Roadha Mihaaru
ރައީސް ޔާމީނާއި އިބޫގެ ކެމްޕޭން ނިންމައި ވޯޓަށް

ރައީސް ޔާމީނާއި އިބޫގެ ކެމްޕޭން ނިންމާލައި, ވޯޓަށް ތައްޔާރުވެއްޖެ

22 ސެޕްޓެމްބަރ 2018

މާދާމާ ބާއްވާ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދަން ހިންގި ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ދާދި ދެންމެއަކު ނިންމައި ވޯޓަށް ތައްޔާރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާދާމާ ބާއްވާ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދަން ހިންގި ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ދާދި ދެންމެއަކު ނިންމައި ވޯޓަށް ތައްޔާރުވެއްޖެ އެވެ.

ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ކަށަވަރުކޮށްދޭން، "އެންމެން އެކަކަށް" ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭން ނިންމާލީ މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރަކުންނެވެ. އާޓިފިޝަލްބީޗު ސަރަހައްދުން ފެށި ސައިކަލް ބުރުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ސައިކަލް ބުރުގައި ވަކި ހިސާބަކުން ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ ހަރަކާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރަނިން މޭޓު، ޝަހީމް ވިދާޅުވީ މި އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ މަންޒަރު ފެނިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގައި ސައިކަލް ބުރު ކުރިއަށް ދިޔައިރު، ބައެއް ރަށްތަކުގައި ވެސް ކެމްޕޭން ނިންމާލުމުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން މާލޭގައި ކުރިއަށް ގެންދާ ވެހިކަލްބުރުގެ ތެރެއިން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރައީސް ޔާމީންގެ ކެމްޕޭންގައި، ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ދޮރަށް ދޮރުން ހިނގައި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ރަނިން މޭޓު، ޑރ. ޝަހީމް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން ތާއީދު ހޯދަން ޖަލްސާތަކާއި އެއްވުންތައް ބާއްވާފައިވެ އެވެ. އިންތިޚާބާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީން ވެސް ގިނަ ރަށްތަކަށް ވަޑައިގެން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވި އެވެ. އަދި ފަސް އަހަރުގެ ދައުރަކަށް އެމަނިކުފާނުގެ ތަސައްވަރު ހިމެނޭ މެނިފެސްޓޯ ވެސް ވަނީ އާއްމުކުރައްވައިފަ އެވެ.

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހިނގާލުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހިނގާލުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިބޫގެ ކެމްޕޭން ނިންމާލެއްވީ، އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ހިނގާލުމަކުންނެވެ. ރަސްފަންނު ސަރައްހަދުން ފެށި އެ ހިނގާލުމުގައި އިބޫ އާއި ރަނިން މޭޓު ފައިސަލް ނަސީމްގެ އިތުރުން އިއްތިހާދުގެ އިސް ބޭފުޅުން ބައިވެރިވެޑައިގަތެވެ. "ޖަޒީރާ ރާއްޖެ" ނަމުގައި ހިންގި ކެމޭޕޭންގައި އިބޫ އާއި ރަނިން މޭޓު ފައިސަލް ނަސީމް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްފައިފަ އެވެ. އެވެ. މި ދަތުރުތަކުގައި، ދެ ބޭފުޅުން ވަނީ އިއްތިހާދަށް، ވޯޓުދޭން ޖެހޭ ސަބަބުތައް ވިދާޅުވެފަ އެވެ. އަދި ގިނަ ވައުދުތަކަކާ އެކު ކޯލިޝަންގެ މެނިފެސްޓޯ ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އިންތިޚާބުގައި ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8:30 ގަ އެވެ. މި އިންތިހާބުގައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް މިއަދު ހަވީރު 6 ގެ ފަހުން ކުރުން އިލެކްޝަންސް ކޮމިޝަނުން އޮތީ މަނާކޮށްފަ އެވެ.