Roadha Mihaaru

އިބޫއަކީ އުފެދުމުގައި ވެސް ލީޑަރެއް: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ "އުފެދުމުގައި ވެސް ލީޑަރެއް" ކަމަށާއި ރައްޔިތުންގެ މަޖިލިހުގައި އޭނާގެ ފަރާތުން އެކަން ފެނިވަޑައިގެންފައިވާ ކަމަށް، ރަނިން މޭޓް ފައިސަލް ނަސީމް މިއަދު، ކ. ކާށިދޫގައި، ވިދާޅުވެއްޖެ އެވެ.

އިބޫއަކީ އުފެދުމުގައި ވެސް ލީޑަރެއް: ފައިސަލް
މުހައްމަދު ޔާމީން
ކ. ކާށިދޫން މުހައްމަދު ޔާމީން

16 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ "އުފެދުމުގައި ވެސް ލީޑަރެއް" ކަމަށާއި ރައްޔިތުންގެ މަޖިލިހުގައި އޭނާގެ ފަރާތުން އެކަން ފެނިވަޑައިގެންފައިވާ ކަމަށް، ރަނިން މޭޓް ފައިސަލް ނަސީމް މިއަދު، ކ. ކާށިދޫގައި، ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި އޭނާ ތަމްސީލުކުރައްވާ ދާއިރާގެ އެންމެ ބޮޑު ރަށުގައި، އިބޫ ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި، ފައިސަލް ވިދާޅުވީ މިދިއަ 15 އަހަރު އިބޫއާ އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އިބޫގެ ފަރާތުން ފެނިވަޑައިގަތީ ހިކުމަތްތެރިކަމާއި އިހްލާސްތެރިކަމާ އެކު ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރެއްވި ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ކާށިދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ހިޔާނާތުގެ އެއްވެސް ވާހަކައެއް އަދި އެއްވެސް މީހަކަށް އަނިޔާވެރިވި ވާހަކައެއްގެ އަޑު ވެސް އިވިވަޑައިގެންފައި ނުވާ ކަމަށް، އިބޫ އަށް ތައުރީފްކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

"ނަމުގައި ސޯލިހް. ހެޔޮ ލަފާ ސޯލިހް ބޭފުޅެއް [އިބޫއަކީ]،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ކާށިދޫގައި ބޭއްވި ޖަލްސާ: އިންތިހާބަކީ ރައްޔިތުންނަށް ލިބޭނެ ފުރުސަތެއް - ފޮޓޯ: އެމްޑީޕީ

ކާށިދޫގައި ބޭއްވި ޖަލްސާ: އިންތިހާބަކީ ރައްޔިތުންނަށް ލިބޭނެ ފުރުސަތެއް - ފޮޓޯ: އެމްޑީޕީ

ފައިސަލް ވަނީ މިހާރުގެ ސަރުކާރުން ހިންގަމުން އަންނަ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ. އަދި ވިޔަފާރިވެރިން ވެސް ގައުމަށްޓަކައި މަސައްކަތްކޮށް ދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބިރުވެރިކަމާއި ނާމާންކަން ފޮހެލައި، ރާއްޖޭގައި ހަމަޖެހުން ގާއިމުކުރާށެވެ. އަދި "މިއަދު ގެއްލޭ އެއްޗަކީ އެތައް ހާސް ދުވަހަށް، އެތައް އަހަރަކަށް ގެއްލިގެންދާނެ އެއްޗެއް" ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްބައިވަންތަކަމާއި ހަމަޖެހުން ގާއިމްކުރަން ރިޔާސީ އިންތިހާބުގެ ބޭނުން ހިފަން ޖެހެ އެވެ.