Roadha Mihaaru
ހުޅުމާލެއިން ހަތަރު ލައްކައަށް 400 ގޯތި ވިއްކަނީ

ހުޅުމާލެއިން ހަތަރު ލައްކައަށް 400 ގޯތި ވިއްކަނީ

07 އޮކްޓޯބަރ 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ. ގޯއްޗެއް ވިއްކަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ. ގޯއްޗެއް ވިއްކަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމުގެ ފޯމު މިއަދު ހަވީރު 4:00 އިން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެ ކަމަށެވެ. ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވެ އެވެ. ފޯމު ބަލައިގަންނާނީ މާދަމާއިން ފެށިގެންނެވެ.

ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބިމުގެ އަގަކީ 400 ރުފިޔާ އަށް އަކަފޫޓެއްގެ މަގުން 1،000 އަކަފޫޓު. އެހެންވީމާ 4،000ރ. އަށް މާލޭގެ ރައްޔިތުންނަށް، ދަފްތަރުގެ ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް މި ފުރުސަތު ލިބިގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހުޅުވާލި 400 ގޯއްޗާއެކު، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބި، ހިތްހަމަޖެހުން ގެނެސްދޭނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފައި ވަނިކޮށް މި އިއުލާންކުރި މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތެއް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނުދެ އެވެ. އެކަމަކު، މި މަރުހަލާގައި، އެއްވެސް މަޝްރޫއުތަކެއް ނުހިންގަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން މުއައްސަސާތަކުގައި އަންނަނީ އެދެމުންނެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، 1،000 އަކަފޫޓުގެ ބިމެއްގައި ވަރަށް ފަސޭހަ އިން ތިން ކޮޓަރި ނުވަތަ ހަތަރު ކޮޓަރީގެ އިމާރާތެއް ކުރެވޭނެ އެވެ. އަދި ބުރިބުރި އަށް ވެސް އިމާރާތް ކުރުމުގެ ހުއްދަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ފައިސާ ދެއްކުމަށް ވެސް ސަރުކާރުން ނިންމާފައި ވަނީ ވަރަށް ލުއި ގޮތަކަށް. އެއީ އެއްފަހަރާ ފައިސާ ނުދެއްކޭ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކައިފައި 10 އަހަރަށް ބަހާލައިގެން ބާކީ ބައި ދައްކަން ޖެހޭ ގޮތަށް. އެ ފައިސާ ދައްކަން ޖެހޭނީ އެޗްޑީސީ އަށް،" މުއިއްޒު ވިދާޅުވި އެވެ.

ގޯތި ވިއްކުމަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބިމެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުމާއި ތަރިކައިގެ ގޮތުގައި 600 އަކަފޫޓު ވަރުގެ ބިމެއް ލިބިފައި ނެތުމާއި މާލޭގެ ރަށްވެއްސަކަށް ވުން އަދި ކައިވެންޏެއް ކޮށްގެން ހުރުމެވެ. ގޯތި ދޫކުރުމުގައި ޕޮއިންޓު ދޭ އުސޫލެއް ނުގެންގުޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ޝަރުތު ހަމަވާ ކޮންމެ މީހެއްގެ ނަން ދާނީ ގުރުއަތަށެވެ.

"މި ފަހަރު އަޅުގަނޑުމެން ޕޮއިންޓް ދިނުމުގެ ސިސްޓަމަކަށް ނުދާނަން. ހުރިހާ އެންމެން ހަމަހަމަވުމުގެ އިތުރަށް، ހުށަހަޅާ ހުރިހާ އެޕްލިކޭޝަނެއް ދާނީ ގުރުއަތަށް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑުކޮށެވެ.