Roadha Mihaaru
ރައްޔިތުން އިއްވި ބަސް ގަބޫލުކޮށްފިން: ރައީސް

ރައްޔިތުންގެ ބަސް އިއްވައިފި، އެކަން ގަބޫލުކޮށްފިން: ރައީސް

24 ސެޕްޓެމްބަރ 2018

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޑު އިއްވައިފި ކަމަށާއި އެކަން ބަލައިގަންނަ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޑު އިއްވައިފި ކަމަށާއި އެކަން ބަލައިގަންނަ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރި ފަހުން ފުރަތަމަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އިހްލާސްތެރި މަސައްކަތް ބަލައިގަނެ، އެތައް ހާސް ބަޔަކު ތިބިކަން އިއްޔެގެ ވޯޓުން ސާފުވި ކަމަށެވެ. އެހެންވެ އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

"ހުށަހަޅުމުން ދިޔަ ހުރިހާ ހަދިޔާތަކަށް ނޫނެކޭ ވިދާޅުވެފައި ގައުމުގެ ހައްގުގައި، ގައުމަށް ރަނގަޅީ ކޮން ގޮތެއް ކަން ތިޔަބޭފުޅުން ނިންމަވައި ދެއްވައިފި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިބޫ އާއި ފައިސަލް ނަސީމް، އިދިކޮޅު ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ. -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

އިބޫ އާއި ފައިސަލް ނަސީމް، އިދިކޮޅު ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ. -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ހިދުމަތާ ދޭތެރޭގައި ރައްޔިތުން މި ވަނީ ގޮތެއް ނިންމައިފަ އެވެ.

ރައީސް ޔާމީން ގައުމާ މުޚާތަބު ކުރެއްވުމުގެ ކުރިން، ރައީސް އޮފީހުގައި އިބޫއާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން އިބޫ ކާމިޔާބު ކުރެއްވިކަން ސަރުކާރުން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވިކަން ރައީސް ޔާމީން މިއަދު އިއުލާން ކުރައްވައި ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވިކަން ރައީސް ޔާމީން މިއަދު އިއުލާން ކުރައްވައި ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، ރައްޔިތުން ބޭނުންވާ ހިދުމަތްތައް މިދިޔަ ފަސް އަހަރަށްވުރެ ފާގަތިކޮށް، ފަހިކޮށް، ރާއްޖެއަށް އާންމުވި ދުވަސްވަރެއް ނޯންނާނެ ކަމަށެވެ. އަދި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިދިޔަ ފަސް އަހަރު ކަންކަން ފަހިވި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ރާއްޖެ މިއޮތީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ހުރިހާ ދާއިރާއަކުން ކުރިއަށް ޖެހިލާފައި،" ފަސް އަހަރު ގެނައި ތަރައްގީތަކުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް ރޭ ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް ރޭ ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ޓީމުން ކުރި މަސައްކަތް، ރައްޔިތުންގެ ހައްގުގައި ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ކަން ކުރައްވާ ގޮތުން، އެހެން މީހުންނަށް ތަކުލީފަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ނޮވެމްބަރު 17 އާ ހަމައަށް ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެހެން ޒައާމަތަކަށް ބަދަލުވާއިރު، އެއްވެސް ކަހަލަ ފުށުއަރާ ކަމެއް އެއްވެސް ބަޔަކު ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.