Roadha Mihaaru
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު

މިހާރު ފެންނަނީ ސަރުކާރުގެ މަގުސަދު ހާސިލުކުރަން އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު

11 މާޗް 2021

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ހިޔާނާތްތެރިއެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ވެރިން ފާޑުވިދާޅުވިޔަސް މިހާރު ފެންނަނީ އޭނާގެ ބޭނުން ހިފައިގެން، މި ސަރުކާރުގެ މަގުސަދު ހާސިލްކުރަން މަސައްކަތްކުރާ ތަން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ހިޔާނާތްތެރިއެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ވެރިން ފާޑުވިދާޅުވިޔަސް މިހާރު ފެންނަނީ އޭނާގެ ބޭނުން ހިފައިގެން، މި ސަރުކާރުގެ މަގުސަދު ހާސިލްކުރަން މަސައްކަތްކުރާ ތަން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވާޗުއަލްކޮށް ބޭއްވި ޕްރެސް ބްރީފިންގައި ރައީސް ވިދާޅުވީ، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭބަންދަށް ބަދަލު ނުކުރައްވަނީ އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ބަހައްޓަން ޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިޔުމެއް ޔާމީންގެ ނެތުމުން ކަމަށެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް މިއަދު ވިދާޅުވީ، އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ޔާމީނަށް ހުކުމް ކުރިތާ ހަފުތާއެއްގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުން އެއީ ސިޔާސީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމުން ވެސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ހުކުމެއްގެ ދަށުންކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގަކަށް ފަހު، އަނބުރާ މާފުށީ ޖަލަށް ގެންދިއުމުގެ ކުރިން ޔާމީން، ސަޕޯޓަރުންނަށް އަތް ހިއްލާލައްވައި ސަލާމް ކުރައްވަނީ.

ފުލުހުންގެ ތަހުގީގަކަށް ފަހު، އަނބުރާ މާފުށީ ޖަލަށް ގެންދިއުމުގެ ކުރިން ޔާމީން، ސަޕޯޓަރުންނަށް އަތް ހިއްލާލައްވައި ސަލާމް ކުރައްވަނީ.

"ޔާމީނަށް ޑޮކްޓަރުން ލިޔުން ދެއްވާފައި އެބައިން އެ މަނިކުފާނު އޮންނަވަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައޭ. އެ ލިޔެކިޔުންތައް ވެސް އޮންނާނެ ހުށަހަޅާފައި. ޖަލަކީ ކޮންމެ ގޮތަކަށް ހަދާފައި ހުރި ތަނަކަށް ވިޔަސް ގަބޫލެއް ނުކުރަން އެކަނި އެ ތަނުގައި އޮންނަން ވީމާ ސްޓްރެސް ފްރީވާނެ ކަމަކަށް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

"ޑޮކްޓަރު ލިޔުން ދެއްވާފައި އެބައިން ހިތުގެ ޓެސްޓުތަކެއް ހަދަން. މީގެ އެއްވެސް ކަމަކަށް މަގުފަހިކޮށްދެއްވާފައި ނުވޭ."

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނޫސްވެރިން ގާތު ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅު އެދިވަޑައިގެންނެވި ކަމެއް ވިއްޔާ މި ސަރުކާރުން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޔާމީން ބޭނުންފުޅުނުވާ ކަމަށެވެ. އެކަމަކު އެ މަނިކުފާނު ފުރުވާލައި، މީގެ ކުރިން ވެސް ސިޔާސީ ބައެއް ބޭފުޅުން ކަންތައް ކުރެއްވި ގޮތަށް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވިކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މި ސަރުކާރުގެ ބޭނުމަކަށް ވެދާނެ ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ވެސް ދެއްކެވި އެވެ.

"ޔާމީނަށް ޑޮކްޓަރުން ލިޔުން ދެއްވާފައި އެބައިން އެ މަނިކުފާނު އޮންނަވަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައޭ. އެ ލިޔެކިޔުންތައް ވެސް އޮންނާނެ ހުށަހަޅާފައި: އަބްދުއްރަހީމް

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް އަދި ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، ރައީސް ޔާމީން ދޮޅު އަހަރުވާން ދާއިރު، ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިނުގަންނަވާ، ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫނޭ. ރައްޔިތުން ދޫކުރައްވައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ސާބިތުކަން ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ. މި ސަރުކާރުން ކިތަންމެ ވަރަކަށް ބޭނުންވިޔަސް ރައްޔިތުން ދޫކުރައްވައި ރައީސް ޔާމީން ވަޑައިނުގަންނަވާނެ."

އިދިކޮޅު ކޯލިޝަނުން ބުނީ ޔާމީން ބޭނުންފުޅުވަނީ އެ މަނިކުފާނަށް އިއްވާފައިވަނީ ބޭއިންސާފު ހުކުމެއް ކަން ސާބިތުކޮށްދެއްވާށެވެ.

"މި މައްސަލައިގައި ރައީސް ޔާމީނާ ގުޅޭގޮތުން ކަނޑައެޅިގެން ރައީސް ސޯލިހު ހައްދަވާފައިވަނީ އިތުރުފުޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ހައި ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ވަޑައިގަންނަވަނީ.

ހައި ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ވަޑައިގަންނަވަނީ.

ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުން މެއި 1، 2015 ގައި ބޭއްވި މުޒާހަރާގައި އަދީބަށް ވަރަށް ފާޑުކިޔައި އެއީ ދައުލަތަށް ހިޔާނަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވިއަސް މިހާރު ފެންނަނީ އަދީބު ބޭނުން ކުރައްވައިގެން މި ސަރުކާރުން ބޭނުންވާ މަގުސަދު ހާސިލްކުރަން މަސައްކަތްކުރަމުން ގެންދާތަން ކަމަށް ވިދާޅުވި އެވެ.

އިގުތިސޯދާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވިގޮތުގައި، އެއީ ވެސް ހަމަނުޖެހޭ ވާހަކަތަކެކެވެ. މި ސަރުކާރުން 2018 ގައި ވެރިކަމަށް އައިރު ގައުމުގެ އިގުތިސޯދު އޮތީ އަނދަވަޅެއްގެ ތެރޭގައޭ ރައީސް ވިދާޅުވިއިރު އިގުތިސޯދަކީ ކޯއްޗެއްކަން ރައީސަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީންގެ ސަރުކާރު ނިމުނުއިރު ރިޒާވްގައި 900 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ.

ސޮވެރެން ފަންޑަކީ ވެސް ޔާމީން ނެންގެވި ލޯނުތައް ފަސޭހަކަމާއެކު ދެއްކުމަށް ހެދި ފަންޑެއް ކަމަށާއި ވެރިކަން ނިމުނުއިރު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީން ގެންގުޅުއްވި ސިޔާސަތާ އެއްގޮތަށް އެކަން ގެންދިޔަ ނަމަ ލޯނު ދައްކަން އުނދަގުލެއް ނުވާނެ ކަމަށެވެ. އެކަމަކު އިގުތިސޯދު ނުދަންނަ، ގައުމެއް ހިންގަން ނޭނގޭ ބަޔަކަށް ވެރިކަން ދިނުމުން "ހުރިހާ އެއްޗެއް ކައި ހުސްކޮށްލީ" ކަމަށް ވިދާޅުވި އެވެ.