Roadha Mihaaru
ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނަން

ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނަން: އިބޫ

08 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން މާލެ އިން ބިމެއް ނުދޭތާ ތިން އަހަރަށް ފަހު، އަލިމަސް ކާނިވަލްގެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިންގެ ރަށްތައް ވިއްކާފައި ހުރީ ކޮން ގައުމެއްގެ ކާކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ އަގުގެ ގޮތުގައި ނަގާފައި އޮތީ ކިތައް ބިލިއަން ޑޮލަރުކަން އެނގެން ނެތް ކަމަށް، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އަދި ފޯރި އާއި ޖޯޝާ އެކު އިދިކޮޅު ސަޕޯޓަރުން ތިބި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ. މި ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ. މި ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ލާ ވޯޓުން ނޫނީ އެކަން ދެނެގަނެވޭނެ އެއްވެސް އަލި މަގެއް ފެންނާކެއް ނެތް،" މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށްތައް ވިއްކާފައި ހުރި ވާހަކަ ދެއްލުމުން، ސަރުކާރުން ދައްކަނީ ތަރައްގީގެ ވާހަކަ އެވެ. އޭނާ މިސާލު ނެންގެވީ ސަރުކާރުގެ އިސް ބޭފުޅުން ދައްކަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީންނެވެ. އެކަމަކު، މި މަޝްރޫއުތައް ހިންގީ ކޮރަޕްޝަނާ އެކު ކަމަށް ވިދާޅުވެ، އޭގެ ތަފްސީލް އިބޫ ދެއްވި އެވެ.

އިބޫ ވިދާޅުވީ "75 ބުރީގެ އިމާރާތުގެ އަގުގައި" 25 ބުރީގެ "ހޮހޮޅައެއް" ހަދައި އެތެރެ ހުސްކޮށް ބާއްވައި، ބޭރުގައި ޖެހި ބިއްލޫރިތަކުގެ ދަޅައަށް ހެއްލިގެން ތިބެވެން ނެތް ކަމަށެވެ. އަދި އެތަން އެޅުމުގެ ސަބަބުން ރައްޔިތުން 200 މިލިއަން ޑޮލަރަށް ދަރުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން 143 މިލިއަން ޑޮލަރު ހޭދަވެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، 100 މިލިއަން ޑޮލަރަށް ހެދޭ ބްރިޖެއް 300 މިލިއަން ޑޮލަރަށް ނިންމިއިރު، ވެލާނާ އެއާޕޯޓު 600 މިލިއަން ޑޮލަރަށް ހެދެން އޮއްވައި، ސަރުކާރުން ނެގީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ނެގި ދަރަނިން "ދިވެހިންގެ ބޯ ނުހިކޭވަރު" ކުރުމަށް ފަހު، ރައީސް ޔާމީން މިއަދު އިންނެވީ ހިނިފުޅުވަޑުވަން ކަމަށް ވިދާޅުވެ، އިބޫ ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފަ އެވެ.

"ކަމެއް ކޮށްދީފިނަމާ، ނެގި ދަރަންޏާ ބެހޭ ގޮތުން އެމަނިކުފާނާ [ރައީސްއާ] ސުވާލު ނުކުރާނެ ކަމަށް ވިދާޅުވި... ނޫން. އެއީ އެކަން އޮތް ގޮތެއް ނޫން. އެއީ ރައްޔިތުން ކުރާނެ ސުވާލެއް. އޭގެ ހަގީގަތް ހޯދަން ރައްޔިތުން ހޯދަން ބޭނުން ވާނެ. އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް އަޅުގަނޑު ނުވާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ނަމުގައި ދަރަނި ނެގޭނީ، އެ މީހުންނަށް އެނގި، ހުއްދަ ލިބިގެން ކަން އެއީ އޭރާއި މިހާރު ވެސް ގަބޫލު ކުރާ ގޮތެވެ. އެހެންވެ، ރައްޔިތުންގެ "ލޯ ލާރިއެއްގައި" ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމާ އެކު، އެއްވެ ތިބި މީހުންގެ ހަޅޭކުގެ އަޑުން ތަން ގުގުމައިލި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަން ހިންގާނީ ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ ބަސް ބުނުމުގައި ފުރިހަމަ ލާމަރުކަޒީ، ޖަޒީރާ ރާއްޖެއެއް އޮންނާނެ ކަމަށެވެ. އަދި ރާއްޖެ އަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ނެގި ދަރަނިތަކާއި ހުރިހާ އިސްރާފާއި ވައްކަމާއި ހިޔާނާތުގެ ސަބަބުން، އިގްތިސާދު އޮތީ ހީނަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދުގެ ނާރެސް ކަމުގައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލައި، ވިޔަފާރިވެރިން ބަނގުރޫޓުކޮށްލާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިންސާފުވެރި ޓެކްސް ނިޒާމަކާއެކު، ގެންނާނީ މިނިވަން ވާދަވެރި، ވިޔަފާރީގެ ނިޒާމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ "ހައްދުފަހަނައަޅާފައިވާ ކޮރަޕްޝަން" މި ގައުމުން ނައްތާލުމެވެ.