Roadha Mihaaru
ބިލަށް ވޯޓު ނުދޭން ގޮވާލަން މަޖިލިސް ދޮށަށް

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލަން އެއްވެއްޖެ

08 އޯގަސްޓް 2016

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި މަޖިލީސް އިދާރާ ދޮށަށް މިއަދު ބަޔަކު އެއްވެ އަޑުއުފުލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި މަޖިލީސް އިދާރާ ދޮށަށް މިއަދު ބަޔަކު އެއްވެ އަޑުއުފުލައިފި އެވެ.

ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމުގެ ހައްގު ދީފައިވާ މާއްދާ "27ގެ ދިފާއުގައި" ޖަހާފައިވާ ބޯޑުތައް ހިފައިގެން އެއްވި މީހުން ގޮވާލީ އެ ބިލް އަނބުރާ ގެންދިއުމަށެވެ. އެއީ، ގާނޫނުއަސާސީން ދީފައިވާ ހައްގުތަކެއް ނިގުޅައިގަތުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކަށް ވާތީ، އެއްވެސް މެމްބަރަކު އެ ބިލަށް ވޯޓު ނުދޭން ވެސް އެއްވި މީހުން ގޮވާލި އެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް އަޑުއުފުލަން މަޖިލީސް ދޮށަށް އެއްވި މީހުން ފަހަތަށް ޖައްސަނީ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް އަޑުއުފުލަން މަޖިލީސް ދޮށަށް އެއްވި މީހުން ފަހަތަށް ޖައްސަނީ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އެއްވި މީހުން ބުނިގޮތުގައި މަޖިލިސް އިންތިހާބުގައި މެމްބަރުންނަށް ވޯޓު ދިނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ވައުދުވެވަޑައިގަތުމުންނެވެ. މި ބިލަށް ވޯޓު ދޭ ގޮތަކުން މެމްބަރުންގެ އިހްލާސްތެރިކަން ހާމަވާނެ ކަމަށް ވެސް އެމީހުން ގޮވަމުން ދިޔަ އެވެ.

މަޖިލީސް އިދާރާ މައި ގޭޓު ކުރިމަތީގައި ޝުއޫރު ފާޅުކުރަނިކޮށް ފުލުހުން ވަނީ އެ ސަރަހައްދުން އެ މީހުން ފަހަތަށް ޖައްސައިފަ އެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި ބަޔަކު އެއްވިއިރު، އެ ބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައިި ކެމްޕޭނެއް ވެސް ކުރިއަށް އެބަދެ އެވެ. އެ ކެމްޕޭންގައި، ބިލަށް ވޯޓު ނުދޭން އެ ދާއިރާއެއްގެ މެމްބަރަށް ގުޅައިގެންނާއި މެސެޖްތަކުން އަންނަނީ އެދެމުންނެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް އެއްވި މީހުން ފަހަތަށް ޖެއްސުމުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އެ ބޯޑުތައް ހިފަހައްޓައިގެން. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް އެއްވި މީހުން ފަހަތަށް ޖެއްސުމުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އެ ބޯޑުތައް ހިފަހައްޓައިގެން. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ އެ ފުރުސަތު ބަންދުކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ.

މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ނޫސްވެރިިން ބުނާ ގޮތުގައި މި ބިލް ފާސްވެއްޖެ ނަމަ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ވެސް ހުއްޓުމަކަށް އަންނާނެ އެވެ.