Roadha Mihaaru
"ކޮލަމާފުށީގައި ހިންގީ ޓެރަރިޒަމްގެ އަމަލެއް ނޫން"

ކޮލަމާފުށީގައި ހިންގީ ޓެރަރިޒަމްގެ އަމަލެއް ނޫން، 18 މީހުން ބަންދު ކުރާކަށް ނުޖެހޭ: ވަކީލުން

16 ސެޕްޓެމްބަރ 2018

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން މައްސަލައެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް، ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ހިންގި ކަމަށް ބުނާ އަމަލުތައް ޓެރަރިޒަމަށް ނުފެތޭ ކަމަށާއި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މީހުންގެ ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން މައްސަލައެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް، ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ހިންގި ކަމަށް ބުނާ އަމަލުތައް ޓެރަރިޒަމަށް ނުފެތޭ ކަމަށާއި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މީހުންގެ ވަކީލުން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ގއ. ވިލިނގިލީ ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ އިތުރުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެ މީހުންގެ ދިފާއީ ވަކީލުން މިހާރު ވަނީ ނިންމައިފަ އެވެ.

ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ، އެ ހާދިސާއަކީ ޕީޕީއެމްގެ ސަޕޯޓަރުންތަކާއި އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެއް ބަޔަކު އަނެއް ބައެއްގެ ދިދަ ފަތިތައް ކަނޑާލައި، ކޮންމެވެސް ވަރެއްގެ މާރާމާރީއެއް ހިންގި މައްސަލައެއް ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެއީ އެ މީހުން ހައްޔަރުކޮށް، ދެ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރަންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ލޭ ހޫނުވެގެން ގަޑީގައި ދެ ފަރާތުން ކޮންމެވެސް ވަރަކަށް އަރައިރުންވެ، ބަސްތައް ބަދަލުކޮށް އެ ކަހަލަ ގޮތަކަށް ހިނގައިދާނެ. އެހެން ނަމަވެސް މި ހާލަތަށް ބަލާއިރު ޓެރަރިޒަމްގެ އަމަލެއް މިތާނގައި ހިނގާފައެއް ނެތް. އެހެންވީމަ މިހާ ދިގު މުއްދަތަކަށް ބަޔަކު ބަންދު ކޮށްފައި ތިބުމަކަށް ހާލަތު މެދުވެރިވެފައި އޮތް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ސުއޫދު ވިދާޅުވި އެވެ.

"ހިނގި ހާދިސާއާ ނުބައްދަލު ފިޔަވަޅުތަކެއް އެޅިފައި ހުރިތަން މި ފެންނަނީ. މަގުމަތީގައި ހަމަ ކަމެއް ހިނގާ އިރަށް، ދެ ފަރާތެއްގެ ދެމެދުގައި އަރައިރުން ވެލާ އިރަށް، ޓެރަރިޒަމްގެ ދައުވާ ކުރެވޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައި އޮތިއްޔާ އެއީ ވަރަށް ދެރަ ކަމެއް."

ސުއޫދު ވިދާޅުވީ އެ ހަމަނުޖެހުމަކީ ސިޔާސީ ދެ ފިކުރެއްގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށް ވާއިރު، ހަމައެކަނި އިދިކޮޅު ސަޕޯޓަރުން ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރުމަށް ފަހު، މިދިޔަ ހުކުރު ދުވަހާ ހަމައަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ގާނޫނު އެޕްލައި ކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި އޮތް ކަމަށް ބެލުމުގެ ޖާގަ އެބައޮތް. އެހެންވީމަ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ކުރައްވާފައިވާ ރަނގަޅު ކަމެއް ނޫން. އެއީ ހަމަނުޖެހުމެއް ހިނގި ކަމަށް ވަންޏާ ހަމަނުޖެހުމުގައި ބައިވެރިވި ދެ ބައި މީހުންނަށް ވެސް އިންޒާރު ދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ވާނެ." ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައެއް ވޯޓު ފޮށިތައް އޮބްޒާވް ކުރުމަށް ކަނޑައަޅާފައިވާ މަންދޫބުން ވެސް އެބަ ތިއްބެވެ. އެހެންވެ، އެ މީހުންގެ ބަދަލުގައި އެހެން ބަޔަކު މަންދޫބުންގެެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަންދުގައި ތިއްބަސް އެ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ވޯޓުލާން ނުގެންދާ ކަމަށް ވަންޏާ ކޯޓުން އަމުރަކަށް އަޅުގަނޑުމެން އެދޭނަން ހައި ކޯޓުގައި ނުވަތަ އެ ނޫން ވެސް ކޯޓެއްގައި، ވޯޓުލުމުގެ ހައްގުން އެ މީހުން މަހްރޫމް ނުކުރެވޭނެ ކަމަށާއި އެ މީހުންނަށް ފުލުހުންގެ ފަރާތުން ނުވަތަ އެ މީހުން ބަންދު ކޮށްގެން ބަލަހައްޓާ ފަރާތުން އެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް އެދި ކޯޓު އަމުރަކަށް އެދޭނަން،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެ މީހުން ވިލިނގިލީގައި ބަންދުގައި ބައިތިއްބާފައިވާ ތިބޭ ގޮޅީގައި ޖަންކްޝަން ވަސް ދުވާ ކަމަށެވެ. އެހެންވެ، އެތަނުގައި މީހުން ބޭތިއްބުމަކީ ކުރަން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. އެގޮތަށް އެއްވެސް މީހަކު ބަންދު ނުކުރެވޭނެ ކަމަށާއި އެއީ އިންސާނީ ކަރާމަތާ އެކަށީގެންނުވާ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.