Roadha Mihaaru
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން

އިދިކޮޅަށް 45 މެމްބަރުން، ޕީޕީއެމް / އެމްޑީއޭ އަށް 40!

30 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިދިކޮޅު ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕަށް މަޖިލީހުގެ މެޖޯރިޓީ އަލުން މިއަދު ލިބިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިދިކޮޅު ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕަށް މަޖިލީހުގެ މެޖޯރިޓީ އަލުން މިއަދު ލިބިއްޖެ އެވެ.

މަޖިލީހުގައި 85 މެމްބަރުން ތިއްބަވާ އިރު، މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް، ވަކި ހާލަތެއްގައި ނޫނީ ވޯޓު ނުލެއްވޭނެތީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނީ 84 މެމްބަރުންނަށެވެ. އެހެންކަމުން، މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ.

ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް، އިދިކޮޅާ ގުޅިވަޑައިގެންނެވި 12 މެމްބަރުން ވެސް މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ މެމްބަރުންނަށް ވެސް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. މަޖިލީހަށް ވެންނެވުމުގެ ފުރުސަތު އެ މެމްބަރުންނަށް ލިބިވަޑައިގަތީ އަހަރެއް ފަހުންނެވެ.

މިއީ، 50 އަށް ވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު މަޖިލީހަށް ނުކުތް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ކުރިއަށް އޮތް މަދު ދުވަސްތަކުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އާ ރައްޔިތުންގެ މަޖިލިސް 2014 ގައި އެކުލަވާލި ފަހުން ސަރުކާރާ ދެކޮޅަށް މިހާ ގިނަ މެމްބަރުން ނުކުމެވަޑައިގެންފައެއް ނުވެ އެވެ.

ގޮނޑި ސަލާމަތްވި (ކ-ވ) ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ އަމީތު، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު. --- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ގޮނޑި ސަލާމަތްވި (ކ-ވ) ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ އަމީތު، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު. --- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އިދިކޮޅު މެމްބަރުންގެ އަދަދު

އެމްޑީޕީ- 21

ޖުމްހޫރީ ޕާޓީ- 7

އަދާލަތު ޕާޓީ- 1

އިދިކޮޅުގައި މަސައްކަތް ކުރައްވާ މެމްބަރުން- 16

ޖުމްލަ: 45

އިދިކޮޅު 16 މެމްބަރުންގެ ގޮތުގައި ގުނީ މަޖިލީހުގެ ގޮނޑި ސަލާމަތްވި 12 މެމްބަރުންނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް އާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހިމަނައިގެންނެވެ.

ސަރުކާރުގެ "ސުޕަ މެޖޯރިޓީ" ގެއްލުމާ އެކު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ލިބޭނެ ކަމަށް އިދިކޮޅު މެމްބަރުން ގަބޫލު ކުރައްވަ އެވެ. ހާއްސަކޮށް، ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ގާނޫނުތައް އުވާލުމާއި ބަދަލު ކުރުމުގައި ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މެމްބަރުން ގަބޫލު ކުރައްވަ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް މެޖޯރިޓީ ގެއްލުނީ ޑިމޮކްރަޓިކް ހަމަތަކާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރެއްވީމަ ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި ތިއްބެވި މެމްބަރުން ވެސް އިސްލާހަށް ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވެގެން ނުކުންނެވީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ކުރިއަށް އޮތް ތަނުގައި ހަމައެކަނި މަސައްކަތް ކުރާނީ 45 މެމްބަރުންނެއް ނޫން. އެއަށްވުރެ ގިނަ އިން މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އިސްލާހީ މަސައްކަތުގައި،" ރިޔާޒް ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ކުރެއްވުމުގެ ހުރިހާ ބާރެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އެ ބާރުގެ ބޭނުން ރައީސް ޔާމީނަށް ނުހިއްޕެވުމުގެ ނަތީޖާއަކީ ބާރުތައް އެމަނިކުފާނު އަތްޕުޅުން ބީވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ރައްޔިތުންނާއި މަޖިލީހުގެ މެމްބަރުން ދަހެއް ނުވި އެވެ. އަދި ރައީސް ޔާމީނާއެކުގައި މަސައްކަތް ކުރައްވައިގެން ކުރިއެރުން ނުލިބޭނެ ކަމަށް ރައްޔިތުންނާއި މެމްބަރުން ގަބޫލު ކުރެއްވިގެން އެމަނިކުފާނާ "ފެއަށް" ޖެހިވަޑައިގަތީ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ މެމްބަރުން ރައީސް ޔާމީނާ ދުރަށް ވަޑައިގެންނެވީ ކޮރަޕްޝަނާއި ފަސާދަ އާއި ބޭއިންސާފުން އެތައް ކަމެއް ކުރެއްވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ފުރިހަމަ ތާއީދާއި އެއްބާރުލުން މަޖިލިސް ތެރެއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު (ވ) އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ). މި ދެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު (ވ) އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ). މި ދެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި.

ރައްޔިތުންގެެ މަޖިލިހުގެ ބޮޑު ކޮންޓްރޯލް ހޯދައިގެން ސަރުކާރުން ވަނީ ވަކިވަކި މީސްމީހުންނަށް އަމާޒުކޮށް ގާނޫނުތައް ހަދައިފަ އެވެ. އެގޮތުން އުމުރުން 65 އަހަރުން ދޮށީ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ ނިޔަތުގައި އެ ކޯޓުގެ ބެންޗު ކުޑަކުރުން ހިމެނެ އެވެ.

މީގެއިތުރުން، ބޭރު ގައުމުތަކުން ހިމާޔަތް ހޯދައިގެން ތިބޭ މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ 10 އަހަރު ފަހުން ކަމަށް ހެދުމާއި ގާނޫނުއަސާސީގައި ދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައި ގެނެވޭ ގޮތަށް "އަބުރު ރަައްކާތެރިކުރުމު"ގެ ނަމުގައި ގާނޫނެއް ފާސް ކުރި އެވެ. އަދި އެއްވެ އުޅުން ހަނި ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ.

ނަމަވެސް، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައެއް ގާނޫނުތައް އުވައިލުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތުން އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސަރުކާރު ދޫކުރައްވައި އިދިކޮޅު މެމްބަރުންނާ ގުޅިވަޑައިގަންނަވާނެ ގިނަ މެމްބަރުން އެބަތިއްބެވި އެވެ. އެހެންކަމުން ސަރުކާރަށް މިހާރު އޮތް އަޣުލަބިއްޔަތަށް ވަރަށް ބޮޑު ލޮޅުމެއް އެރުން ވަރަށް ކައިރި ކަމަށް، މެމްބަރުން ދެކިވަޑައިގަންނަވަ އެވެ.