Roadha Mihaaru
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމަށް އާ ބޭފުޅެއް

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމަށް އާ ބޭފުޅަކު އައްޔަންކޮށްފި

04 އޮކްޓޯބަރ 2018

ނިއު ދިއްލީ (އޮކްޓޯބަރު 4) - އިންޑިއާގެ އާ އުއްތަމަ ފަނޑިޔާރަކަށް އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރަންޖަން ގޮގޮއީ އައްޔަން ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ދިއްލީ (އޮކްޓޯބަރު 4) - އިންޑިއާގެ އާ އުއްތަމަ ފަނޑިޔާރަކަށް އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރަންޖަން ގޮގޮއީ އައްޔަން ކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ދީޕަކް މިޝްރާ މިދިޔަ އަންގާރަ ދުވަހު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް އަލަށް އައްޔަން ކުރި ގޮގޮއީ އަކީ އިންޑިއާގެ 46 ވަނަ އުއްތަމަ ފަނޑިޔާރެވެ. އިންޑިއާގެ ރައީސް ރާމް ނާތު ގޯވިންދުގެ ކުރިފުޅުމަތީގައި އުއްތަމަ ފަނޑިޔާރުގެ ހުވާ ކުރައްވައި، އުއްތަމަ ފަނޑިޔާރުގެ މަގާމާ ގޮގޮއީ ހަވާލުވެ ވަޑައިގަތީ އިއްޔެ އެވެ.

އުމުރުން 63 އަހަރުގެ ގޮގޮއީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ރިޓަޔާ ކުރައްވާ އުމުރަށް ދާނެތީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އޭނާ ހުންނަވާނީ 13 މަސް ދުވަހަށެވެ. ކުރިން އައްސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމާއި އެކި ސްޓޭޓްތަކުގެ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ގޮގޮއީ އަކީ އިންޑިއާގެ އިރު އުތުރު ސަރަހައްދަށް ނިސްބަތްވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ގޮގޮއީ އައްޔަން ކުރެއްވުމުގެ ކުރިން މި އަހަރު ކުރީކޮޅު އޭނާ އާއި ސުޕްރީމް ކޯޓުގެ އިތުރު ސީނިއާ ފަނޑިޔާރުންތަކެއް ވަނީ އޭރުގެ އުއްތަމަ ފަނޑިޔާރު މިޝްރާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޕްރެސް ކޮންފަރެންސެއް ވެސް ދީފަ އެވެ. އެއީ އިންޑިއާގެ އުއްތަމަ ފަނޑިޔާރަކާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ފުރަތަމަ ފަހަރަށް ނުކުތް ފަހަރެވެ.

އެކަމަކު އޭގެފަހުން އެ މައްސަލަތައް ހައްލުވެ، އުއްތަމަ ފަނޑިޔާރަކަށް ގޮގޮއީ އައްޔަން ކުރަން އޭނާގެ ނަން އިންޑިއާގެ ރައީސަށް ފޮނުއްވީ ވެސް އެންމެ ފަހުން އެ މަގާމުގައި ހުންނެވި އުއްތަމަ ފަނޑިޔާރު މިޝްރާ އެވެ. އުއްތަމަ ފަނޑިޔާރަކަށް ފަހުން ހުންނެވި މިޝްރާ އަކީ ސުޕްރީމް ކޯޓުގައި ދާދިފަހުން ބޮޑެތި މައްސަލަތަކެއް ބައްލަވައި، ބޮޑެތި ނިންމުންތަކެއް ނިންމެވި ބޭފުޅެކެވެ.