Roadha Mihaaru
އިންތިޚާބުން ބަލިވުމުން ރައީސް ޔާމީންގެ އެތައް ސުވާލެއް

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ އެކު، ރައީސް ޔާމީންގެ ބައިވަރު ސުވާލުތަކެއް!

28 ސެޕްޓެމްބަރ 2018

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން މިރޭ ބައިވަރު ސުވާލުތަކެއް އުފައްދަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން މިރޭ ބައިވަރު ސުވާލުތަކެއް އުފައްދަވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް އަލިއަޅުއްވައިލައްވަމުން ރައީސް ޔާމީން ވަނީ އެ ވާހަކަފުޅުގެ އެކި ހިސާބުން ބައިވަރު ސުވާލުތައް ސަޕޯޓަރުންނަށް ކުރިމަތި ކުރައްވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި ގެނެސް ދެއްވި ތަރައްގީ އަށް ބަލައި ވޯޓު ލިބިވަޑައިނުގަންނަވާ ކަމަށާއި ވޯޓު ލިބިވަޑައިގަތީ "މުޅިން އެހެން ވިސްނުމެއްގައި" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަށް ދިމާވެފައި ހުރީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލު ކޮށްދިނުމުން ރައްޔިތުން ހަމަޖެހިގެން އުޅޭނެ ކަމަށް އެމަނިކުފާނަށް ވިސްނިވަޑައިގެންނެވި ކަމަށެވެ.

"....ޒުވާނުންނަށް ލައްކައެއްހާ ވަޒީފާ އުފައްދި ދިނީމާ، ޒުވާނުންނަށް ވަޒީފާ ލިބިގެން، އާމްދަނީ ހޯދައިގެން އެމީހުން ހިތްހަމަޖެހިގެން އުޅޭނެއޭ. އެހެނެއް ނުވި ދެއްތޯ؟ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔައީމާ އަޅުގަނޑު ހިތަށް އެރީ ދޮށީ ރައްޔިތުން ތިއްބަވާނީ ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ވެގެން ދިޔައީމާ އަޅުގަނޑު ހީކުރީ ދިވެހި ރައްޔިތުން ތިއްބަވާނީ ހިތްޕުޅު ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ރަށްރަށުގެ ކުނިގޮނޑުތައް ނައްތާލީމާ އަޅުގަނޑު ހީކުރީ ރަށްރަށުގެ ރައްޔިތުން ތިއްބަވާނީ އެކަމާ އުފަލުންނޭ، ރައީސް ޔާމީން މިވަރުގެ ޚިދުމަތެއް ކޮށްދިނީމާ. އެހެންވިތޯ؟،" އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވި ނަމަވެސް އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓު ނުދިންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި އެ ޕާޓީގެ ކައުންސިލަށް އަލަށް އިންތިޚާބުވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި އެ ޕާޓީގެ ކައުންސިލަށް އަލަށް އިންތިޚާބުވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތި ކުރުވި ކުނިގޮނޑު އެ ތަނުން ނެގުމުން އެމަނިކުފާނު ޚިދުމަތެއް ކޮށްދެއްވައިފި ކަމަށް ގަބޫލު ކުރާނެ ކަމަށް ވެސް ގަބޫލުފުޅު ކުރެއްވި ކަމަށެވެ. އެކަމަކު އެކަން ވެސް ނުވި ކަމަށް ވިދާޅުވި އެވެ. ދެން ސުވާލު ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރި މާލެ-ހުޅުލެ ބްރިޖާ ގުޅޭ ގޮތުންނެވެ.

"ހުޅުމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން، އަޅުގަނޑު ހިތަށް އެރީ އެބޭފުޅުންގެ ދަތުރުފަތުރު ފަސޭހަވުމާއި ދަތުރުފަތުރު އަމާން ވެގެން ދިޔައީމާ ހީކުރީ އެބޭފުޅުން ގަބޫލު ކުރައްވާނެއޭ ރައީސް ޔާމީން ކަންތައްތަކެއް ކޮށްދީފިއޭ. އެހެނެއް ނުވި ދެއްތޯ. އެހެންވީމާ ރައީސަކަށް ދެން އެހޭނީ ރައްޔިތުން ދެން ބޭނުންވަނީ ކޮން ކަމެއްތޯ؟ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަޅުގަނޑަށް ކޮށްނުދެވިގެންނެއް ރައްޔިތުން އައްސަވާފައެއް ނެތެއް ނޫންތޯ،" ރިޔާސީ އިންތިޚާބަށް ފަހު، ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންވެ، ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިންތިޚާބުގެ ވޯޓުގެ ނަތީޖާ ދެއްކި ގޮތާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން ރައީސް ޔާމީން އަދި ގެންގުޅުއްވާ އުސޫލުތައް އަޅައި ކިޔުއްވި ކޮން ބޭފުޅަކާތޯ ވެސް ސުވާލު ކުރެއްވި އެވެ.

"އެހެންވީމާ، މިއަދު ވެސް ލޮލުން ކަރުނަ ވެއްޓޭއިރު ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީތޯއޭ އަޅުގަނޑުމެން ކަންތައް ކުރަންވާ ގޮތަކީ؟ މިއަދު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އާ ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވާ ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އާ ރައީސް އަދި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ އާ ރައީސް އަދި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގައި ކުރިން އުފެދިފައިވާ ބިރުވެރިކަން އެމަނިކުފާނުގެ ސަރުކާރުން ނައްތާލައި އަމާންކަން ގާއިމްކޮށް ބޮޑެތި ތަރައްގީ ތަކެއް ވަނީ ގެނެސްފަ އެވެ. އަދި ރައީސް ޔާމީން ވަނީ، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯދައިދިން އިރު ސަރުކާރަށް ނޫނެކޭ ބުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.

މާޔޫސް ރާގެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ގާނޫނާ ޚިލާފު އެތައް ކަމެއް އަދި ރިޝްވަތާއި ފަސާދައިގެ އެތައް އަމަލެއް ހިންގި ތަން އެންމެންނަށް ފެނިފައިވާއިރު، "މި ރިޔާސީ އިންތިހާބު އަޅުގަނޑަށް ގެއްލިގެން ދިޔައީމާ ގަބޫލު ކުރަން އަދިވެސް މިއުޅެނީ އުނދަގޫ ވެގެން،" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ވަރަށް ވަތަނީ އުސޫލުތަކެކެވެ. އަދި އެއާ ހިލާފުވެވަޑައިގަތުމަށް ވަރަށް އުނދަގޫ ކަމަށް ވިދާޅުވި އެވެ. އެ އުސޫލުތަކުގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ، އެއީ އިސްލާމް ދީނަށް ލޯބި ކުރުމާއި ރާއްޖޭގެ ކަންކަން ނިންމުމުގައި ބޭރުގެ ފަރާތްތަކުން ނުބެހޭ އުސޫލުތަކެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތު ވުމަކީ އަނެކާއަށް ޖިސްމާނީގޮތުން އަނިޔާ ދިނުމާއި ފުރައްސާރަ ކުރަންޖެހޭ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.