Roadha Mihaaru
ޔޫއެންޑީޕީ މެދުވެރިވެގެން 7.9 މިލިއަން ރުފިޔާގެ އެހީ

ތިމާވެށީގެ ޕްރޮޖެކްޓުތަކަށް 7.9 މިލިއަން ރުފިޔާ ދީފި

28 ނޮވެމްބަރ 2018

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކަށް ޔޫއެންޑީޕީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ފަރާތުން 7.9 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކަށް ޔޫއެންޑީޕީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީގެ ފަރާތުން 7.9 މިލިއަން ރުފިޔާގެ އެހީ މިއަދު ދީފި އެވެ.

ސޯލްޓްގައި އޮތް ރަސްމިއްޔާތެއްގައި މި އެހީ 16 ފަރާތަކަށް ދިނެވެ.

ރާއްޖޭގައި މިހާރު ވެސް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމް (އެސްޖީޕީ)ގެ ދަށުން 44 ޕްރޮޖެކްޓެއް ކުރިއަށް އެބަ ދެ އެވެ. އަދި މިހާތަނަށް 22 ޕްރޮޖެކްޓެއް ނިމިފައިވާ އިރު މިހާތަނަށް 36 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިހާރު ނިންމާފައިވާ 22 ޕްރޮޖެކްޓް ހިންގި ފަރާތްތަކަށް މިއަދު ވަނީ ހަނދާނީ ލިއުން ވެސް ހަވާލުކުރި އެވެ.

އާ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ވިދާޅުވީ އަންނަން އޮތް ޖީލްތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށްދިނުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށެވެ. އަދި އެ ވާޖިބު އަދާނުކުރެވިއްޖެ ނަމަ އަންނަން އޮތް ޖީލްތައް މިހާރުގެ ރައްޔިތުންނަށް މައާފުނުކުރާނެ ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.

ޖީއީއެފް-އެސްޖީޕީގެ ނެޝެނަލް ކޯޑިނޭޓަރު ފާތިމަތު ސައީދާ ވިދާޅުވީ މިއީ ފައިސާގެ ވަރަށް މުހިންމު އެހީއެއް ކަމަށެވެ. އަދި މި އެހީ ލިބޭ ފަރާތްތަކުން ހަވާލުވާ ޕްރޮޖެކްޓްތައް އެ މުއްދަތުގައި ފުރިހަމަކޮށް ނިންމުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖީއީއެފް-އެސްޖީޕީގެ ނެޝެނަލް ކޯޑިނޭޓަ ފާތިމަތު ސައީދާ ވާހަކަ ދައްކަވަނީ | ފޮޓޯ: ހުސެން ވަހީދު / މިހާރު

ޖީއީއެފް-އެސްޖީޕީގެ ނެޝެނަލް ކޯޑިނޭޓަ ފާތިމަތު ސައީދާ ވާހަކަ ދައްކަވަނީ | ފޮޓޯ: ހުސެން ވަހީދު / މިހާރު

އެސްޖީޕީގެ މާލީ އެހީ ލިބެނީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ތަފާތު ގެއްލުންތަކާ ދެކޮޅަށް ކުރާ މަސައްކަތަށާއި ކުންޏާއި ކެމިކަލް ނައްތާލުމުގެ ޕްރޮޖެކްޓްތަކަށެވެ. އެސްޖީޕީ 1992 ގައި ތައާރަފުކުރި ފަހުން މިހާތަނަށް 133 ގައުމެއްގައި 20،000 ފަރާތަކަށް ފަންޑް ވަނީ ދީފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެސްޖީޕީގެ އެހީ ދޭން ފެށީ 2010 ވަނަ އަހަރު އެވެ. މިހާރު ނިމިފައިވާ އަދި ކުރިއަށް ދާ މަޝްރޫއުތަކުގެ ފައިދާ ރާއްޖޭގެ 16 އަތޮޅެއްގެ 38 ރަށަކަށް ލިބިފައިވެ އެވެ.