Roadha Mihaaru
މަކަރު ނުހަދާތި، 170,000 ވޯޓު ކަށަވަރު ކޮށްފިން

މަކަރު ނުހަދާތި، 170،000 ވޯޓު ކަށަވަރު ކޮށްފިން: މާރިޔާ

19 ސެޕްޓެމްބަރ 2018

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވާނީ 170،000 ވޯޓު ކަށަވަރުކޮށްފައި ކަމަށާއި މަކަރު ހެދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވާނީ 170،000 ވޯޓު ކަށަވަރުކޮށްފައި ކަމަށާއި މަކަރު ހެދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިންތިޚާބަށް ހަތަރު ދުވަހަށް ވެފައިވާ އިރު ވެސް ވޯޓާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެއީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސާފުކޮށްދޭން ޖެހޭ، ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް. އަޅުގަނޑުމެން ބޭނުންވާ އަދަދަށް، 170،000 ވޯޓު އަޅުގަނޑުމެން ވަނީ ކަށަވަރު ކޮށްފައި. މާތްﷲ އިރާދަ ކުރެއްވިއްޔާ މިދަނީ 23 ސެޕްޓެމްބަރު 2018 ގައި ބޮޑު ތަނުން މޮޅުވާން. އެހެންވީމާ މިހެން މިކަން ހިނގައި ދަނިކޮށް މި ކަހަލަ ފީކަޅާ ކަންތައްތަކުގެ ވާހަކަ [އިންތިހާބާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް] ރަށު ތެރޭގައި އުޅޭތީ، އެ ގޮތަށް އެކަން ނުހިނގާނެ ކަން ރައްޔިތުންނަށް ޔަގީން ކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ދެކި އަޅުގަނޑުމެން މި ވާހަކަތައް ގެނެސްދެނީ،" މާރިޔާ ވިދާޅުވި އެވެ.

ވޯޓާ ގުޅޭ ގޮތުން މާރިޔާ ގިނަ ކަންބޮޑުވުންތަކެއް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހުގެ ސެކިއުރިޓީ ކަންތަކާއި ވޯޓު ގުނަން ހަމަޖައްސާފައިވާ ގޮތާ ގުޅޭ ކަންބޮޑުވުންތައް ހިމެނެ އެވެ. އެހެންވެ އެ ކަންތައްތައް ރައްޔިތުންނަށް ސާފު ކޮށްދިނުމަށް އޭނާ އިލެކްޝަނަށް ގޮވައިލެއްވި އެވެ.

މާރިޔާ ވިދާޅުވީ ވޯޓު ގުނުމަށް ފަހު އެ ނަތީޖާ އެންމެ ފުރަތަމަ ޓެބްލެޓަށް އެންޓަ ކުރަން ނިންމާފައިވާ ކަމަށާއި ވޯޓު ލާ މަރުކަޒުގައި ނަތީޖާ ޝީޓު ހަރުކުރުމަށް ނިންމާފައިވަނީ ޓެބްލެޓުން ނުކުންނަ މައުލޫމާތުތައް ކަމަށް ބުނެ ވާހަކަ ދެކެވެމުންދާ ކަމަށެވެ. ނަމަވެސް އިދިކޮޅު ބޭފުޅުން ތިއްބެވީ ޕްރިންޓް ކޮށްގެން އާންމުކުރާ ނަތީޖާ ޝީޓުތައް ގަބޫލުކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

"ގާނޫނުގައި އޮތް ގޮތް ވަރަށް ސާފު. ޕްރިންޓް އައުޓަކަށް ތަންދޭ ގޮތަކަށް ނޫން އޮތީ. އެތާ [ވޯޓުލާ މަރުކަޒު] ގައި ގުނައި އެތާ ހަރުކޮށް، އެންމެން ސޮއިކުރާ ޝީޓަކަށް ވާންޖެހޭ. ސޮއިކޮށްފައި އޮންނަ ޝީޓު ގުނާފައި ސޮއި ކުރާ ޝީޓް އެތާ ހަރުކުރަން ޖެހޭނީ. އިތުރު އެއްޗަކަށް ޖާގައެއް ނުދޭ. މިއީ ކުރިން ވެސް އިންތިޚާބުގައި އަމަލުކޮށްފައިވާ ގޮތަކީ،" މާރިޔާ ވިދާޅުވި އެވެ.

މަންދޫބުން ސޮއިކުރި ވޯޓާސް ލިސްޓް އަދި ވެސް ނުލިބޭ ކަމަށް ވިދާޅުވެ އެކަމާ ވެސް މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އިލެކްޝަންސް އިން ވަނީ ވޯޓުލާން ބޭނުންކުރާ ވޯޓު ކަރުދާހުގެ ތަފްސީލު މައުލޫމާތު މިއަދު އާއްމުކުރާނެ ކަމަށް ބުނެފަ އެވެ.

އޭނާ ވިދާޅުވީ އިބޫ އަކީ ރައްޔިތުންގެ ޚާދިމެއް ކަމަށާއި ކުޑަކުދިންނާއި ޒުވާނުންނަށް ރަނގަޅު ނަސޭހަތް ދިނުމަށް އާ ރައީސެއް އިހުތިޔާރުކުރަން ޖެހޭ ކަމަށެވެ. އެކަމަށް މި ފަހަރު އެންމެ ރަނގަޅު ބޭފުޅަކީ، ކެންޑިޑޭޓް ނަންބަރު ދޭއް، އިބޫ ކަމަށެވެ.