ބުނެފަ އެވެ. ދީނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ރާއްޖޭގައި އުޅޭއިރު އެމީހުންގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.