Roadha Mihaaru
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ

އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން އެބަ ފެނޭ: މާރިޔާ

15 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަނުން ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރުތަކުން، އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް އިިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަނުން ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރުތަކުން، އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް އިިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުތައް ކުރަމުން އަންނައިރު އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އިބޫގެ އިތުރުން ރަނިންމޭޓް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ރާއްޖޭގެ ތިން ސަރަހައްދަކަށް ކެމްޕެއިނަށް ވަޑައިގެންނެވިއިރު، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ތިބި ކަމަށެވެ.

"ލޮލު ކޮޅަށް ނުފެންނަ ވަރަށް ރައްޔިތުން ތިބީ ނިކުމެފައި. ދެކެވުނު ވާހަކަތައް ރައްޔިތުން ވަރަށް މަގުބޫލުކަމާއެކު ބަލައިގެން. ރަނިންމޭޓް އުޅުއްވީ ފ. އަދި ދ. އަތޮޅުގައި. ފެނުނު މަންޒަރުތަކަށް ބަލާއިރު މާތްﷲ އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރު 2018 ގައި އަޅުގަނޑުމެންނަށް ބޮޑު ތަނުން [އިންތިޚާބު] ކާމިޔާބުވާ ތަން އެބަ ފެނޭ. އދ. އަތޮޅުގައި އުޅުއްވި އައިޝާ ވަޑައިގެން އުޅުއްވި ތަންތަނުން ވެސް އަޅުގަނޑުމެން ފެނިގެންދިޔައީ ހަމަ 23 ސެޕްޓެމްބަރު 2018 ގައި ރައްޔިތުން ބޮޑުތަނުން ވޯޓު ޖަހާތަން،" މާރިޔާ ވިދާޅުވި އެވެ.

އިންތިޚާބު ބޯމަތިވެފައިވާއިރު ވެސް ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރޭޝަނާ ގުޅޭ ގިނަ ތުހުމަތުތަކެއް އީސީއަށް ކުރަމުން ދާއިރު މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ބޮޑެތި ތުހުމަތުތަކެއް ރައްޔިތުން ކުރަމުން ދާއިރު، އެއްގޮތަކަށް ވެސް، ބަޔަކު ހަމަ ދެއްކި ވާހަކަތަކަކޭ މިއީ، އަޅާލަން ޖެހޭވަރުގެ ކަމެއް ނޫނޭ ހިތްޕުޅާ އަރައިވަޑައިގެން ތިއްބެވުމަކީ ރަނގަޅު ގޮތެއް ނޫން. ތިޔަ ބޭފުޅުންނަށް ވެސް އެނގިލައްވާނެ މި ދައްކަނީ ގުޅިފައިވާ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވާހަކަ. އެ ބޭފުޅުން ކަންބޮޑުވެގެން މި ވާހަކަދައްކަންޏާ ރައީސް ޔާމީން ވެސް ބައްލަވަން ޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް ގޮތަށް،" މާރިޔާ ވިދާޅުވި އެވެ.

އަނިޔާވެރިކަމާ ދެކޮޅަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނައިރު މިނިވަންކަމާއެކު އިންތިޚާބު ބޭއްވޭނެ ފަދަ މާހައުލެއް ބޭނުންވާ ކަމަށާއި އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.