Roadha Mihaaru
ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނަގައިފި

ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގައިފި

21 އެޕްރީލް 2022

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން އެ ގެކޮޅަށް ދެންމެ ފުލުހުން ވަދެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން އެ ގެކޮޅަށް ދެންމެ ފުލުހުން ވަދެއްޖެ އެވެ.

ފުލުހުން ގެޔަށް ވަނީ ކޯޓް އަމުރާ އެކުގަ އެވެ. ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަން ވެސް އަމުރު ހޯދައިފަ އެވެ.

ބެނާ ނަގަން ވަނުމުގެ ކުރިން ފުލުހުން ވަނީ އެ ފޮތިގަނޑު ނެގުމަށް އަންގައިފަ އެވެ.

ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ.-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ.-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

ގެޔަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން، ބަލަައި ފާސްކުރަން ބޭނުންވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އަދި އެ ކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވާތީ އެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތަކަށްވާއިރު، އިންޑިއާ އައުޓް ބެނާ ދެމުން ފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތައް ވެސް ނުރައްކަލަށް ހުށަހެޅި ރާއްޖެއާ ދިވެހިންގެ މަސްލަހަތަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާނެ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އިންޑިއާ އައުޓު ބެނާތައް ނެގުމަށް ޔާމީންގެ ގެކޮޅު ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

އިންޑިއާ އައުޓު ބެނާތައް ނެގުމަށް ޔާމީންގެ ގެކޮޅު ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު

ބެނާތައް ނަގަން ފުލުހުން ލިޔުމުން އެންގީ "އާންމު މަސްލަހަތު ރައްކާތިކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް" ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.