Roadha Mihaaru
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި ކޯޓަށް

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި

27 ސެޕްޓެމްބަރ 2018

މާދަމާ ފަށާ، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެން، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާދަމާ ފަށާ، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެން، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

އަމުރަކަށް އެދިވަޑައިގެން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަޝާރާ ހަވާލުކުރީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ ސައްހަ ނޫން ކައުންސިލެއް އޮއްވައި އެ ކައުންސިލުން ބާއްވާ ކޮންގްރެެސް ވާނީ އަސާސީ ގަވާއިދާ ހިލާފު ކޮންގްރެންސް އަކަށް ކަމަށް ވިދާޅުވި އެވެ. އަދި ކޮންގްރެސް ބާއްވައިފި ނަމަ ޕާޓީގެ އާއްމު މެމްބަރުންނަށް އިއާދަ ނުކުރެވޭ ވަރަށް ގެއްލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މި އަމުރު ނުނެރެފި ނަމަ ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ހަރަދެއް ހިނގާނެ އެވެ. އެހާ ބޮޑު ހަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް އެއީ، މި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު ޣައިރު ގާނޫނީ ނިންމުންތަކަކަށް ވެއްޖެ ނަމަ އެތައް ހާސް ބައެއްގެ ވަގުތާއި ފައިސާ އަދި ޕާޓީގެ މެމްބަރުންގެ ހައްގުތައް އިއާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެ އެވެ،" އަމުރަށް އެދުނު ފޯމުގައި ފާހަގަކޮށްފައި ވެ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި އެ ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް، ނަދީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމި އިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ.

ޕީޕީއެމްގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި ޖަލު ހުުކުމެއްގައި ހުންނެވި މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގޫޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.