Roadha Mihaaru
ބިލަށް ވޯޓު ނުދޭން އެދި މެމްބަރުންނަށް މެސެޖްތަކެއް

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި މެމްބަރުންނަށް މެސެޖްތަކެއް

07 އޯގަސްޓް 2016

ހިޔާލުފާޅުކުރުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓު ނުދޭން މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާލުފާޅުކުރުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓު ނުދޭން މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

އެ ކެމްޕޭންގައި، މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހައްގުތައް ނިގުޅައިގަނެވޭ ނުރައްކާތެރި ބިލެއް ކަމަށް ބުނެ، ވޯޓު ނުދޭން މެމްބަރުންނަށް އަންނަނީ އިލްތިމާސްކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ މި ކެމްޕޭންގައި ބައިވެރިވަމުންނެވެ.

އެ ދާއިރާއެއް ނިސްބަތްވާ މެމްބަރަށް ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެކި ވަސީލްތައް މެދުވެރިކޮށް މެސެޖްކުރަމުން ވެސް އެބަ ދެ އެވެ.

ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ފޭސްބުކްގައި ޝެއާކުރެއްވި ޕޯސްޓެއް.

މެމްބަރުން ޓެގްކޮށް ފޭސްބުކާއި ޓުވިޓާގައި ޝެއާކުރި އެތައް ޕޯސްޓެއްގައި އެ ބިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެ އެވެ. އެ ބިލާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގައި ވެސް ރާއްޖެ ފަހަތަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފައިވެ އެވެ.

ބިލަށް ވޯޓު ނުދޭން އެދި އާމިނަތު ޝައުނާ ކޮށްފައިވާ ޓުވީޓެއް.

އަބުރުގެ ބިލަށް ތާއީދުކޮށް ވޯޓު ދެއްވާ އެއްވެސް މެމްބަރަކަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދޭން ގޮވާލާފައިވާ ސިޓީތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.

"ކުރިއަށް އޮތް އިންތިހާބުތަކުގައި، މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން 'އަބުރު'ގެ ބިލަށް ވޯޓު ދީފި އެއްވެސް މެމްބަރަކަށް ވޯޓު ނުދެއްވުމަށް އިލްތިމާސްކުރަމެވެ،"

އެ ސިޓީގައި ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކެއް ނިގުޅައިގަންނަން އަބުރާ ބެހުމުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ބިލެއް ވައްދައި ރައްޔިތުންގެ ހިޔާލު ނުހޯދައި ބިލް ފާސްކުރިއަސް ރައްޔިތުންގެ ބާރު ކެނޑިގެން ނުދާ ކަަމަށެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދިނުމަކީ ރައްޔިތުންނަށް ލިބިގެންވާ ބާރެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"އިންތިހާބުތަކުގައި ރައްޔިތުންގެ ވޯޓު ނުހޯދަން ފާސްނުކުރާހާ ހިނދު ރައްޔިތުންގެ ބާރު އޮންނާނެ އެވެ. ވީމާ ކުރިއަށް އޮތް އިންތިހާބުތަކުގައި، މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން 'އަބުރު'ގެ ބިލަށް ވޯޓު ދީފި އެއްވެސް މެމްބަރަކަށް ވޯޓު ނުދެއްވުމަށް އިލްތިމާސްކުރަމެވެ،" އެ ސިޓީގައިވެ އެވެ.

އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ އެ ފުރުސަތު ބަންދުކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ. މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.