Roadha Mihaaru
ޑިމޮކްރަސީއަށް ގެއްލުން ނުދޭން އެމެރިކާގެ އިންޒާރެއް

ޑިމޮކްރަސީއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައި އެމެރިކާއިން އިންޒާރު ދީފި

11 އޮކްޓޯބަރ 2018

ޑިމޮކްރަސީގެ ނިޒާމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައި އެމެރިކާއިން ރާއްޖެ އަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިމޮކްރަސީގެ ނިޒާމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައި އެމެރިކާއިން ރާއްޖެ އަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

އިންޑިޔާގެ ނިއުސް އޭޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ (ޕީޓީއައި) އަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ދެއްވި އިންޓަވިއުއަކާ ހަވާލަދެއްވައި ދަ އިންޑައިން އެކްސްޕްރެސްގައި މިއަދު ބުނެފައި ވަނީ، ޑިމޮކްރަސީ އަށް ގެއްލުން ލިބޭ ގޮތަށް ކަންތައް ކުރާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނީ، އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލިސް ވެލްސް ރާއްޖެ އަށް ވަޑައިގެން ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެން، އެމެރިކާގެ އިސް ޑިޕްލޮމެޓް ވަނީ ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ އިތުރުން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ވެސް ބައްދަލުކުރައްވާފައި ވެ އެވެ.

ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި ބައްދަލުކުރައްވައި އެލިސް ވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ޑިމޮކްރަސީ އަށް ގެއްލުންދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް އެމެރިކާއިން ދީފައިވަނީ، ރިޔާސީ އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް، އެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުއްވި ފަހުންނެވެ. ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

އެ ތަރުޖަމާނު ވިދާޅުވީ ޑިމޮކްރަސީއާ ހިލާފަށް ކުރާ ކަންތައްތަކާއި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވަން ހުރަސްއަޅާ ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އިންތިޚާބުގެ ކުރިން ވެސް ދީފައިވާނެ ކަމަށެވެ.

"ޑިމޮކްރަސީ ފުނޑާލަން ކުރާ އެއްވެސް ކަމެއްގައި އެމެރިކާ އަދި އެމެރިކާއާ ގުޅުންހުރި ގައުމުތަކުން ބަލައެއްނުގަންނާނަން. ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ އެކަމަށް އިހުތިރާމްކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޕީޓީއައިއާ ވާހަކަދައްކަވަމުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށާއި ކޮރަޕްޝަން ނައްތާލުމާއި އިގުތިސޯދާއި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމާއި ތިމާވެށި ހިމާޔަތްކުރަން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23ގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.