Roadha Mihaaru
ދުނިޔެއަށް އަންނަ ބަދަލުތައް ކުޑަޔަކުން

ދުނިޔެއަށް އަންނަ ބަދަލުތައް ކުޑަޔަކުން

17 ސެޕްޓެމްބަރ 2018

ދުނިޔެއަށް އަންނަ ބަދަލުތަކާ މެދު އެއްވެސް ވަރަކަށް ވިސްނަން ހެއްޔެވެ؟ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ މެދު އެއްވެސް ވަރަކަށް ވިސްނަން ހެއްޔެވެ؟ ނޫން ނަމަ، ހަތަރު މިނެޓުގެ މި ކުރު ފިލްމު ބަލައިލާށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔެއަށް އަންނަ ބަދަލުތަކާ މެދު އެއްވެސް ވަރަކަށް ވިސްނަން ހެއްޔެވެ؟ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ މެދު އެއްވެސް ވަރަކަށް ވިސްނަން ހެއްޔެވެ؟ ނޫން ނަމަ، ހަތަރު މިނެޓުގެ މި ކުރު ފިލްމު ބަލައިލާށެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި، ދިރާގާ ގުޅިގެން ޔޫއެންޑީޕީން ބޭއްވި "ފިިލްމް ފޯ ޗޭންޖް" އަށް ތައްޔާރުކުރި މި ފިލްމު ހާއްސަކޮށްފައިވަނީ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ނުވަތަ ދެމެހެއްޓެނެވި ތަރައްގީގެ 13 ވަނަ ގޯލަށެވެ.

އެ ފިލްމު އުފެއްދުމުގެ މަސައްކަތްކުރި ލުގުމާން ނޫރު ބުނީ، އަހަރެމެންގެ އިހުމާލުން ދުނިޔެ ހަލާކުވެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު "ކުޑަ" ގައި ދައްކައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އޭގައި މައިގަނޑު އެއްޗަކަށް ބޭނުންކޮށްފައިވަނީ ކުޑައެކެވެ. އެއިން ދައްކައިދޭނީ ދުނިޔޭގެ ރައްކާތެރިކަމަށް ލައްވާފައިވާ އޯޒޯން ލޭޔާ ފަދަ ގުދުރަތީ ވަސީލަތްތަކެވެ.

ކުޑަ އަންހެންކުއްޖެއް މައިގަނޑު ރޯލް ކުޅޭ ފިލްމު ފެށިގެން ދާއިރު ފެންނާނީ ކާބަފައިންގެ ގުދުރަތީ ވަސީލަތްތައް، މި ޖީލުގެ ދަރިންނާ ހަވާލުކޮށްފައި ދާ މަންޒަރެވެ. އަދި އަހަރެމެންގެ އަމަލުތަކުގެ ސަބަބުން ދުނިޔެއަށް ގެއްލުން ލިބި، މޫސުމަށް ބަދަލު އައިސް އޭގެ ނޭދެވޭ އަސަރުކުރާ ތަން ވެސް ފެނިގެންދާނެ ކަން ލުގުމާން ބުންޏެވެ.

އދ. ގެ މައުލޫމާތުތަކަށް ބަލާއިރު، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ސްޓްރެޖީ ތަންފީޒުކުރުމުގައި ކުރިއެރުންތަކެއް ލިބުނަސް ގުދުރަތީ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ވަނީ ގިނަވެފަ އެވެ. އެގޮތުން 1990 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް 1.6 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގުދުރަތީ ކާރިސާތަކުގައި މަރުވެފަ އެވެ.

އޭޕްރީލް 20، 2017 އާ ހަމައަށް 143 ފަރާތަކުން ވަނީ ޕެރިސް އެގްރިމެންޓުގައި ބައިވެރިވެފަ އެވެ. އޭގެ ތެރެެއިން 136 ގައުމަކާއި ޔޫރަޕިއަން ކޮމިޝަނުން ވަނީ ގައުމީ ފެންވަރުގައި، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމްވޯކް ގަރާރުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ކަންތައްތަކެއް ކޮށްފަ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުން ވަނީ 2020 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދޭން ވަނީ ނިންމައިފަ އެވެ. އަދި އެ އެހީތެރިކަން 2025 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ގްރީން ކްލައިމެޓް ފަންޑު މެދުވެރިކޮށް 10.3 ބިލިއަން ޑޮލަރު ކުރިން ހޯދާފައިވީ ނަމަވެސް ތަރައްގީ ވެފައިވާ ގައުމުތަކުން އަދި ވެސް ހަރަދު ކުރާ މިންވަރު އިތުރުކުރުމަށް ދަނީ އެދެމުންނެވެ.