Roadha Mihaaru
"2 އެއީ ގޯސް ނަމްބަރެއް، 1 އެއީ އެއް ވިސްނުމެއް"

ދޭއް އެއީ ގޯސް ނަމްބަރެއް، އެކެއް އެއީ އެއް ވިސްނުމެއް: ރައީސް ޔާމީން

19 ސެޕްޓެމްބަރ 2018

އެމަނިކުފާނުގެ ކެންޑިޑޭޓު ނަމްބަރު އެކަކީ "އެއް ވިސްނުމެއް" ކަމަށާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެންޑިޑޭޓް ނަމްބަރު ދޭއް އެއީ ގޯސް ނަމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމަނިކުފާނުގެ ކެންޑިޑޭޓު ނަމްބަރު އެކަކީ "އެއް ވިސްނުމެއް" ކަމަށާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެންޑިޑޭޓް ނަމްބަރު ދޭއް އެއީ ގޯސް ނަމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑު އެއްކޮށް ސަޕޯޓަރުންނާ އެކު ފުރާލާފައިވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން ރާއްޖެ އަށް ކޮށްދިން ކަންތައް ފެންނަން އެބަހުރި ކަމަށެވެ.

"[މި ސަރުކާރުން ކޮށްދިން ކަންކަން] ފެނިވަޑައިނުގަންނަވާ ބޭފުޅުންނަށް އާސަންދައިން އައިނު ހިލޭ،" އިދިކޮޅު ބޭފުޅުންނަށް ހަޖޫ ޖައްސަވައި، އަޑުފުޅަށް ބާރު ލައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަންނަ އާދިއްތު ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު، ކަންކަމާ މެދު ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށެވެ.

"ޒުވާނން ކުދިން ބޭނުންވަނީ ގެދޮރުވެރިކަން. ގެދޮރުވެރިކަން ކަށަވަރު ކޮށްދީފިން. ޒުވާން ކުދިން ބޭނުންވަނީ ވަޒީފާ. ވަޒީފާ ކަށަވަރު ކޮށްދީފިން. ފަސްދޮޅަސް ފަސް އަހަރުން މަތީގެ މީހުން ބޭނުންވަނީ 5،000ރ. އެކަން ކަށަވަރު ކޮށްދީފިން. އަންހެން ބޭފުޅުން ބޭނުންފުޅުވަނީ ގައިނީ ޑޮކްޓަރުންނާއި އަދި އަންހެނުންގެ ޚާއްސަ ހޮސްޕިޓަލް. އެކަން ކަށަވަރު ކޮށްދީފިން. ވަޒީފާގައި ތިބި މީހުން ބޭނުންވަނީ އާމްދަނީ ލިބޭނެ އިތުރު ގޮތް. އެކަން ކަށަވަރު ކޮށްދީފިން،" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަމާންކޮށްދިނީ ވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގަ އެވެ. އަދި ވިދާޅުވީ އޭގެ ކުރިން "މިތަނުގައި މީހުން "ކަތިލީ" ކަމަށެވެ.

"މިއަދު ނޫންތޯ އަމާން ތަނަކަށް ވެގެން މި އުޅެނީ. މިއަދު ނޫންތޯ ތަރައްގީގެ ވާހަކަ މި ދައްކަނީ. މިއަދު ނޫންތޯ ދިވެހި ޒުވާނުން ވެސް މި ބުނަނީ މިއީ ސަޅި ދިވެހިރާއްޖެއެކޭ. މި ރައީސް، ތިމަންނަމެން ބޭނުންވާ ކަންކަން އެބަ ކޮށްދެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ، މިހާރު އެބަޖެހޭ އަޅުގަނޑުމެން ސީރިއަސްލީ މިކަމާ ވިސްނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި އަނބިކަބަލުން ފާތިމަތު އިބްރާހިމް މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި އިހްލާސްތެރި ކަމާ އެކު ކަމަށެވެ. އަދި ވިދާޅުވީ، އެމަނިކުފާނަކީ ދިވެހި ރައްޔިތުން ގޮވައިގެން ދަތުރު ކުރުމަށް "ފިސާރި ކައްޕިއެއް" ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެހެން އޮޑިތަކުގެ ކައްޕިން ފުންމާލައިގެން ދިޔަ ނަމަވެސް އެމަނިކުފާން އެގޮތަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައްޔިތުން އަޅުގަނޑުމެންނާ އެކު ސާބިތުވެ ތިއްބަވަންޏާ މި އޮޑީގައި މިހިރީ ފިސާރި ކައްޕިއެއް. މި އޮޑި ދާނީ ބާރަށް. މި އޮޑި ހުއްޓުވައެއް ނުލާނެ. ގަދަ ކަނޑުތަކުގައި ވެސް ދުއްވާނީ މި އޮޑި. އެކަމަކު މި އޮޑީގެ އިންޖީނަށް ތެޔޮ އަޅައިދޭން އެބަޖެހޭ. އެކަން ކޮށްދެއްވަން ތިބީ ތީގެން ކޮންމެ ބޭފުޅެއް،" އެތައް ހާސް ބަޔަކާ އެކު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: އަހުމަދު ނަޝާތު/މިހާރު

ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: އަހުމަދު ނަޝާތު/މިހާރު

އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުން ކަމަށާއި މިއަދު އުފާފުޅު ކުރައްވަނީ އެކަންކަން ކާމިޔާބު ކުރައްވާފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން، މި ސަރުކާރުން ރާއްޖޭގެ 50 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށް ދީ، 70 ޕަސެންޓަށް ނަރުދަމާ ގާއިމްކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލިއިރު އެ އެއާޕޯޓް އަނބުރާ ހޯއްދަވައި، ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ފްލައިޓް އޭ380 ޖެއްސޭވަރުގެ އެއާޕޯޓެއް ތަރައްގީ ކުރީ މިސަރުކާރުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ތަރައްގީގެ ކާމިޔާބުތައް:

* 12 އެއާޕޯޓެއްގެ މަސައްކަތް ނިންމުން

* ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވުން

* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއާޕޯޓަކަށް ހެދުން

* 130 ރަށެއްގައި ބަނދަރު ހެދުން

* އަމާންކަން ގާއިމްކޮށް ތަރައްގީގެ އުންމީދު އާ ކޮށްދިނުން

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން ކަންކަން ނުކޮށްދޭ ކަމަށް ބުނެ ދައްކަނީ "އައިބު" ވާހަކަތަކެކެވެ. އަދި އެ ވާހަކަ ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނިޔަތުގެ ތެދުވެރިކަމާއި އަޅުގަނޑު ނިޔަތް މި ގަންނަނީ ދިވެހި ރައްޔިތުންގެ ހައްގުގައިކަން ހަމަ ގައިމު ވެސް ﷲ ތައާލާ ދެނެވޮޑިގެންވާނެ. އަޅުގަނޑު ބޭނުންވަނީ ތީގެން ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުގެ ނިޔަތުގެ ތެދުވެރިކަން ގަބޫލް ކުރައްވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން ދިވެހިން ބޭނުންވާ ކަންކަން ކޮށްދޭން. ދިވެހި ރާއްޖެއަށް ދަތިވެފައިވާ ކަންކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުދިގެން ދާކަން އެބަ އިނގޭ"

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ރައީސް ޔާމީންގެ މައްޗަށް ކުރެ އެވެ. އެކަމަށް ރައްދު ދެއްވައި އެމަނިކުފާން ވިދާޅުވީ ބޮލުގައި އެތައް އިލްޒާމެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި އެކަމާ ސާބިތުވެ ހުންނެވި ކަމަށެވެ. އަބުރު ނަގާލަން ކުރާ މަސައްކަތުގައި ހައްގު އެއްކަމެއް ވެސް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.