Roadha Mihaaru
ދެކުނު އޭޝިއާގެ، އުރަމަތީ ކެންސަރު މަހާސިންތާ ފަށައިފި

ދެކުނު އޭޝިއާގެ، އުރަމަތީ ކެންސަރުގެ ކޮންފަރެންސް ރާއްޖޭގައި ފަށައިފި

03 އޮކްޓޯބަރ 2018

ދެކުނު އޭޝިއާގެ، އުރަމަތީ ކެންސަރާ ބެހޭ ޖަމިއްޔާގެ ދެ ވަނަ އަހަރީ ކޮންފަރެންސް ރާއްޖޭގައި މިރޭ ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދެކުނު އޭޝިއާގެ، އުރަމަތީ ކެންސަރާ ބެހޭ ޖަމިއްޔާގެ ދެ ވަނަ އަހަރީ ކޮންފަރެންސް ރާއްޖޭގައި މިރޭ ފަށައިފި އެވެ.

ސިންގަޕޫރުގައި 2016ގައި އުފެއްދި މި ޖަމިއްޔާގެ ދެ ވަނަ އަހަރީ ކޮންފަރަންސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮޓެލް ޖެންގަ އެވެ. ދިހަ ގައުމަކުން 70 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެންސް ނިމޭނީ އަންނަ ހުކުރު ދުވަހެވެ.

އުރަމަތީ ކެންސަރާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ މި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އޭޝިއާގައި މި ބައްޔާ ގުޅޭ ގޮތުން ފެންނަ މައްސަލަތަކަށް، އޭޝިއާ އަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމެވެ. މި ކޮންފަރެންސް މި އަހަރު ރާއްޖޭގައި ބޭއްވުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ސާޖަރީ މުހައްމަދު ޝިފާން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް އާއި އެސްޓީއޯ، އަދި ޑޮކްޓަރު ރެޑީސް ބްރޭންޑުން އެހީތެރިވެދީފައިވެ އެވެ.

މި ކޮންފަރެންސްގައި ޑޮކްޓަރުންގެ އިތުރުން، މި ބައްޔާ ގުޅިފައިވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ވާހަކަ ދައްކާނެ އެވެ. އަދި މި ބައްޔަށް ފަރުވާކުރުމުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރާނެ އެވެ.

މި ކޮންފަރެންސްގައި ވިލާތުގެ ތަޖުރިބާ ހިއްސާ ކުރުމަށާއި ލަފާ ދިނުމަށް އިނގިރޭސި ވިލާތާއި އެމެރިކާ އިން ޑޮކްޓަރުން ބައިވެރިވެ އެވެ. އޭގެ ތެރެއިން އިނގިރޭސި ވިލާތުން ވަޑައިގެންނެވި ޑޮކްޓަރު ލީނާ ޗާގްލާ ވިދާޅުވީ އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި މި ބައްޔާ ގުޅޭ ގޮތުން އެކަށީގެންވާ ހޭލުންތެރިކަން ނެތުމާއި، ބައްޔަށް ފަރުވާކުރާނެ ވަސީލަތްތައް މަދުވުން ހިމެނޭ ކަމަށެވެ.

އިނގިރޭސި ވިލާތް ވެސް މީގެ ތިރީހަކަށް އަހަރު ކުރިން އޮތީ ހަމަ މިކަހަލަ ހާލަތެއްގައި ކަން ފާހަގަކުރައްވައި، މި ބަލީގައި މަރުވާ މީހުން މަދުކުރުމަށްޓަކައި މި ބަލި ހުރިތޯ ބެލުމަށް ގަވާއިދުން ޗެކްއަޕް ހެދުން މުހިއްމުކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ވަސީލަތްތަކެއް ގާއިމް ކުރުން ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މި ކޮންފަރެންސް ބޭއްވުމަށް އިސްކޮށް މަސައްކަތް ކުރެއްވި ދިވެހި ޑޮކްޓަރު މުހައްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ އެކި ބާވަތްތައް ފެތުރެމުންދާ ކަމަށެވެ. އަދި އުރަމަތީ ކެންސަރު ޖެހިގެން އަންނަނީ، އެހެން ގައުމުތަކުގައި އާންމުކޮށް އެ ބަލި ޖެހޭ ވަރަށް ވުރެ ހަގު އަންހެނުންކަން ވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް ރާއްޖޭގައި މިކަމާ ގުޅޭ ގޮތުން އެކަށީގެންވާ މައުލޫމާތު އެއްކޮށްފައި ނެތުމުން، ރާއްޖޭގައި މި ބަލި ޖެހެނީ ސީދާ އުމުރުން ހަގު އަންހެނުން ކަމެއް ބުނަން ނޭނގޭކަމަށް އޭނާ ވިދާޅުވި އެވެ.

".. އެކަމަކު އަދި ނޭނގެ ބުނާކަށް އެއީ ސްޓެޓިސްޓިކަލީ ސިގްނިފިކަންޓް ކަމެއް، ނުވަތަ މިހާތަނަށް އައި ބޭފުޅުން އުމުރުން ހަގީކަމެއް،" ޝިފާން ވިދާޅުވި އެވެ.

މި ކޮންފަރެންސަަށް ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވި ޑޮކްޓަރުން ވެސް އެއްރާގަކުން ވިދާޅުވަނީ އެންމެ ވާހަކަ އެކެވެ؛ "ގަވާއިދުން ޗެކް-އަޕް ހަދާށެވެ. އުރަމަތީ ކެންސަރަކީ އަވަހަށް ދެނެގަނެވިއްޖެ ނަމަ، ފުރާނަ އަށް ނުރައްކާ ހުރި ބައްޔެއް ނޫނެވެ."