Roadha Mihaaru
ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް: ޔާމީން

ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް، ކުށެއް ނުކުރަން: ޔާމީން

02 އެޕްރީލް 2019

އެމަނިކުފާނު މާފުށީ ޖަލުގައި ބަންދު ކުރީ އެއްވެސް ކުށެއް އިސްތަށިފުޅުގައި ނޭޅުވޭނެތީ ކަމަށާއި ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމަނިކުފާނު މާފުށީ ޖަލުގައި ބަންދު ކުރީ އެއްވެސް ކުށެއް އިސްތަށިފުޅުގައި ނޭޅުވޭނެތީ ކަމަށާއި ޖަލުގައި ހުރުމަކީ ވޭން ހުރި ކަމެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިނަށް އެ އަވަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ ލީޑަރުންނާއި އެހެން މީހުން ޖަލަށް ވަދެފައި ހުރީ ބޮޑެތި ޖަރީމާތައް ހިންގައިގެން ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ހުކުމެއް އައިސްގެން ނޫން ޖަލަށްލީ. އެއީ އަޅުގަނޑުގެ އަނގަ ބަންދުކުރަން. އަޅުގަނޑުގެ ފައިގައި ދަތި އަޅުވަން. މިރޭ ޖަލްސާ އަށް ނުދެވުނީ އެހެން ކެންޑިޑޭޓުންގެ ޖަލްސާތަކަށް ވެސް ދާނެ ވަގުތު ނެތީމާ،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްގެ ދަރިފުޅު ފައިސަލްގެ ކެމްޕެއިން ޖަލްސާގައި ފޯނުގެ ޒަރީއާ އިން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލަށް ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލަށް ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު އަމުރުކޮށްފައިވެ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، އެމަނިކުފާނު ހައި ކޯޓުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޔާމީން ޖަލުގައި ބަހައްޓަން ހުކުމް ކުރި ނަމަވެސް، ގިނަ ދުވަސްތައް އެމަނިކުފާނު ހޭދަކުރެއްވީ އައިޖީއެމްއެޗްގައި ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދެވުމަށެވެ. އަދި އެމަނިކުފާނު ބަންދުކުރަން އަމުރު ނެރުނު ޝަރީއަތުގެ މަޖިލިހުގައި، ބުރަކަށީގައި ރިއްސާތީ އުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އިންތިޚާބަށް ދެ ތިން ދުވަހަށް ވީ އިރު، ރަށްރަށަށް ދަތުރުފުޅު ކުރެވޭނެ ފުރުސަތެއް ނެތެވެ. އެހެންވެ، ރައްޔިތުން އަރިހުން އެމަނިކުފާނު ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާޏުގެ އެކައުންޓްތަކުގައި ހުރި ފައިސާ "ބަންދުނުކޮށް" ހުރި ނަމަ، މަޖިލިސް އިންތިޚާބުގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް މިއުޅެނީ، ޕާޓީގެ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ލާރިކޮޅެއް ނުލިބިގެން. ލާރި ނެތިގެންނެއް ނޫން. ލާރި އެބަހުރި. އެކަމަކު ނުހުންނާނެ ސަރުކާރުގެ ބައި ލާރިއެއް ވެސް. އެތަނުގައި ނީންނާނެ ސަރުކާރުގެ ލޯ ލާރިއެއް ވެސް. ލާރި ހުރި ކަމަށްވާނަމަ، ސަރުކާރަށް ހުންނާނީ ނަގާފައި،" ---ޔާމީން

މަނީ ލޯންޑެރިން އާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޔާމީންގެ ބޭންކް އެކައުންޓްތަކުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ފްރީޒްކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިދިޔަ އާދިއްތަ ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު، ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އާ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައި އޮތް ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގި ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ނެރުނީ ޑިސެމްބަރު 13 އިން މާޗު 12 ގެ ނިޔަލަށް ޔާމީންގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމަށެވެ. އެ އަމުރާ އެކު ބީއެމްއެލް އާއި އެމްއައިބީގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތައް، 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު، ފްރީޒް ކުރި އެވެ.

ހައި ކޯޓުން އެ އަމުރު ބާތިލްކުރި ނަމަވެސް ފަހުން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ. އަދި ޔާމީންގެ ފަރާތްޕުޅުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި ކަމެއް ވެސް އެނގިފައެއް ނުވެ އެވެ. ފަހުގެ އަމުރު ނެރުނީ އަންނަ ޖޫން މަހުގެ މެދަކާ ހިސާބަށް އެމަނިކުފާނުގެ އެކަައުންޓްތައް ފްރީޒްކުރުމަށް ކަން ވެސް އެނގިފައިވެ އެވެ.

"އަޅުގަނޑުގެ މައްޗަށް ހުކުމެއް އައިސްގެން ނޫން ޖަލަށް ލީ. އެއީ އަޅުގަނޑުގެ އަނގަ ބަންދުކުރަން. އަޅުގަނޑުގެ ފައިގައި ދަތި އަޅުވަން. މިރޭ ޖަލްސާ އަށް ނުދެވުނީ އެހެން ކެންޑިޑޭޓުންގެ ޖަލްސާތަކަށް ވެސް ދާނެ ވަގުތު ނެތީމަ،" --- ޔާމީން

ޔާމީން މިރޭ ވެސް ވިދާޅުވީ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ފައިސާ އަދިވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒްކޮށްފައި ހުރީ ގަވައިދާ ހިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް މި އުޅެނީ، ޕާޓީގެ ކެންޑިޑޭޓުންނަށް ހޭދަކުރާނެ ލާރިކޮޅެއް ނުލިބިގެން. ލާރި ނެތިގެންނެއް ނޫން. ލާރި އެބަހުރި. އެކަމަކު ނުހުންނާނެ ސަރުކާރުގެ ބައި ލާރިއެއް ވެސް. އެތަނުގައި ނޯންނާނެ ސަރުކާރުގެ ލޯ ލާރިއެއް ވެސް. ލާރި ހުރި ކަމަށްވާ ނަމަ، ސަރުކާރަށް ހުންނާނީ ނަގާފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފައިސާ ހިފަހައްޓައިގެން އުޅެނީ، ފައިސަލް އާއި އޭނާގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަދި މަޖިލިސް އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ނިހާން ފަދަ ބޭފުޅުން ހޮވަން ހަރަދު ކުރާނެތީ އެވެ.

"މިއީ ތޯ އިންތިޚާބު ކާމިޔާބު ކުރާ ގޮތަކީ؟" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ތަރައްގީ އަށް ވޯޓު ދޭ ނަމަ، މަޖިލިސް އިންތިޚާބު އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.