އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ހުރިގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމުގެ އުއްމީދު ކުޑަ ކަމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
24 ޖޫން 2023
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ހުރިގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމުގެ އުއްމީދު ކުޑަ ކަމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
އެ ޕާޓީ އުވާލުމަށް އީސީން ކުރާ މަސައްކަތްތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާ ހިލާފަށް އީސީން ހިންގާ އަމަލުތަކުގެ ސަބަބުން އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ކަނޑައަޅައި އެމްއާރުއެމް އުވާލަން އީސީން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އީސީން އެ ޕާޓީ އުވާލުމުގެ މަސައްކަތް މަޑުޖައްސާލަން ވަނީ އަމުރުކޮށްފަ އެވެ.
އެކަމަކު، އެ އަމުރު މުރާޖައާކުރަން ކޮމިޝަނުން މި މަހު ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނިންމީ އެ އަމުރު މުރާޖައާކުރެވެން ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ޕާޓީ އުވާލުމަށް އީސީން ނިންމާފައިވާ މައްސަލާގައި ޖުޑީޝަލް ރިވިއު މައްސަލައެއް ވެސް ހަމަ އެ ދުވަހު ކޯޓަށް ހުށަހަޅާފައި ވެ އެވެ.
އެމްއާރުއެމް އިން ބުނީ އެ ޕާޓީ އުވާލުމަށް ނިންމި ކަމަށް ބުނެ އީސީން އިއުލާނު ކުރުމަކީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކުރިކަމެއްކަމަށް ޝައްކުކުރެވޭ ފަދަ ގޮތަކަށް ހިންގި ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ޕާޓީގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.
"އެމްއާރްއެމް އަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއްކަމަށް ދެކެވި، ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި މި ޕާޓީން 2023 ގެ ރިޔާސީ އިންތިހާބަށް ވަމުން އައި ތައްޔާރީތަކަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. މިފަދަ އެންމެހާ ގޮންޖެހުންތަކާއެކު ވެސް، ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާހަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި އެމްއާރްއެމް ދެމި އޮންނާނެކަމުގެ ޔަގީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނާއި ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައި ވެ އެވެ.
މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރުއެމް އިން ބުނީ އީސީގެ އަމަލުތައް ހުރިގޮތުން އެ ކޮމިޝަންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ޕާޓީތަކުގެ ކަންކަން ބެލެހެއްޓުމުގައި ގާނޫނާއި ގަވައިދު އަދި އަމިއްލައަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާ ތަން ވެސް ފެންނަ ކަމަށް ބުންޏެވެ.
ވޯޓުލާ މީހުންގެ ލިސްޓު ތައްޔާރު ކުރުން ފަދަ މުހިންމު ކަންކަމުގައި އެ ކޮމިޝަންގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ވަރުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭއިރު، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ އެ ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް އެމްއާރުއެމްއިން ބުންޏެވެ.
ވިސްނުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
މައުމޫންގެ އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި
އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ހުކުމް
ފާރިސްގެ ރަނިންމޭޓަކަށް ޑރ. ސައްތާރު
އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް ސޮއި ހޯދަނީ
އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
އިދިކޮޅު ޕާޓީތަކުން އީސީ އަށް އިތުބާރެއް ނުކުރޭ
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން އަމުރެއް ނެރެފި