Roadha Mihaaru
ފިޔަވަޅު އަޅަން އީޔޫއިން ޖެހިލުން ނުވާނެ ކަމަށް ބުނެފި

ބާރުތައް ބަދަލުކުރަން ދަތިކުރާ ނަމަ އީޔޫ އިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

15 އޮކްޓޯބަރ 2018

ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެ އެވެ.

ޒެކޯވްސްކީ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.

ރައީސް ޔާމީން ގެންދަވަނީ ސުޕްރީމް ކޯޓު ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ޒެކޯވްސްކީ ވިދާޅުވެފައިވެ އެވެ.

"އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުމެއް ނުވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ވެރިކަމުގެ ބާރުތައް ބަދަލު ކުރަން ދެކޮޅު ހަދާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން އެމެރިކާ އިން ވެސް ވަނީ އިންޒާރު ދީފަ އެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ގެއްލުންވާނެ ފަދަ ގޮތަކަށް ރައީސް ޔާމީން ކަންތައް ކުރައްވަމުން ގެންދަވާތީ އެމެރިކާއިން އެކަމާ ކަންބޮޑުވޭ. ވެރިކަމުގެ ބާރުތައް އަމާންކަމާއެކު ބަދަލުކުރުމަށް ދެކޮޅު ހަދާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނާނެ،" ދެކުނު އަދި މެދު ތެރޭ އޭޝިޔާ ބިއުރޯގެ ނައިބު ތަރުޖަމާނު ޕައްލަޑީނޯ ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުން ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ޔާމީން ވަނީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. މާދަމާ އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވާނެ އެވެ.

ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާފައި ވަނީ 134،705 ވޯޓު ހޯއްދަވައިގެނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 16 ޕަސެންޓު ފަރަގު ހުއްޓެވެ.