Roadha Mihaaru
ގޯތި ވިއްކުން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފަށް!

ހުޅުމާލެ އިން ގޯތި ވިއްކުން އަލުން ފެށީ އޭސީސީގެ އެންގުމާ ޚިލާފަށް!

09 އޮކްޓޯބަރ 2018

ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފެށީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފެށީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް 400،000ރ.ގެ މަގުން ނުއަގުގައި ވިއްކަން ނިންމައި ކުރިމަތިލާން ހުޅުވާލުމުން، އެ މަޝްރޫއު ހުއްޓުވުމަށް ފަހު އޭސީސީން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގުކޮށްފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ވަކި ކަންތައްތަކެއް އިސްލާހު ކުރަން ހައުސިން މިނިސްޓްރީ އަށް އެންގި އެވެ. އެކަމަކު އެ ކަންކަމަށް އަމަލުނުކޮށް މިއަދު ވަނީ ގޯތި ގަތުމުގެ ފޯމު ބަލައިގަންނަން ފަށައިފަ އެވެ.

ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަން ހައުސިން މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

އޭސީސީން ބުނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ހުޅުމާލެ އިން ގޯތި ވިއްކުން ހައުސިން މިނިސްޓްރީން ހުޅުވާލި ސަބަބު ބެލިއިރު، އެކަން އެގޮތަށް ކުރަނީ ރައީސް އޮފީހުގެ ހުއްދައާ އެކު ކަމަށް ފާހަގަވެފައިވާ ކަމަށެވެ. ރައީސް އޮފީހުގެ އޮކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިންމާފައި ވަނީ، އޭސީސީން ބުނިގޮތުގައި، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން އަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށެވެ.

އެހެންކަމުން، ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ފުރަތަމަ ކަމަކަށް، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލަން ހައުސިން މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ގޯތި ވިއްކުން އަލުން ފެށީ އޭސީސީން ހުއްދަ ލިބިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއިރު، މިއަދު ހަވީރު އަލުން ފޯމު ބަލައިގަންނަން ފެށިއިރު މި އުސޫލު އެކުލަވާލައި އާއްމުކޮށްފައެއް ނުވެ އެވެ.

އޭސީސީގެ އެންގުމުގައި ބުނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ އެއްގޮތަށް އެކުލަވާ އެ އުސޫލު އާއްމުކޮށް، ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ކުރިއާލައި އިއުލާން ވެސް ކުރަން ޖެހޭނެ ކަމަށެވެ. އެއާއެކު އަންގާފައި ވާނީ، ފޯމު ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު، ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށްގެން ގޯތި ދޫކުރުން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.

ގޯތި ވިއްކަން ނިންމީ އެޗްޑީސީގެ ކޭޝްފްލޯ ރަނގަޅުކުރަން!

އޭސީސީން ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބެލިއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށް ހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާއީ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ހުރިހާ ބިންތަކެއްގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަން އެޗްޑީސީ އަށް ސިޓީއަކުން ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ. އަދި ދެވަނަ ފިޔަވަހިން ގޯތިތައް ވިއްކުމުގެ މަގްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ހައްލު ހޯދަން ކަން ވެސް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިންމުމުގައި ވަނީ، އޭސީސީން ބުނިގޮތުގައި، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން އަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށެވެ.

"އަދި މީޑިއަމް-ހައި އެންޑް އަށް ހާއްސަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން، ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،000 ރުފިޔާގެ ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި، ސޯޝަލް ހައުސިން އަށް ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީން ކަމަށް 3 އޮކްޓޫބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެ އެވެ،" އޭސީސީގެ ނިންމުމުގައިވެ އެވެ.

ހުޅުމާލެ އިން ގޯތި ވިއްކުމުގެ ކަންކަން ހައުސިން މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ އެކުގައި ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. އެ ނިންމުމުގައި، ރައީސް އޮފީހުން ކަނޑައެޅި ބިންތަކަކީ ސޯޝަލް ހައުސިންއަށް ގޮތުގައި ދޫކުރަން ނިންމައި ޕްރޮސެސްކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ ބިންތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

"....ސޯޝަލް ހައުސިން އަށް 400 ބިން، އަކަ ފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެ އެވެ،" އޭސީސީން ބުންޏެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ ބިމެއްގެ ގޮތުގައި އޮތް ހުޅުމާލެއިން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ. އެ މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށާއި ގޯތި ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

.